މުޒާހަރާއަށް ބަޑިޖެހި ފުލުސްމީހާ ސަސްޕެންޑްކޮށްފި
ފުލުހަކު ވަނީ އޭސޯލްޓް ރައިފަލަކުން ވައިގެ ތެރެއަށް ބަޑިޖަހާފަ
އިންޑިއާގެ ބިހާރު ސްޓޭޓުގައި މުޒާހަރާކުރަމުންދިޔަ ދަރިވަރުންތަކަކާ ދިމާލަށް އޭކޭ-47 ބަޑިން ހަމަލާދިން ފުލުހަކު ވަޒީފާއިން ސަސްޕެންޑްކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ޒުވާނުން ކުރަމުންދިޔަ ސިލްސިލާ މުޒާހަރާ ތެރެއިންނެވެ.
މައްސަލަ މިހާރު ވަނީ އިންޑިއާގެ ޕާލަމަންޓަށްވެސް ހުށަހެޅިފައެވެ. އަދި އިންޑިއާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަނީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އޮތް ފުރުސަތު އެގައުމުގައި ހަނިވަމުންދާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ބިހާރު ސްޓޭޓުގައި ދަރިވަރުން ކުރި މުޒާހަރާ ރޫޅާލުމަށްޓަކައި، ފުލުހަކު ވަނީ އޭސޯލްޓް ރައިފަލެއް ބޭނުންކޮށްގެން ވައިގެ ތެރެއަށް ބަޑިޖަހާފައެވެ. އިންޑިއާގެ ތައުލީމީ ވަޒީރު އިސްތިއުފާ ދެއްވަން މަޖުބޫރުވި މި މުޒާހަރާތަކުގައި ފުލުހުން ދިޔައީ ދަރިވަރުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރަމުންނެވެ. މީގެ ތެރޭގައި ދަރިވަރުންގެ ގައިގައި މުގުރާއި ދަނޑިން ތެޅުމާއި، ކަރުނަގޭސް ޖެހުން ފަދަ ކަންކަން ހިމެނެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ބިހާރުގެ ސިވާން ސިޓީގައި ހިނގި މި ހާދިސާގައި ފުލުހަކު ވަނީ ދަރިވަރުންނާ ދިމާލަށް އޭކޭ-47 ބަޑި ދިއްކޮށް، މަދުވެގެން ތިން ފަހަރު ވައިގެ ތެރެއަށް ބަޑިޖަހާފައެވެ. ބިހާރު ފުލުހުންގެ އިސް އޮފިޝަލެއް ކަމަށްވާ ނީލޭޝް ކުމާރު ވިދާޅުވި ގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ. ނަމަވެސް، ދަރިވަރުންނާ ދެކޮޅަށް މިފަދަ ހަތިޔާރެއް ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެ އޮފިސަރު ސަސްޕެންޑްކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮކްރޯޗް މުޒާހަރާތައް ފެށުނީ މިދިޔަ މެއި މަހު ބޭއްވި މެޑިކަލް ކޮލެޖްތަކަށް ވަނުމަށްދޭ ގައުމީ އިމްތިހާނުގެ ޕޭޕަރުތައް ލީކުވުމާ ގުޅިގެންނެވެ. މީގެ އިތުރުން ޒުވާނުންގެ މެދުގައި އޮތް ވަޒީފާ ނެތުމުގެ ބިރާއި، އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ވަޒީފާތައް ގެއްލިދާނެ ކަމުގެ ބިރުވެސް މި މުޒާހަރާތަކުގެ ފަހަތުގައިވާ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މުޒާހަރާތައް ވަރުގަދަވުމުގެ ސަބަބުން، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުގެ ތައުލީމީ ވަޒީރު ވަނީ މިދިޔަ ހޮނިހިރު ދުވަހު އިސްތިއުފާ ދެއްވާފައެވެ.
އިދިކޮޅު ލީޑަރު މަލިކާރުޖުން ހަރްގޭ ޕާލަމަންޓުގައި ވިދާޅުވީ، މިއީ އިންޑިއާގެ ދިމިގްރާތީ ތާރީހުގައި ފެނިގެންދިޔަ އެންމެ ހިތާމަވެރި އެއް ހާދިސާ ކަމަށާއި، ހައްގުތަކަށް އަޑުއުފުލާ ދަރިވަރުންނާ މެދު ކުށްވެރިންނާ މެދު އަމަލުކުރާ ފަދައިން އަމަލުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ފުލުހުންގެ އަމަލުތަކަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އުއްޖަލް ބުޔާން ވިދާޅުވީ، އިންޑިއާގައި ތަފާތު ހިޔާލުތައް ފާޅުކުރުމަށް އޮތް ޖާގަ ހަނިވަމުންދާ ކަމަށެވެ. އަދި ސުލްހަވެރިކަމާއެކު މުޒާހަރާކުރުމާއި ހިޔާލުފާޅުކުރުމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ހައްގެއްކަން އޭނާ ފާހަގަކުރެއްވިއެވެ.


