އިންޑިއާ މިނިވަންވީ ފަހުން ދެކޭ އެންމެ އަނދިރި ވަގުތު
އެއްވެސް ކުށްވެރިއަކު ސަލާމަތް ނުވާނެ އަދި އަހަރެމެންގެ އަންހެން ދަރިންނަށް އިންސާފު ލިބޭނެ: މޯދީ
އިންޑިއާގެ އުތުރުގައި އުމުރުން އެންމެ 8 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ރަހުމުކުޑަ ގޮތަކަށް ޖިންސީ ގޯނާކޮށް މަރާލި ހާދިސާއާ ގުޅިގެން މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. އަށް އަހަރުގެ ކުޑަކުއްޖަކަށް ރަހުމުކުޑަ ގޮތަކަށް އަނިޔާވެރިވުމަކީ އިންސާނިއްޔަތުކަން ކުޑަވެފައިވާ މިންވަރު ހާމަވާ ކަމެއް ކަމަށާއި މި ވަގުތަކީ އިންޑިއާ މިނިވަން ވީއްސުރެ ދެކޭ އެންމެ އަނދިރި ވަގުތުކަމަށް ރިޓަޔަރޑް ސިވިލްސަރވަންޓް ގްރޫޕަކުން ބޮޑުވަޒީރު މޯދީއަށް ފޮނުވި ސިޓީއެއްގައި ބުނެފިއެވެ.
އަނިޔާވެރި ރަހުމުކުޑަ ގޮތަކަށް މަރާލާފައިވާ އަށް އަހަރުގެ އާސިފާ ބާނޯއަކީ އިންޑިއާގެ ޖައްމޫ އެންޑް ކަޝްމީރުގެ ހިމަލަޔަން ފަރުބަދަމަތީ ސަރަހައްދުތަކުގައި ގެރިބަކަރި ހުއިހައްޕައިގެން ދިރިއުޅޭ "ބައްކަރްވާލް" ނަމަކަށް ކިޔާ މުސްލިމް ގަބީލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހު، ޖަންގަލި ތެރެއަށް އަސްތައް ހޯދަން ދިޔަ ގޮތަށް ހަބަރެއް ނުވެ ދެދުވަސް ވުމުންނެވެ. އޭގެ ފަސް ދުވަސް ފަހުން އޭނާގެ ހަށިގަނޑު ފެނުނެވެ.
އިންޑިއާގެ ނޫސް އޭޖެންސީއެއް ކަމަށްވާ "ފަސްޓްޕޯސްޓް" އިން ފުލުހުންގެ ތަހުގީގާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ކުއްޖާ ވަނީ ވަގަށް ނަގައި، މަސްތުވާ އެއްޗެއް ދީގެން ގުރޫޕް ރޭޕްކޮށްފައެވެ. އަދި އޭގެ ފަހުން ކަރުގައި ހިފާ މަރާލާފައިވާ ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.
ތަހުގީގީ އިދާރާތަކުން ތުހުމަތުކުރާ ގޮތުގައި، ސަރުކާރުގެ ރިޓަޔަރޑް އޮފިސަރެއް ކަމަށްވާ ސަންޖީ ރާމް މި ޖަރީމާ ރޭވީ އެ ސަރަހައްދުގައި އުޅޭ މުސްލިމް ގަބީލާގެ މީހުން ބިރުގަންނަވައި، އެތަނުން ފޮނުވާލުމަށެވެ. މި މައްސަލައިގައި ދެން ތުހުމަތު ކުރެވެނީ ރާމްގެ ދަރިއާއި، އޭނާގެ އާއިލާގެ ކުޑަކުއްޖަކާއި، ރާމްގެ ރަހުމަތްތެރިއެއްގެ އިތުރުން ހަތަރު ފުލުހުންނަށެވެ. މީގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ހެކި ނައްތާލި ކަމުގެ ތުހުމަތުވެސް ކުރެވެއެވެ.
އޭޕީ ނިއުސް އެޖެންސީން ރިޕޯޓްކުރި ގޮތުގައި، މި މައްސަލައިގައި ހިމެނޭ އަށް މީހުންވެސް ކޯޓަށް ހާޒިރުކުރުމުން ވަނީ ކުށަށް އިންކާރުކޮށްފައެވެ. މައްސަލައިގައި ތުހުމަތު ކުރެވޭ ހުރިހާ އެންމެންނަކީވެސް ހިންދޫންނެވެ. ފެބްރުއަރީ މަހު، ހިންދޫ ހަރުކަށި ފިކުރުގެ ޖަމާއަތަކުން ވަނީ ތުހުމަތު ކުރެވޭ މީހުންގެ ދިފާއުގައި ކަތުއާ ސިޓީގައި މުޒާހަރާކޮށްފައެވެ. މި މުޒާހަރާގައި ސްޓޭޓް މިނިސްޓަރުންނާއި، ވެރިކަންކުރާ ބީޖޭޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.
މުޒާހަރާގެ ބައިވެރިން ބުނަމުންދިޔައީ، މުސްލިމުންގެ އަގުލަބިއްޔަތު އޮންނަ އެ ސްޓޭޓްގެ ފުލުހުންގެ ތަހުގީގަށް އިތުބާރު ނުކުރެވޭނެ ކަމަށާއި، އެހެންކަމުން މައްސަލަ ފެޑެރަލް ތަހުގީގީ އިދާރާއަކަށް ބަދަލުކުރުމަށެވެ. މިމަހުގެ ކުރީކޮޅު ފުލުހުން ދައުވާ އުފުލުމަށް ކޯޓަށް ދިޔުމުން، ހިންދޫ ވަކީލުންގެ ގުރޫޕަކުން ވަނީ ފުލުހުންނަށް ހުރަސްއަޅާފައެވެ. މިއީ ދީނީ ތަފާތުކުރުން މައްސަލައިގެ ތެރެއަށް ވައްދާފައިވާ މިންވަރު ހާމަވާ ކަމެކެވެ.
ޖަރީމާގެ ތަފްސީލުތައް ހާމަވަމުން ދިޔަ ވަރަކަށް، އިދިކޮޅު ޕާޓީތަކުން ދަނީ ބީޖޭޕީން މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންނަށް ތާއީދުކުރާތީ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
އިންޑިއާގެ އެންޑީޓީވީން ބުނި ގޮތުގައި، ފިލްމީ ތަރިންނާއި މަޝްހޫރު ފަރާތްތަކުން ސޯޝަލް މީޑިއާގައި މިކަމާ ހިތާމަ ފާޅުކުރަމުން ދާއިރު، މުޅި ގައުމުގައި ދަނީ މުޒާހަރާތައް ބާއްވަމުންނެވެ. އާދިއްތަ ދުވަހު ދިއްލީގައި ބޭއްވި ބޮޑު މުޒާހަރާގައި، ކުށްވެރިންނަށް ސަރުކާރުން ހިމާޔަތް ނުދިނުމަށާއި އިންސާފު ގާއިމުކުރުމަށް ގޮވާލާފައިވެއެވެ.
މައްސަލައިގައި ގިނަ ދުވަސްތަކެއް ވަންދެން ހަނު ހުންނެވުމަށްފަހު، ބޮޑުވަޒީރު މޯދީ ވިދާޅުވީ "އެއްވެސް ކުށްވެރިއަކު ސަލާމަތް ނުވާނެ އަދި އަހަރެމެންގެ އަންހެން ދަރިންނަށް އިންސާފު ލިބޭނެ" ކަމަށެވެ. މީގެ އިތުރުން، ކުށްވެރިންގެ ދިފާއުގައި މުޒާހަރާގައި ބައިވެރިވި ބީޖޭޕީގެ ދެ މިނިސްޓަރަކު ވަނީ ފާޑުކިޔުންތައް އަމާޒުވުމުން އިސްތިއުފާ ދެއްވާފައެވެ. މައްސަލައިގައި ވަކިފަރާތަކަށް ނުޖެހޭކަން ދެއްކުމުގެ ގޮތުން، ސަރުކާރުން ވަނީ މުސްލިމަކަށް ނުވަތަ ހިންދޫއަކަށް ނުވާ ދެ ޕްރޮސިކިއުޓަރުން މި މައްސަލައަށް އައްޔަންކޮށްފައެވެ.
މިދަނޑިވަޅުގައި، ރިޓަޔަރޑް ސިވިލް ސާވަންޓުންގެ ގުރޫޕަކުން މޯދީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، އަށް އަހަރުގެ ކުޑަކުއްޖަކަށް މިފަދަ ރަހުމުކުޑަ ގޮތަކަށް އަނިޔާވެރިވުމަކީ އިންސާނިއްޔަތުކަން ކުޑަވެފައިވާ މިންވަރު ހާމަވާ ކަމެއް ކަމަށެވެ. އަދި މިއީ އިންޑިއާ މިނިވަންވީ ފަހުން ދެކޭ އެންމެ އަނދިރި ވަގުތުކަން ފާހަގަކޮށް، ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ އިސްވެރިންގެ ފަރާތުން ފެންނަ އިޖާބައަކީ އެކަށީގެންވާ ވަރަށްވުރެ މާ ދެރަ އަދި ބަލިކަށި އިޖާބައެއް ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.


