ފިކުރެއްގެ ފިތުނައިގައި އެސްޓީއޯ ގޮދަންފުށް ފެކްޓަރީ ހިމުން ކުރުން
އެސްޓީއޯގެ ގޮދަންފުށް ފެކްޓަރީ ހެދިޔަކަ ނުދޭނެ
ކޮވިޑްގެ ދަތި ހާލަތާ އެކު ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަމަށް ދެމެހެއްޓެނިވި ހައްލެއް ހޯއްދެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިސްކަން ދެއްވިއެވެ.
ރާއްޖެއަށް ބޭނުންވާ ކާނާ އާއި ބޭހުގެ ސަޕްލައިގެ ޔަގީންކަން ހޯއްދެވުމަށް އެ މަނިކުފާނު ފައްޓަވަން ޖެހުނީ ސުމަކުންނެވެ.
އެމްއެސްއެސްގެ ނަމުގައި ސަރުކާރުގެ އާގުބޯޓު ކުންފުނި އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި އުފެއްދެވި ނަމަވެސް އެކަމާ މޫނު ކުނިކުރި ސިޔާސީ މީހުން ތިއްބެވެ.
ސަރުކާރުން މުދާ އެތެރެ ކުރުމަކީ އޭގެ ފްރައިޓްގެ ޒަރީޢާއިން ރައްޔިތުންނާ ހަމައަށް މުދާ ފޯރުކޮށް ދިނުމުގައި ލުއި ލިއްބައި ދެވޭނެ ކަމެކެވެ. އަނެއް ކޮޅުން ރައްޔިތުންގެ ޒަރޫރީ ސަޕްލައި އެތެރެ ކުރުމުގައި އެހެން ބަޔަކަށް ބަރޯސާ ނުވުމުގެ ހަރުދަނާ ނިންމުމެކެވެ.
ސުމަކުން ފަށައިގެން ކުރުމުއްދަތެއްގައި އަމިއްލަ 3 އާގު ބޯޓްގެ ފްލީޓަކާ އެކު އެއީ މިހާރު ގެއްލުން ނުވެ ހިނގާ ފައިދާވާ ކުންފުންޏެކެވެ.
ސަރުކާރުގެ ޝިޕިންގ ކުންފުންޏާއެކު ދިވެހިން އެންމެ ގިނައިން ބޭނުންކުރާ ކާޑްގެ ބާވަތް ކަމުގައިވާ ގޮދަންފުށުގެ ޔަގީންކަން އޮތުމަށް ރައީސް ބޭނުންފުޅުވިއެވެ. އެސްޓީއޯ ގޮދަން ފުށް ފެކްޓަރީއެއް ކުޅުދުއްފުށީގައި ބިނާ ކުރުމުގެ ވާހަކަ އުފަންވީ އެ ހިސާބުންނެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު ކުރެއްވި ކަމަކީ ޔާހަބޭހަށް ސަރުކާރުގެ އެހީގައި އޭނާގެ ގްރޫޕް ރަށުގައި އުފެއްދުމެވެ. އަދި ކައުންސިލްގެ މައްޗަށް ނުފޫޒު ހިންގޭނެ ގޮތަށް ކަންކަން ބައްޓަންވާނެ ގޮތް ރޭވުމެވެ.
ހުރިހާ ކަމެއް ފުރިހަމަ ވުމުން ފިކުރެއްގެ ދިރުމަށް ބަދަލުވެ ސަރުކާރާ އެމްޑީޕީއަށް ގެއްލުންދޭ ޓީމްގެ މެމްބަރުކަން އިއުލާން ކުރިއެވެ.
އެސްޓީއޯ ގޮދަންފުށް ފެކްޓަރީ ކުރިއަށް ނުދަނީ ރައީސް އޮފީހުން ގޮތް ނުނިންމައިގެންނޭ ބުނެ އަޑުތައް ފަތުރާ އިރު ކުރަންޖެހޭ ބޮޑު ސުވާލެއް އެބަ އޮތެެވެ. އެއީ ފެކްޓަރީ ގާއިމު ކުރަންޖެހޭ ބިން ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެސްޓީއޯ އާ ހަވާލު ކުރީތޯ އޮތް ސުވާލެވެ. އެކަން ނުކުރާނަމަ އެކަން ވިޔަ ނުދޭން ކައުންސިލަށް ނުފޫޒު ފޯރުވާނަމަ އެ މީހަކީ ކާކުތޯ އޮތް ސުވާލެވެ.
ކުޅުދުއްފުށީގައި ގޮދަންފުށް ފެކްޓަރީ އަޅައިގެން ސަރުކާރަށް ހެޔޮބަހެއް ލިބެން ބޭނުން ނުވާނީ މ އޮތްހާ ދުވަހު އެސްޓީއޯގެ އެމްޑީ ކަމުގައި ހުރި ފިކުރެއްގެ ދިރުމުގެ ހުސެން އަމްރާ ކުޅުދުއްފުށީ އުތުރުގެ މަޖިލިސް މެމްބަރު ފިކުރެއްގެ ދިރުމުގެ ޔާސިރެވެ.
ތިޔަ ފިކުރުގެ ދިރުމަކީ އަންނިއެވެ. އަންނިގެ ފިކުރަކީ ތިމާ ނޫން އެމްޑީޕީގެ އެކަކުވެސް ރާއްޖޭގެ ވެރިކަމުގައި ނުބެހެއްޓުމެވެ. ރާއްޖެއާ އެމްޑީޕީއަށް ދެވުނު ގެއްލުމެއް ދީގެން ވެސް ރައީސް ސޯލިހަށް ދެވަނަ ދައުރެއް ނުދޭން އަންނި އެހުރީ ނުކުމެއެވެ. ވީއިރު އަންނިއާ އަމްރާ ޔާސިރަށް ވެގެން އެސްޓީއޯގެ ގޮދަންފުށް ފެކްޓަރީ ހެދިޔަކަ ނުދޭނެއެވެ.
އަންނިއަށް ދެވޭނެ އެއްޗެއް ނަމަ ރައީސް ސޯލިހަށް ދެވަނަ ދަައުރެއް ނުދޭނެކަން އެންމެން ދަނެއެވެ. ދެވަނަ ދައުރޭ މިކިޔަނީ ވެރިކަމަށެވެ. ޔަގީނުން ވެސް ވެރިކަމަކީ އަންނިދޭ އެއްޗެއް ނޫނެވެ.