ދޫނިރޯގާ ފެތުރޭތީ ޒޫ ބަންދުކޮށް، ހަލައްކައެއްހާ ކުކުޅު ނައްތާލައިފި
ނޭޕާލުގެ 11 ޑިސްޓްރިކްޓަކުން ދޫނި ރޯގާ ވަނީ ފެނިފަ
ދޫނި ރޯގާ ފެތުރޭތީ ނޭޕާލްގައި ޒޫ ބަންދުކޮށް، 596000 އަށްވުރެ ގިނަ ކުކުޅު ނައްތާލައިފިިއެވެ. ނޭޕާލުގައި ދޫނި ރޯގާގެ ބަލިމަޑުކަން ފެތުރެން ފެށީއްސުރެ، ސަރުކާރުގެ އޮފިޝަލުންގެ ބެލުމުގެ ދަށުން ގިނަ އަދަދެއްގެ ކުކުޅާއި ގެންގުޅޭ އެހެނިހެން ދޫނި ސޫފާސޫފި ނައްތާލާފައިވާއިރު، މިލިއަނަކަށްވުރެ ގިނަ ބިސް ވެސް ވަނީ ނައްތާލާފައެވެ.
ޑިޕާޓްމަންޓް އޮފް ލައިވްސްޓޮކް ސާވިސަސްގެ ޑިރެކްޓަރ ޖެނެރަލް އުމޭޝް ދަހާލް ވިދާޅުވި ގޮތުގައި، ނޭޕާލުގެ 11 ޑިސްޓްރިކްޓަކުން ދޫނި ރޯގާ ވަނީ ފެނިފައެވެ. މީގެ ތެރޭގައި ކަތަމަންޑޫގެ ތިން ސަރަހައްދެއް ވެސް ހިމެނެއެވެ. އެންމެ ބޮޑަށް ބަލި ފެތުރިފައިވަނީ ވެސް މި ސަރަހައްދުތަކުގައެވެ.
ކަމާބެހޭ ފަރާތްތަކުން ލަފާކުރާ ގޮތުގައި ބަލި ފެތުރެނީ ކާޅުގެ ޒަރީއާއިންނެވެ. މިކަމާ ގުޅޭގޮތުން ދަހާލް ވިދާޅުވީ، ބަލި ޖެހިގެން ކާޅުތައް މަރުވަމުންދާތީ އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި ކާޅަކީ ވަލު ދޫންޏަކަށް ވާތީ، އެ އެއްޗެހީގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމަކީ އިންތިހާއަށް އުނދަގޫ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ނޭޕާލުން އެންމެ ފުރަތަމަ ދޫނި ރޯގާ ފެނިފައިވަނީ 2009 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.
"އެޗް5" ވައްތަރުގެ މި ރޯގާއަކީ މުޅި ދުނިޔޭގައި ވެސް ދޫނި ސޫފާސޫފީގެ މެދުގައި ވަރަށް ހަލުވިކަމާއެކު ފެތުރި، ގިނަ އަދަދެއްގެ ދޫނި މަރުވާ ބައްޔެކެވެ. ދޫނި ރޯގާޖެހިގެން އިންސާނުން ވެސް މަރުވެއެވެ. ނަމަވެސް، ނޭޕާލުގައި މިހާތަނަށް މި ބަލީގައި އިންސާނަކު މަރުވިކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
ކޯވިޑް-19 ގެ ބަލިމަޑުކަމަށްފަހު، ވެރިރަށް ކަތަމަންޑޫގައި ހުންނަ ޒޫ ފުރަތަމަ ފަހަރަށް ބަންދުކުރީ މިދިޔަ ޖޫން މަހުގެ ކުރީކޮޅުގައެވެ. ޒުލުގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ޒުލުގައި ތިބި ބައެއް ދޫނިތަކާއި ޖަނަވާރުތަކަށް ދޫނި ރޯގާވަނީ ޖެހިފައެވެ. ދޫނި ރޯގާޖެހިގެން ޒުލުން ބާޒާއި، ކޮތަރާއި އަދި ބައެއް ވައްތަރުގެ ބަކަމޫނު މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ވައިރަސް ކޮންޓްރޯލް ކުރެވެންދެން މި ޒޫ އޮންނާނީ މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފައެވެ.


