އިންޑިއާގައި އަނެއްކާވެސް މިސްކިތެއް ނައްތާލަނީ

މިސްކިތައް ދީފައިވާ ފެންކަނޑާލުމުގެ އަމުރު ނެރެފި

އިންޑިއާގައި އަނެއްކާވެސް މިސްކިތެއް ނައްތާލަނީ

މުމްބާއީގެ މުނިސިޕަލް ކޯޕަރޭޝަން (ބީ.އެމް.ސީ) އިން މުމްބާއީގެ ޗާތުރަޕަތީ ޝިވާޖީ މަހާރާޖް އިންޓަނޭޝަނަލް އެއާޕޯޓް (ސީ.އެސް.އެމް.އައި.އޭ) ހިންގާ އިދާރާތަކަށް ނޯޓިސްއެއް ފޮނުވައި، އެއާޕޯޓާ އިންވެގެން ހުރި މިސްކިތަށް ދީފައިވާ ފެނުގެ ހިދުމަތަކީ ގަވާއިދާ ހިލާފަށް ދީފައިވާ ހިދުމަތެއް ކަމަށް ބުނެ، އެ ކަނެކްޝަން ވަގުތުން ކަނޑާލުމަށް އަންގައިފިއެވެ.

ކަމާބެހޭ އިދާރާތަކުން މި ފިޔަވަޅު އަޅާފައިވަނީ، "ގަވާއިދާ ހިލާފަށް" ބިނާކޮށްފައިވާ ދީނީ ތަން ނައްތާލުމަށް މުމްބާއީ މެޓްރޯޕޮލިޓަން ރީޖަން ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެމް.އާރް.ޑީ.އޭ) އިން އެއާޕޯޓްގެ އިސްވެރިންނަށް އެންގިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. ބީ.އެމް.ސީ އިން އެއާޕޯޓްގެ އެގްޒެކެޓިވް އިންޖިނިއަރަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އެ މިސްކިތަށް ގާނޫނީ ގޮތުން ފެނުގެ ހިދުމަތް ދޫކޮށްފައިވާކަމުގެ އެއްވެސް ރެކޯޑެއް އެ އިދާރާގައި ނެތް ކަމަށެވެ.

"ވީމާ، އެއާޕޯޓްގެ ޓާމިނަލް 2 ގައި ހުރި މިސްކިތަށް ފެނުގެ ހިދުމަތް ދިނުމަށް ކަމާބެހޭ އިދާރާއިން (ބީ.އެމް.ސީ) ދޫކޮށްފައިވާ ހުއްދައިގެ ކޮޕީއެއް ހުށަހެޅުމަށް ނުވަތަ 7 ދުވަހުގެ ތެރޭގައި ފެން ކަނޑާލުމަށް އަންގަމެވެ. މިގޮތަށް އަމަލުނުކޮށްފިނަމަ، މުމްބާއީ މުނިސިޕަލް ކޯޕަރޭޝަން (އެމް.އެމް.ސީ) ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ،" ބީ.އެމް.ސީގެ ނޯޓިސްގައި ބުނެފައިވެއެވެ.

މީގެ ކުރިން، ސެޕްޓެމްބަރު 8 ވަނަ ދުވަހު، ބާރަތިޔާ ޖަނަތާ ޕާޓީ (ބީ.ޖޭ.ޕީ) ގެ ލީޑަރު އަދި ކުރީގެ މެންބަރު ކިރިތު ސޯމައްޔާ ވަނީ މުމްބާއީ އެއާޕޯޓްގެ ޓާމިނަލް 2 ކައިރީގައި ހުރި މިސްކިތް ނައްތާލުމަށް ގޮވާލާފައެވެ. ސޯމައްޔާ ހުށަހެޅި ޝަކުވާގައި ބުނެފައިވަނީ، އެ މިސްކިތް ހިންގަމުންދަނީ އެއާޕޯޓްގެ ބައިނަލްއަގުވާމީ ޓާމިނަލްގެ ޓެކްސީ ސްޓޭންޑް ސަރަހައްދުގައި އެއްވެސް ސައްހަ ހުއްދައެއް ނެތި ކަމަށެވެ.

މިއާ ގުޅިގެން އެމް.އެމް.އާރް.ޑީ.އޭ އިން ވަނީ އެއީ ގަވާއިދާ ހިލާފު ބިނާއެއް ކަމަށް ކަނޑައަޅައި، އެއާޕޯޓް ސަރަހައްދު ތަރައްގީކުރުމުގެ ވަގުތީ ޕްލޭންގައި އާންމުކޮށް އަޅުކަން ކުރާނެ ތަނެއް ގާއިމުކުރުމަށް އެއްވެސް ޖާގައެއް ދީފައި ނުވާނެ ކަމަށް ބުނެފައެވެ.

"ހަތަރު ހަފުތާގެ ތެރޭގައި އެ ތަން ހުސްކުރުމަށް އެމް.އެމް.އާރް.ޑީ.އޭ އިން މިހާރު ވަނީ މިސްކިތަށް ނޯޓިސް ފޮނުވާފައެވެ. އެހެން ނޫންނަމަ އެ ތަން ތަޅާލެވޭނެއެވެ. ބީ.އެމް.ސީގެ ނޯޓިސްއިން ވެސް އެ ބިނާގެ ގާނޫނީ ހައިސިއްޔަތެއް ނެތްކަން ސާފުވެއެވެ. އަދި އެ ތަން ވަގުތުން ތަޅާލުމުގެ މަސައްކަތް ފެށުމަށް އެދި މިއަދު މުމްބާއީ ފުލުހުންނަށް ވެސް މައްސަލަ ހުށަހަޅާނަން،" ސޯމައްޔާ 'ދަ އިންޑިއަން އެކްސްޕްރެސް' އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

މީގެ އިތުރުން، އެމް.އެމް.އާރް.ޑީ.އޭ އިން ނެރުނު ބަޔާނުގައި، މި މައްސަލައިގެ މުޅި ޒިންމާ މުމްބާއީ އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓެޑް (އެމް.އައި.އޭ.އެލް) އިން އުފުލަންޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި މުމްބާއީ މެޓްރޯޕޮލިޓަން ރީޖަން ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެމް.އާރް.ޑީ.އޭ) އިން އިތުރަށް ފާހަގަކޮށްފައިވަނީ، އެއާޕޯޓްގެ ބިން ބޭނުންކުރުމުގެ މާސްޓަރ ޕްލޭންގެ ދަށުން އެ ސަރަހައްދަކީ ހަމައެކަނި އެއާޕޯޓްގެ އޮޕަރޭޝަންތަކަށް ހާއްސަކުރެވިފައިވާ ބިމެއް ކަމަށެވެ. އަދި އެއްވެސް ބާވަތެއްގެ ދީނީ ބިނާއެއް އެތަނުގައި ހުރުމަކީ ސަލާމަތީ ގޮތުންނާއި އިދާރީ ގޮތުން ބަލާއިރު އުސޫލުތަކާ ހިލާފު ކަމެއް ކަމަށް އެ އިދާރާއިން ދެކެއެވެ.

އެއާޕޯޓް ހިންގާ ކުންފުނި، މުމްބާއީ އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓެޑް (އެމް.އައި.އޭ.އެލް) އަށް ފޮނުވި ރަސްމީ ލިޔުންތަކުގައި ބަޔާންކޮށްފައިވަނީ، މިސްކިތް ހުރި ބިމަކީ ސަރުކާރުން އެއާޕޯޓް ތަރައްގީކުރުމަށް ދޫކޮށްފައިވާ ބިމަކަށް ވާތީ، އެ ބިމުގައި ހިނގާ އެންމެހައި ގަވާއިދާ ހިލާފު ހަރަކާތްތަކެއް ހުއްޓުވުމަކީ އެ ކުންފުނީގެ މަސްއޫލިއްޔަތެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން މުމްބާއީގެ ސިޔާސީ މަސްރަހުގައި ވެސް ބަހުސްތަކެއް އުފެދިފައިވާއިރު، ކަމާބެހޭ އިދާރާތަކުން ނިންމާފައިވަނީ ދީފައިވާ މުހުލަތުގެ ތެރޭގައި އެ ބިނާ ހުސްނުކޮށްފިނަމަ، ފުލުހުންގެ އެހީތެރިކަމާއެކު އެ ތަން ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. ބީ.އެމް.ސީ އާއި އެމް.އެމް.އާރް.ޑީ.އޭ އިން އަންނަނީ މި މައްސަލައިގައި ގުޅިގެން ފިޔަވަޅުތައް އަޅަމުންނެވެ.