މުއިއްޒާ ރައްޔިތުން ދުރަށްދާން މުއިއްޒު ގޮވާލުން

މުއިއްޒާ ރައްޔިތުން ދުރަށްދާން މުއިއްޒު ގޮވާލުން

ދޮގުހަދާ މީހުނާ ދުރަށް ދިޔުމަށް މި ރޯދަމަހު އަޒުމް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ގޮވާލެއްވުމުން އެގޮތަށް އަމަލުކުރަން ރައްޔިތުންނަށް ޖެހެއެވެ. އެހެން ކަމުން ދޮގާ ފިތުނަ ފަތުރަން މަސައްކަތް ކުރަނީ ކޮންބައެއް ކިހާވަރަކަށްކަން ދެނެގަންނަން ޖެހެއެވެ. ދޮގާ ފިތުނަ ފަތުރަން މަސައްކަތް ކުރާ ބަޔަކު ދެނެނުގަނެ އެބަޔަކާ ދުރަށް ދެވޭނެ ގޮތެއް ނޯންނާނެއެވެ. 

އެންމެ ބޮޑަށް ދޮގާ ފިތުނަ ފަތުރާ މީހަކީ ކާކުތޯ ބަލައިލުމުން އެންމެ ފުރަތަމަވެސް ފެންނަ މީހަކީ ޑރ. މުއިއްޒެވެ. މުއިއްޒު ވަރުގެ ދޮގުހަދާ ދޮގުފަތުރާ ދިވެއްސަކު މުޅި ރާއްޖޭގެ ތާރީހު ނުދެކެއެވެ. އަމްދުން ދޮގު ހެދުމުގައި އެނދު ކެނޑިފަ ހުރި އެހެން ވެރިޔަކުވެސް ރާއްޖޭގެ މުޅި މާޒީގައި ދިވެހިން ނުދެކެއެވެ. ނިއްކުރިއަށް ރުލެއްވެސް އަރުވާނުލާ މަތިމައްޗަށް ދޮގުހަދާއިރު ގިޔާމަތް މަހުޝަރަކީ އަންނާނެ ދުވަހެއްކަމަށް މުއިއްޒު ގަބޫލު ނުކުރާ ކަހަލައެވެ. ހިސާބު ބެލެވޭ ދުވަހެއް އޮތްކަން ކުޑަކޮށްވެސް ގަބޫލުކުރާނަމަ މާތްކަލާނގެ ގަންދީ ހުވާކޮށްގެންހުރެ މުއިއްޒު އެވަރަކަށް ދޮގެއް ނުހަދާނެއެވެ. 

ދޮގުހަދާ ފިތުނަފަތުރުމުގައި އަރާހުރި މީހަކަށް މުއިއްޒު ނުވާނެ ގޮތަކީ ނެތްގޮތެކެވެ. ހުއްޓާ ނުލާ މަތިމައްޗަށް ދޮގުހަދަމުން ދައުލަތުން އެތައް ބަޔަކަށް މުސާރަދީގެން މުއިއްޒު އެބަ ފިތުނަ ފަތުރައެވެ. މީސްމީހުނާ ވެރިކަމުގެ ފަރާތުން ޖައްސާލައިގެން އާއްމުންނަށް ހަގީގަތް އޮޅުވާލާ ފިތުނަ އެބަ ފަތުރައެވެ. މުއިއްޒު އާރާބާރުގައި ހުރެގެން ކުރާހާ ނަހަލާލުކަންތައް ހަލާލުކަމުގައި ދައްކައިގެން ރައްޔިތުންގެ ބޯދޮއްވަން ރައްޔިތުންގެ ފައިސާއިން މުސާރަދީގެން ގުއިވަޅު މެއްސާއި ބަޅުވާ ބާނދީ ފަދަ އެތައް ސަތޭކަ ބަޔަކު އެބަ ގެންގުޅެއެވެ.

މުއިއްޒަކީ ދޮގު ނުހަދާ މީހެއްކަމަށް ގަބޫލުކުރާނެ މީހަކު އުޑުބަޅުކުރެއްވި ހިސާބުގައި ނުވަކަން ކަށަވަރެވެ. މުއިއްޒު މުސާރަ ދީގެން ދޮގުވިއްކަން ނިކުމެ އުޅޭ މީހުންވެސް މުއިއްޒު ހަދަނީ ދޮގުކަން ހިތުގެ އަޑީން ގަބޫލުކުރެއެވެ. ދޮގުވިއްކަދޭ މީހުނަށް މުއިއްޒު ހަދާ ދޮގު ދިފާއު ނުކުރެވިގެން އެހެން މީހުންވެސް ހަދަނީ ދޮގޭ ބުނަންޖެހެނީ މަދެއްކޮށް ނޫނެވެ. 

އެންމެފަހުން އިއްޔެ ނިމުނު ފެބްރުއަރީ މަސް ނިމުމުގެ ކުރީން އިއުލާ ކުރަން ބުނި އައްޑޫ ހުޅުމީދޫ ބްރިޖްގެ އެޅުމުގެ މަސައްކަތުގެ ވާހަކަ ވެސް ވީ ބުހުތާން ދޮގަކަށެވެ. ފެބްރުއަރީ މަސް ނިމުމުގެ ކުރީން މަނާކުރަން ބުނި އިޒްރޭލް ޕާސްޕޯޓް ވެސް މަނާ ނުކޮށް ދިޔައީ ޗޮކުންނެވެ. މި ބުނެލެވުނީ މުއިއްޒުގެ ދޮގު ލިސްޓުން މިސާލީ ކުޑަކުޑަ ދެ ދޮގެއްގެ ވާހަކައެވެ.    

ތެދެއް ހެދެން އޮތަސް ދޮގެއްނޫނީ ނުހަދާ މުއިއްޒު ދޮގުހަދާ މީހުނާ ދުރަށް ދިޔުމަށް ގޮވާލި ގޮވާލުމަކީ ދިވެހި ރައްޔިތުން މުއިއްޒާ ދުރަށް ޖެހުމަށް ގޮވާލި ގޮވާލުމެކެވެ. ނަބީކަލޭފާނުގެ އުއްމަތަށް ޝަހާދަތް ކިޔައިގެން ހުރި މީހަކު މުއިއްޒާއެކުގައި ނުހުރުމަށް މުއިއްޒު އަމިއްލައަށް އެ ބުނީއެވެ. ދޮގު ހަދަމުން ހަދަމުންގޮސް ދޮގުނޫން އެއްޗެއް ނުހެދޭ މީހަކީ ކައްޒާބޭ ބުނީވެސް މުއިއްޒު އަމިއްލަ އަށެވެ. މުއިއްޒުގެ ގޮވާލުމާއި އެއްގޮތަށް ދޮގުހަދާ ފިތުނަ ފަތުރާ މުއިއްޒާއި އެންމެން ދުރަށްޖެހި ފައްސާ ނަގާލަން ޖެހެއެވެ.