ފެނަކައިގެ ދަރަނި ދެއްކުމާ ޔާމީނު ހަވާލުވަނީ؟

ފެނަކައާއި އެކު މަސައްކަތް ކުރާ ފަރާތް ތަކުން ފެނަކައަށް އިތުބާރު ކުރޭ

ފެނަކައިގެ ދަރަނި ދެއްކުމާ ޔާމީނު ހަވާލުވަނީ؟

ފެނަކައިގެ ދަރަނިތައް ހަލާސް ކޮށްދޭން ބޭނުން ވެގެން ބަޔަކު ހާދަވަރަކަށް އެބައުޅެއެވެ. އެ ބަޔަކަށް ފެނަކައިގެ ދަރަނިތައް އަދާކޮށް ދެވޭނީ ފައިސާ ދޭންޖެހޭ ބަޔަކާ އަދަދުތައް އެނގިގެންތާއެވެ. އެކަމަށް އެދިއެދި ފެނަކައިން އަޅާވެސް ނުލީތާއެވެ. މައުލޫމާތު ހޯދާ ލިބުގަތުމުގެ ގާނޫނުގެ ދަށުން ވިޔަސް އެ މައުލޫމާތު ހޯދާ ފެނަކައިގެ ދަރަނިތައް ހަލާސް ކޮށްދޭން އެ ބަޔަކު ހާދަ ހިތްވަރެއް އެބަކުރެއެވެ.

އެނގޭ ހެއްޔެވެ. ފެނަކައަކީ ރާއްޖޭގެ އެންމެ ގިނަ ރަށްރަށުގައި އަސާސީ ހިދުމަތް ގާއިމުކޮށް ހިދުމަތްދޭ ކުންފުންޏެވެ. ހިދުމަތް ދިނުމުގެ ގޮތުން އެ ކުންފުންޏަށް ލޯނުވެސް ނަގާނެއެވެ. އަގު ދޭގޮތަށް އެކި އެކި ފަރާތްތައް ލައްވާ މަސައްކަތް ވެސް ކުރުވާނެއެވެ. މަސައްކަތް ކުރުވާ ފަރާތަކާ އެއްބަސް ވެވޭ ގޮތަކަށް މަސައްކަތުގެ އަގު ދައްކަމުން ވެސް ދާނެއެވެ.

އެކި ފަރާތްތަކުން ފެނަކައަށް ހޯދާ ހުރިހާ ހިދުމަތަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި ވެސް ހުންނާނެއެވެ. އެ ގޮތަށް ފެނަކައަށް އެކި ފަރާތްތަކުން ލިބެންޖެހޭ އެތައް ފައިސާއެއް ވެސް ނުލިބި ހުންނާނެއެވެ. މި ޒަމާނުގެ ވިޔާފާރީގައި ގުޅިގެން މަސައްކަތް ކުރާ އެއްފަރާތުން އަނެއް ފަރާތައް ފައިސާ ދައްކަން އޮތުމަކީ ވިޔާފާރީގެ އާއްމު އުސޫލެވެ. ދެ ފަރާތުގެ އިތުބާރު އެ ކަމުން ވަރަށް ބޮޑަށް އިތުރު ވާކަން ދިރާސާތަކުން ދައްކައެވެ. ކިރިޔާވެސް ހެލިފެލިވެ މަސައްކަތްކޮށް އުޅޭ ބައެއްގެ ދަރަނި ހުންނާނެއެވެ. ބޮޑެތި ގިނަ ކަންކަން ކުރާ ބައެއްގެ އަދަދުތައް ބޮޑެތިވާނެއެވެ.  

ކުރާ މަސައްކަތަށް އަގު ނުލިބޭނަމަ އެއްވެސް ބަޔަކު އެ ބަޔަކާއެކު ތަކުރާރުކޮށް މަސައްކަތެއް ނުކުރާނެއެވެ. ތަކުރާރުކޮށް އެކުގައި މަސައްކަތް ކުރަނީ އިތުބާރު އޮތީމައެވެ. ފެނަކައާއި އެކު މަސައްކަތް ކުރާ ކުންފުނިތަކުން ފެނަކައަށް އިތުބާރު ކުރެއެވެ. ތަކުރާރުކޮށް ފެނަކައިން މަސައްކަތް ހޯދައިގެން މަސައްކަތް ކުރާނީ ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން އޮތީމައެވެ. ފައިސާ ލިބޭތީއެވެ. އިތުބާރު ކުރާތީއެވެ.

އެއްވެސް ފަރާތަކަށް ފެނަކައިން ދައްކަން ޖެހޭ ފައިސާއެއް ނުދައްކައިގެން ކަންބޮޑުވާ ދަރަޖައަށް ހިގައްޖެނަމަ އެ ފައިސާ ހޯދުމަށް އެ ފަރާތަކުން މަސައްކަތް ކުރާނެއެވެ. އެއީ އެ ފަރާތަކަށް ލިބިގެންވާ ހައްގެކެވެ. އެހެން ގޮތެއް ނެތިއްޔާ ޝަރީއަތަށް ގޮސްގެން ވެސް ފައިސާ ހޯދަން އުޅޭނީ ފައިސާ ލިބެން ޖެހޭ ފަރާތުންނެވެ. އެއީ ފެނަކައާއި އެ ފަރާތަކާ ދެމެދު އޮތް ޒާތީ ސިއްރެކެވެ.

ފެނަކައަކީ ޕަބްލިކް ކުންފުންޏެއް ކަމަކު ފެނަކައާއި އެކު މުއާމަލާތު ކުރާ ފަރާތްތަކުގެ ޒާތީ މައުލޫމާތު ކަމާ ގުޅުމެއް ނެތް އެއްވެސް ފަރާތަކަށް ފެނަކަ އަކުން ނުދެވޭނެއެވެ. ނުވެސް ދޭނެއެވެ. ދޭކަށް ނުވެސް ޖެހެއެވެ. ފެނަކައިން އެއްވެސް ފަރާތަކަށް ދަރާފައި އޮތްނަމަ އެކަން ހައްލު ކުރާނީ ފެނަކައާއި އެ ފަރާތަކުންނެވެ. ތިންވަނަ ފަރާތަކަށް އެ ކަމަކާ ގުޅޭ އެއްވެސް މައުލޫމާތެއް ދިނަސް ދެނީ މުއާމަލާތުގައި ޝާމިލުވާ ފަރާތްތަކުންނެވެ.

ފެނަކައިން ފައިސާ ލިބެންޖެހޭ ފަރާތް ތަކުން ނުވާ ކަން ބޮޑުވުމެއް އެހެން ބަޔަކަށް ބޮޑު ވެގެން އުޅެނީ ކީއްވެކަން ވަރަށް ސާފެވެ. ރައީސް ސާލިހުގެ އަސާސީ ހިދުމަތް ގައިމުކުރުމުގެ ވައުދުތައް ފަތުއަޑުކިޔާފައި ފެނަކައިން ފުއްދާ ދެމުން ގެންދަތީ ބަޔަކަށް ހަޖަމު ނުވަނީއެވެ. ނޫނީ ފެނަކައިގެ ދަރަނި އަދާ ކުރަން ޔާމީނު ހަވާލުވީ ހެއްޔެވެ. ދިޔަރެސް މެދުވެރިކޮށް އެ މައުލޫމާތު ހޯދާނީ އެހެންވެތާއެވެ. އެމައުލޫމާތު ހޯދައިގެން ފިތުނަ އުފެއްދުން ނޫން އެހެން ބޭނުމެއް ގައިމު ނުކުރެވޭނެއެވެ.

ހަމަ ގައިމު ވެސް އެ އުޅެނީ ފެނަކައިގެ ދަރަނި ބޮޑުވެގެން ދަރަނި އަދާކޮށް ދޭކަށް ނޫނެވެ. ރައްޔިތުންގެ ތެރޭގައި ފެނަކައަށް އޮތް އިތުބާރު ނަގާލާ ރަށްރަށުގައި ކުރެވެމުންދާ މަސައްކަތްތައް ހުއްޓުވާށެވެ. ސިޔާސީ ފަސާދައަށް ކުރާނެ ކަމެއް ހޯދާށެވެ. ވަކިވަކި ފަރާތްތަކެއްގެ ޒާތީ މައުލޫމާތު ކަމަށްވާ ދަރަންޏާ އަރަންޏަކީ ބައެއްގެ ސިޔާސީ ބަޑިބޭހެއް ނޫނެވެ.