މުއިއްޒަށް ނުވާނެންޏާ މަޖިލީހުގެ ރައީސަށް ސިޓީލިޔެދޭނެ މީހުން އެބަތިބި
ކުރީ ސަރުކާރުތައް ކުރި ވެރިކަންތައް ނިމިއްޖެ- މިހާރު އޮތީ މި ސަރުކާރު
ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރާނެ ފޯމިއުލާ ނެތިއްޔާ އާމްދަނީ ލިބޭ މިންވަރުން ހަރަދުތައް ދަމަހައްޓަން އެގެން ޖެހޭނެއެވެ. ވެރިއެއްގެ އެންމެ އަސާސީ ބޭނުމަކީ އެއީއެވެ. ލިބޭ އެއްޗެއް ޖަހާތާއި އައްޔާޝީއަށް ތަޅާ ހުސްކުރުމެއް ނޫނެވެ. އާމްދަނީ އިތުރު ކުރެވޭނެ ކަންކަމަށް ވިސްނުންތެރިކަމާއި އެކު ހަރަދު ކުރުމެވެ. ގައުމަށް ޓަކައެވެ. ގައުމުގެ ދަރީންނަށް ޓަކައެވެ. ދަރީންނާއި ދަރީންގެ ދަރީންގެ މުސްތަގުބަލަށް ޓަކައެވެ.
ވެރިންގެ ވިސްނުން ނޭފަތުކުރިޢައި ހަމައަށް ހުރިއްޔާ ލިބޭ އެއްޗަކުން ނުވެސް ފުއްދޭނެއެވެ. ގައުމާއި ރައްޔިތުން ދަރާ ހުލިވެދާނެއެވެ. ދަރިންގެ ބޮލުގައި އަޅުވަން ޖެހޭނީ ދަރަންޏެވެ. ރައްޔިތުންނަށް ޅަ އެއްޗެއް އެޅި ވެރިއަކަށް ހޮވީތީއޭ ބުނެ ހުރިހާ ކަމެއް ފާލުން ނައްޓުވާލާ ގައުމެއް ސުންނާފަތިވާން ދޫކޮށްލައިގެން ނުވާނެއެވެ. ޒިންމާ ނަގަން ޖެހޭނެ، ޒިންމާދާރު ވާން ޖެހޭ، ޒިންމާދާރު ކުރުވަން ވެސް ޖެހޭނެއެވެ.
ދައުލަތުގެ ވެރީންނަށް އަބަދު އިންތިހާބު ފެންނަނަމަ އަބަދު އުޅޭނީ އޮޅުވާލުމުގައެވެ. ގައުމު ފެންނާނީ ފަހުންނެވެ. ރައްޔިތުން ފެންނާނީ އަމުދުން މާ ބޮޑަށްވެސް ފަހުންނެވެ. ނުބައި ނުލަފާ މިނިކާވަގަކު ހިފަން ބޭނުންވާ ބަކަރި ފައި ދައްކާ އުސޫލުން ކަންކަން ކޮށްގެން ނުވާނެއެވެ.
ދިވެހިދައުލަތުގެ މާޒީއަށް ވިސްނާލަން ޖެހެއެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ތައުލީމަށް ގިނަ ގުނަ ކަންކަން ފެއްޓެވިއެވެ. 30 އަހަރު ތެރޭގައި ގައުމު ތަރައްގީ ވިތޯ ނުވޭތޯ ބަހުސަކަށް ދާކަށް ނުޖެހެއެވެ. އިންސާނީ ވިސްނުމަށް ހެޔޮ ބަދަލު ތަކެއް ގެނުވިއެވެ. ރައީސް ނަޝީދު ޑިމޮކްރަސީގެ ނަން ވިއްކެވިއެވެ. ޑިމޮކްރަސީ އަށް ރައްޔިތުން ހޭލުންތެރިވިއެވެ. ރަގަޅާއި ގޯސް ބަހުސަކަށް ދޫކޮށްލެވިދާނެއެވެ. މިއްޔަކީ ގައުމެއް ގައުމެއްގެ ގޮތުގައި އޮތް އޮތުމުގެ އަސްލަށް ގޮން ޖެއްސެވިތޯ ބަހުސް ކުރުމުގެ މާހައުލެއް ނޫނެވެ.
ރައީސް ޔާމީން ވެސް ގައުމު ތަރައްގީ ކުރަން ގިނަ ގުނަ މަސައްކަތް ތަކެއް ކުރެއްވިއެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހި ވެގެންދިޔައީ ދިވެހި އިގްތިސާދު ކުރިއަށް ދިޔުމުގެ ފިޔަވަޅަކަށެވެ. އިތުރު ރިސޯޓް ތަކެއް ތަރައްގީ ކުރިއެވެ. ބޭރުފައިސާ ހޯދޭނެ އިތުރު ފުރުސަތު ތަކެއް ހޯއްދެވިއެވެ. ބައިނަލް އަގުވާމީ އެއަރޕޯޓްގެ ޕެސެންޖަރ ކެޕޭސިޓީ 1.7 މިލިއަނުން 7.5 މިލިއަނަށް ބަދަލު ކުރެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. ރާއްޖޭގައި ސިއްހީ ހިދުމަތުގެ ފެންވަރު ރަގަޅު ކުރުމުގެ މަސައްކަތް ތަކެއް ފެއްޓެވިއެވެ. ގައުމީ އެސެޓް ބިނާ ކުރެއްވީ އެއްވެސް ތަނެއް ވިއްކާ ނުލައްވައެވެ.
ރައީސް ސޯލިހުއާއި ހަމައިން ފެނިގެން ދިޔައީ އާލަމީ ބޮޑު ބަލިމަޑު ކަމެކެވެ. ރައީސް ޔާމީން ފެއްޓެވި ބައެއް މަސައްކަތުގެ ފޮނި މީރުކަން ހޯއްދަވާ ދެއްވިއެވެ. އަސާސީ ހިދުމަތްތައް ކުޑަރަށެއް ބޮޑު ރަށެއް ނުބައްލަވާ ގާއިމުކޮށް ދެއްވުމުގައި ގިނަ މަސައްކަތްތަކެއްކޮށް ނިންމިއެވެ.
ރައީސް މުއިއްޒުގެ ސަރުކާރަށް ދެ އަހަރާއި ބައި ވީއެވެ. ކޮށްދޭނެ ކަމަށް ވިދާޅުވި ކޮންމެ ކަމެއް ނިމެނީ ޖަމަލު ފޮޑިއަކަށް ވެގެންނެވެ. 2018 ވަނަ އަހަރު ނިމުނު އިރު ޕެޓްރޯލް ލީޓަރެއްގެ އަގު އުޅެނީ ނުވަ ރުފިޔާ ލާރި ކޮޅެއްގައެވެ. މިއަދު ޕެޓްރޯލް ލީޓަރެއްގެ އަގު ހުރީ 16 ރުފިޔާ ލާރި ކޮޅެއްގައެވެ. ތަކެތީގެ އަގުތައް އިންތިހާއަށް އުފުލެނީއެވެ. ޑޮލަރެއްގެ އަގު 2018 ނިމުނު އިރު ހުރީ 15.65ރ. ވަރުގައެވެ. 2023 ވަނައަހަރު ނިމުނު އިރު ހުރީ ގާތްގަޑަކަށް 17ރ ވަރުގައެވެ. މިއަދު ޑޮލަރު ގަންނަން ލިބެނީ 20.25ރ އަށެވެ. ގައުމު ދުވަނީ ރިވާސް ގިޔަރުގައެވެ.
2023 އިން 2026 އަށް މިހާތަނަށް ގައުމުގެ އިގްތިސާދަށް ފައިދާއެއް ވާނެ މަސައްކަތެއްގެ ވާހަކައެއް އަޑެއް ނީވެއެވެ. އަބަދުވެސް އިވެނީ ކަރަންޓާއި ބިލު ބޮޑުވާ ވާހަކަ އެވެ. ތެލުގެ އަގު ބޮޑުވާ ވާހަކައެވެ. އިތުރު ޓެކްސްއެއްގެ ވާހަކައެވެ. ޖޫރިމަނާ ބޮޑުވާ ވާހަކައެވެ. ޒަރޫރީ ބޭނުން ތަކަށް ބޭނުންވާ ތަކެތީގެ އަގު އުފުލޭ ވާހަކައެވެ. މަސްވެރިކަމުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވާހަކައެވެ. މުދާ ނުލިބޭ ވާހަކައެވެ. އިމާރާތް ކުރުމަށް ބޭނުންވާތަކެތީގެ އަގުތައް އުފުލޭ ވާހަކަ އެވެ. އިމާރާތް ކުރުމުގެ އަގުތައް އުފުލޭ ވާހަކައެވެ. މުސާރަ ދީފައި ވެރީން މަޖާކޮށްލަން ދަތުރެއް އަޅާލާފައި ރައްޔިތުންނަށް ދޭނެ އެއްޗެއް ނެތް ވާހަކައެވެ. އެންސްޕާ ގެ ފައިސާއިން ޗެނަލެއް ގަތް ވާހަކައެވެ. މީގެން ކަމަކާ އެއްޗެއް ބުނާ ކޮންމެ މީހަކަށް އަންނަނީ ޗިޓެކެވެ. ނޫނީ ނިކުންނަނީ ގެގް އޯޑަރެކެވެ. “ތިޔަހެނެއް ނުކިޔޭނެކަމަށެވެ”.
ހިދުމަތް ތަކުގެ އަގު ތިރިއެއް ނުވެއެވެ. ޑޮލަރެއް ނުލިބެއެވެ. ތަކެތީގެ އަގުތައް ނުހިފެހެއްޓެއެވެ. ބުނާ ބަހަކާއި އަމަލާ ދިމަލެއް ނުވެއެވެ. ކަމެއް ކޮށްދޭނެ ކަމަށް ބުނެފިއްޔާ އެކަމެއް ނުވެއެވެ. އަޅާ ނުލައިފި ނަމަ ހަނދާނަކު ނުހުރެއެވެ. ނުކުރާނެ ކަމަށް ބުނި ހުރިހާ ކަމެއް ކޮށްފިއެވެ.
ދައުލަތެއްގެ ސިފަ ގެއްލި ހުތުރުވެއްޖެއެވެ. ތިން ބާރެއް ނެތެވެ. އޮތީ އެއްބާރެވެ. މިނިވަން މިއައްސަސާއެއް ނެތެވެ. އޮތީ އަމުރު އަންނަ ގޮތަކަށް އަމަލު ކުރާ މުއައްސަސާތަކެކެވެ. ޑިމޮކްރަސީ ގަޑުބަޑުވެއްޖެއެވެ. ޑިމޮކްރަސީ އެއްނެތެވެ. މިނިވަން މީޑިއާއެއް ނެތެވެ. މީޑިއާތައް ހުރީ ކަސްތަޅުގައެވެ.
ދިވެހިރާއްޖެ، ދިވެހިރާއްޖޭގެ މިސްރާބު ނޭފަތުކުރިން ނެއްޓި ކުރިއަށް ވިސްނާނެ ބަޔަކަށް އިންތިޒާރު ކުރެއެވެ. އަބަދަކު އަލިފާން ނިއްވުމުގައި ހޭދަ ކުރުމުގެ ބަދަލުގައި ބިނާ ކުރުވަނިވި މިސްރާބަކަށް ހުންގާނު އަނބުރަން ވެއްޖެއެވެ. މުސްތަގުބަލަށް ރައްކާ ކޮށްގެން ނޫނީ ކުރީ ސަރުކާރުތަކާއި މިސަރުކާރުގެ ދަރަންޏެއްވެސް ނުދެއްކޭނެއެވެ.
ކުރީ ސަރުކާރު ތަކޭ ވިދާޅު ނުވާށެވެ. ކުރީ ސަރުކާރުތައް ކުރި ވެރިކަންތައް ނިމިއްޖެއެވެ. މިހާރު އޮތީ މި ސަރުކާރެވެ. އެ ސަރުކާރުތަކުން ހެދި ގޯސްތަކުގެ ބަދަލުގައި ރަގަޅު ތަކެއް ފެންނާނެ ކަމަށް ރައްޔިތުން އުންމީދު ކުރާތީ ހޮވި ސަރުކާރެކެވެ. އެ ސަރުކާރުތައް ގޯހީއެވެ. މިސަރުކާރުން ރަގަޅު ކޮށްލާށެވެ.
ނުވާނެންޏާ “މަޖިލިސް ރައީސަށް ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.” ކިޔާފައި ލިޔަންވީ ސިޓީ ޑްރާފްޓް ކޮށްދޭނެ މީހުން ވަރަށް ގިނައެވެ. އެކަން ހިލޭ ސާބަހަށް ކޮށްދޭން ގިނަ ބަޔަކު ތިބީ ތައްޔާރަށެވެ. ކެތް މަދުވެފައެވެ.


