މީހަކު އޭނާގެ އަނބިމީހާ އާއި 15 އަހަރުގެ ދަރިފުޅު މަރާލައިފި

އާއިލީ ދެބަސްވުމެއްގައި ހިނގި ކަމެއް ނަމަވެސް، މަރުގެ ހަގީގަތް އެނގޭނީ ތަހުގީގަށްފަހު

މީހަކު އޭނާގެ އަނބިމީހާ އާއި 15 އަހަރުގެ ދަރިފުޅު މަރާލައިފި

އިންޑިއާގެ ގާޒިއާބާދުގެ ކޯދާ ކޮލޮނީގައި މީހަކު އޭނާގެ އަނބިމީހާއާއި 15 އަހަރުގެ އަންހެން ދަރިފުޅު މަރާލައި، 14 އަހަރުގެ އަނެއް އަންހެން ދަރިފުޅު ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މައްސަލައިގައި ތުހުމަތުކުރެވޭ ރާޖާ އަންސާރީ މިހާރު ހައްޔަރުކޮށް ސުވާލުކުރަމުންނެވެ. ފުލުހުން ދަނީ އާއިލީ މައްސަލައެއްގެ ސަބަބުން ހިނގި ކަމަށް ބެލެވޭ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހާދިސާ ހިންގާފައިވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ގާޒިއާބާދުގެ ކޯދާ ކޮލޮނީގެ ލޮކްޕްރިޔާ ވިހާރު ސަރަހައްދުގައެވެ. މިކަމުގެ މައުލޫމާތު ލިބުމާއެކު ފުލުހުންގެ ޓީމެއް އެ ސަރަހައްދަށް ގޮސް، ޒަހަމްވި ކުއްޖާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. މިހާރު އެ ކުއްޖާގެ ފުރާނައަށް ނުރައްކަލެއް ނެތް ކަމަށާއި، ފަރުވާ ދެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ބުނި ގޮތުގައި، ހޮނިހިރު ދުވަހު ލޮކްޕްރިޔާ ވިހާރުގެ ގަލީ ނަންބަރު 3 ގައި މީހަކު އޭނާގެ އަނބިމީހާއާއި ދަރިއަކު މަރާލާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނެވެ. ހަބަރު ލިބުމާއެކު ފުލުހުންގެ ޓީމެއް އެ ތަނަށް ދިޔައެވެ.

ތަހުގީގުން އެނގުނު ގޮތުގައި، ބިހާރުގެ އަރާރިއާއަށް ނިސްބަތްވާ ތުހުމަތުކުރެވޭ ރާޖާ އަންސާރީ ދިރިއުޅެމުން ދިޔައީ ލޮކްޕްރިޔާ ވިހާރުގެ އިމާރާތެއްގެ ހަތަރުވަނަ ބުރީގައި އޭނާގެ  އަނބި ބީބީ ތަބައްސުމް އާއި ދެ އަންހެން ދަރިން ކަމަށްވާ ސަނާ ތަބައްސުމް އާއި ރޫބީ ތަބައްސުމްއާ އެކުގައެވެ.

ރާޖާ އަންސާރީ އޭނާގެ އަނބި ބީބީ ތަބައްސުމް އާއި 15 އަހަރުގެ ދަރިފުޅު ސަނާ ތަބައްސުމްއަށް ހަމަލާދީފައިވަނީ މެންދަމުއެވެ. މި ހަމަލާގައި އެ ދެމީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން އޭނާގެ އަނެއް ދަރިފުޅު، 14 އަހަރުގެ ރޫބީ ތަބައްސުމް ވެސް ވަނީ ޒަހަމްވެފައެވެ.

ހާދިސާ ހިނގިކަން އެނގުމާއެކު އެ ސަރަހައްދުގެ މީހުން ވަނީ ފުލުހުންނަށް އަންގާފައެވެ. ފުލުހުން ވަގުތުން ވަނީ ޒަހަމްވި ކުއްޖާ އެމް.ޖީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.

މަރުވި ދެމީހުންގެ ހަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ތުހުމަތުކުރެވޭ ރާޖާ އަންސާރީ ހައްޔަރުކޮށް، މިކަން ހިނގައިދިޔަ ގޮތާ ބެހޭގޮތުން ތަފްސީލީ ސުވާލުތައް ކުރަން ފަށާފައެވެ. ފުރަތަމަ ލިބުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި މިއީ އާއިލީ ދެބަސްވުމެއްގެ ތެރެއިން ހިނގި ކަމެއް ނަމަވެސް، މަރުގެ ހަގީގީ ސަބަބު އެނގޭނީ ފުލުހުންގެ ތަހުގީގާއި ސުވާލުކުރުންތަކަށް ފަހު ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

ފުލުހުން ދަނީ ހާދިސާ ހިނގި ތަނުން ހެކި އެއްކޮށް، ކައިރީގައި ތިބި މީހުންނާ ސުވާލު ކުރަމުންނެވެ.

އިންދިރާޕޫރަމްގެ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭ.ސީ.ޕީ) ސޫރިޔާބާލީ މައުރިޔާ މި ޖަރީމާއާ ބެހޭގޮތުން ވިދާޅުވީ، " ހޮނިހިރު ވިލޭރޭ ދަންވަރު 12:15 ހާއިރު، ލޮކްޕްރިޔާ ވިހާރުގެ ގަލީ ނަންބަރު 3 ގައި މަރުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު. ފުލުހުން ވަގުތުން އެ ސަރަހައްދަށް ދިޔަ. ތަހުގީގުން އެނގުނީ ރާޖާ އަންސާރީ އޭނާގެ އަނބި ބީބީ ތަބައްސުމް އާއި ދަރިފުޅު ސަނާ ތަބައްސުމް މަރާލާފައިވާ ކަމާއި، އަދި އަނެއް ދަރިފުޅު ރޫބީ ތަބައްސުމް ޒަހަމްވެފައިވާ ކަން." އެނގުނު ކަމަށެވެ.

އޭ.ސީ.ޕީ މައުރިޔާ އިތުރަށް ވިދާޅުވީ، ތުހުމަތުކުރެވޭ މީހާ ހައްޔަރުގައި ބަހައްޓައިގެން ސުވާލުކުރަމުންދާ ކަމަށާއި، ގާނޫނީ ގޮތުން ކުރަންޖެހޭ އިތުރު މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. ފުލުހުން މިހާރު ދަނީ މި ހަމަލާ ދިނުމަށް ތުހުމަތުކުރެވޭ މީހާއަށް މަޖުބޫރުވީ ކޮން ކަމަކާ ގުޅިގެންތޯ ބަލައި ތަހުގީގު ކުރަމުންނެވެ.