ހޫނުމޫސުމަށް ތައްޔާރުނުވުމުގެ އަގު ފުރާނައިން ދައްކަންޖެހޭނެ: ޑަބްލިޔުއެޗްއޯ

ޔޫރަޕްގެ ހޫނުމިން މަތިވަމުންދަނީ އެހެން ސަރަހައްދުތަކަށްވުރެ ދެގުނަ އަވަސް މިނެއްގައި

ހޫނުމޫސުމަށް ތައްޔާރުނުވުމުގެ އަގު ފުރާނައިން ދައްކަންޖެހޭނެ: ޑަބްލިޔުއެޗްއޯ

ޔޫރަޕަށް މިހާރު ކުރިމަތިވެފައިވާ ހޫނުގަދަ ދުވަސްތަކަކީ އަދި ފެށުމެއް ކަމަށާއި، މިއީ ކުރިއަށް އޮތް ބޮޑު ނުރައްކަލެއްގެ "ފަރިތަކުރުމެއް" ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން އިންޒާރު ދީފިއެވެ.

މިއަހަރުގެ ޖޫން މަހަކީ ޔޫރަޕްގެ ތާރީހުގައި ވެސް ރެކޯޑް މިންވަރަކަށް ހޫނުމިން މަތިވި މަހެކެވެ. ގިނަ ގައުމުތަކެއްގެ ފިނިހޫނުމިން އިންތިހާއަށް މައްޗަށް ގޮސް، ހޫނުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޔޫރަޕް ސަރަހައްދުގެ ޑައިރެކްޓަރ ޑރ. ހޭންސް ހެންރީ ކްލޫގާ ވިދާޅުވި ގޮތުގައި، މިހާރު ފެންނަމުންދާ ހޫނުގަދަ ރާޅުތަކަކީ ހަމައެކަނި ފެށުމެކެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގެ ހޫނު މޫސުންތައް މިއަށްވުރެ މާ ބޮޑަށް ވެސް ދަތިވާނެ ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

ޔޫރަޕްގެ ހޫނުމިން މަތިވަމުންދަނީ ދުނިޔޭގެ އެހެން ސަރަހައްދުތަކުގެ އެވްރެޖް މިންވަރަށް ވުރެ ދެގުނަ އަވަސް މިނެއްގައެވެ. ޑރ. ކްލޫގާ ފާހަގަކުރެއްވި ގޮތުގައި، މިފަދަ ހޫނުގަދަ ދުވަސްތަކަކީ މިހާރު މަދުން ދިމާވާނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ ތަކުރާރުވަމުންދާ، ދިގުލައިގެންދާ، އަދި ނުރައްކާތެރިކަން އިތުރުވަމުންދާ ކާރިސާއެކެވެ.

މިދިޔަ ޖޫން މަހުގެ 24 އިން ފެށިގެން އެކަނިވެސް ފްރާންސް އިން ވަނީ ހޫނުގެ ސަބަބުން 1000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. މީގެ ތެރޭގައި ގިނައީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. އަދި ބައެއް ސިޓީތަކުގައި ކުއްލި ހާލަތްތަކުގައި އެހީއަށް އެދި ކުރާ ކޯލްތަކުގެ އަދަދު ވަނީ 50 އިންސައްތައަށް އިތުރުވެފައެވެ. ހަމައެއާއެކު، ސްޕެއިންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖޫން މަހު އެކަނިވެސް ހޫނުގެ ސަބަބުން 892 މީހުން ވަނީ މަރުވެފައެވެ.

ކްލޫގާ އިތުރަށް ވިދާޅުވީ، ހޫނު މޫސުމުގެ މިފަދަ ކާރިސާތަކަށް ތައްޔާރުނުވެ ހޭދަކުރާ ކޮންމެ އަހަރަކީ، އޭގެ އަގު އިންސާނުންގެ ފުރާނައިން ދައްކަންޖެހޭނެ އަހަރެއް ކަމަށެވެ.