ޕްރެޝަރަށް ކެތްނުވެގެން ވަޒީރު އިސްތިއުފާދީފި

މިއީ ޒިންމާދާރުކުރުވުމަށްފަހު އިސްލާހީ ބަދަލުތައް ގެންނަންވީ ވަގުތު: ވަންޗުކް

ޕްރެޝަރަށް ކެތްނުވެގެން ވަޒީރު އިސްތިއުފާދީފި

އިންޑިއާގެ ތައުލީމީ ވުޒާރާއާ ބެހޭ ވަޒީރު ދަރުމެންދުރާ ޕްރަދާން މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އިމްތިހާންތަކުގެ ކަރުދާސްތައް ލީކުވުމާއި، އިމްތިހާން ހެދުމުގައި ހިނގި ބޮޑެތި އޮޅުވާލުންތަކާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ކުރި މުޒާހަރާތަކަށް ފަހުގައެވެ.

މުޒާހަރާތައް އިސްވެ ހިންގާފައިވަނީ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީ.ޖޭ.ޕީ) އިންނެވެ. މިއީ ސިޔާސީ ގޮތުން ރަޖިސްޓްރީވެފައިވާ ޕާޓީއެއް ނޫން ނަމަވެސް، މަލާމާތުގެ ގޮތުގައި ފެށި ހަރަކާތް ފަހުން ވަނީ މުޅި ގައުމަށް ފެތުރިގެން ދިޔަ ވަރުގަދަ ހަރަކާތަކަށް ބަދަލުވެފައެވެ.

މިއީ ފަހުގެ ތާރީހެއްގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރާ ދެކޮޅަށް ކުރި އެންމެ ބޮޑު އެއް މުޒާހަރާއެވެ. މި ހަރަކާތުގައި ހާސްހާހުން މީހުން ދިއްލީގައި ކޭމްޕް ޖަހައިގެން ތިބިއިރު، މުޅި އިންޑިއަށް މި އިހުތިޖާޖުތައް ވަނީ ފުޅާވެފައެވެ.

ކުރަފި ހަރަކާތަށް އިތުރު ބާރެއް ލިބިގެންދިޔައީ، އިޖުތިމާޢީ ހަރަކާތްތެރިޔާ ސޯނަމް ވަންގްޗުކް ބާރުގެ ބޭނުންކޮށްގެން ހޮސްޕިޓަލަށް ގެންދިޔަ ހާދިސާއަށް ފަހުގައެވެ. އޭނާ ކުރަމުންދިޔަ 26 ދުވަހުގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު މިދިޔަ ހުކުރު ދުވަހު ވަނީ ނިންމާލާފައެވެ. އަނެއްކޮޅުން ކޮކްރޯޗް ހަރަކާތުގައި ގާނޫނު ހަދާ މަޖިލީހާ ދިމާލަށް ހިނގާލުމުން ދިޔަ މީހުންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކުރުމުން، އާންމުންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ނުރުހުން އުފެދިފައެވެ.

"ކޮކްރޯޗް" ނުވަތަ ކުރަފީގެ ނަން މި ހަރަކާތަށް ދީފައިވަނީ، މަތީ ފަންތީގެ ފަނޑިޔާރަކު ވަޒީފާނެތް ޒުވާނުންނަށް ނިސްބަތްކޮށް އެ ލަފުޒު ބޭނުންކުރުމުންނެވެ. މުޒާހަރާގެ ބައިވެރިން އެ ލަފުޒު ބޭނުންކުރަން ފެށީ ސަރުކާރުގެ ފިއްތުންތަކާ ދެކޮޅަށް އެމީހުންގެ އޮތް ސާބިތުކަމާއި ނުގުޑާ އަޒުމް ދެއްކުމުގެ ރަމްޒެއްގެ ގޮތުގައެވެ.

އިންޑިއާގެ އިދިކޮޅު ލީޑަރުން ވަނީ ވަޒީރު ޕްރަދާންގެ އިސްތިއުފާއަށް މަރުޙަބާ ކިޔާފައެވެ. އަދި މިއީ ޒުވާނުން އިސްވެ ތިބެ ކުރި މުޒާހަރާތަކަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ކޮންގްރެސް ޕާޓީގެ ރައީސް މައްލިކާރުޖުން ހަރްގޭ ވިދާޅުވީ، މިއީ މުޅި ގައުމުގެ ތަޢުލީމީ ނިޒާމު އިސްލާހުކުރުމަށް ގޮވާލައި މަގުމައްޗަށް ނުކުތް އެތައް މިލިއަން ޒުވާނުންނަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. ތަޖުރިބާކާރު ސިޔާސީ ޝަޚުސިއްޔަތެއް ކަމަށްވާ ޝަރަދު ޕަވާރު ވިދާޅުވި ގޮތުގައި، މިއީ ޒުވާނުންގެ އެކުވެރި ބާރުން ހޯދި ބޮޑު ކާމިޔާބީއެކެވެ. އޭނާ "އެކްސް" ގައި ލިޔުއްވާފައިވަނީ، ބިރުދެއްކުމާއި ބޭއިންސާފުގެ ކުރިމަތީގައި ޒުވާނުން ސާބިތުކަމާއެކު ތިބެ، ސަރުކާރުގެ އަހުލާގީ ޒިންމާ އުފުލަން މަޖުބޫރުކުރުވުމަކީ ޑިމޮކްރަސީގެ ބާރު ފެނިގެންދިޔަ ކަމެއް ކަމަށެވެ. 

ސަމާޖުވާދީ ޕާޓީގެ ލީޑަރު އަހިލޭޝް ޔާދަވް ވިދާޅުވީ މިއީ ޒުވާނުންނަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، ހަމަ އެހެން މިއީ ކުރިމަގުގައި އިމްތިހާންގެ ނިޒާމު ހަރުދަނާކޮށް، ކަރުދާސް ލީކުވުން ހުއްޓުވުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް ލިބުނު ފިލާވަޅެއް ކަމަށެވެ. އާމް އާދްމީ ޕާޓީގެ ލީޑަރު އަރްވިންދު ކެޖްރިވާލް ވެސް ވަނީ މިއީ ޑިމޮކްރަސީއަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އިޖުތިމާއީ ހަރަކާތްތެރިޔާ ސޯނަމް ވަންގްޗުކް، ސީ.ޖޭ.ޕީ އަށް ތާއީދުކޮށް 26 ދުވަހު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރުމަށްފަހު، ވަޒީރުގެ އިސްތިއުފާއަށް މަރުޙަބާ ކިޔަމުން ބުނީ މިއީ "ޑިމޮކްރަސީގެ ކާމިޔާބީއެއް" ކަމަށެވެ. އޭނާ ވަނީ ޒުވާނުންނާއި މުޅި ގައުމުގެ ރައްޔިތުން ބިރުފަހަނައަޅައި ތެދުވީތީ މަރުޙަބާ ކިޔާފައެވެ. ހަޅުތާލު ނިންމާލުމަށްފަހު އޭނާ ބުނީ، މިހާރު މިއީ ޒިންމާދާރުކުރުވުމަށްފަހު އިސްލާހީ ބަދަލުތައް ގެންނަންވީ ވަގުތު ކަމަށެވެ.