މުއިއްޒު ރައްޔިތުނަށް ދެއްވަނީ އިންގިލާބުގެ ދައުވަތު

ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީ ކުރުވުމާއި އަޒުލުކުރުމުގެ ބާރުވެސް މިހާރު އޮތީ ރައީސް އަތުގައި

މުއިއްޒު ރައްޔިތުނަށް ދެއްވަނީ އިންގިލާބުގެ ދައުވަތު

ގާނޫނީ އިމުގެތެރެއިން ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރަން އުޅުމަކީ ކުށެއް ނޫނެވެ. ބަގާވާތެއްވެސް ނޫނެވެ. ފަސް އަހަރުގެ ދައުރަކަށް ރައީސަކު ހޮވަނީ ފަސް އަހަރު ވަންދެން ހިތުހުރިކަމެއް ކުރުމަކަށް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާކަމަކީ ހިތުހުރި ގޮތަކަށް ކަންކަން ކުރުމުގެ ލައިސަންސެއް ނޫނެވެ. މާތްކަލާގެ ގަންދީ ވެރިކަމަށް ކުރާ ހުވާއަކީ ދައުލަތް ދަވާލުމުގެ ޕާސްވޯޑެއް ނޫނެވެ.

އިތުބާރުކޮށް ރައްޔިތުން ބާރު ދިނުމުން ގަޔަށް ހެޔޮވަރަށް ގާނޫނުތަކާއި އުސޫލުތައް ބަދަލުކޮށްގެން ދައުލަތުގެ މައްޗަށް އަތްގަދަކުރުމަކީ ރައްޔިތުން ދިން މޭންޑޭޓެއް ނޫނެވެ. ރައްޔިތުންގެ ވޯޓުން ވެރިކަމަށް މީހަކު އިސްކުރަނީ ގާނޫނީ އިމުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތްކުރުމަށެވެ. ވެރިކަމަށް މީހަކު ހޮވަނީ ގާނޫނުތައް ބަދަލުކޮށްގެން ވިޔަސް ބޭނުންހާކަމެއް ބޭނުންހާ ގޮތަކަށް ކުރުމަށް ފަސްއަހަރު ދުވަސް ވަންދެން ބަހައްޓާކަށް ނޫނެވެ.

ފަސް އަހަރަށް ވެރިކަމާ ހަވާލުވާ މީހާ ގޯހުން ގޯހަށް ކަންކަން ދުއްވާލާނަމަ ފަސް އަހަރުވަންދެން ގޯސްހަދަން ނުބަހައްޓާ އޭނާ ހަމަ މަގަށް އަޅުވަންޖެހެއެވެ. ހަމަ މަގަށް ނޭޅޭނަމަ ވެރިކަމުން ދުރު ކުރުމަކީ ރައްޔިތުންގެ މައްޗަށް ލާޒިމުކަމެކެވެ. ވެރިއެއްގެ ވެރިކަން ފާސިދުވެއްޖެނަމަ ގާނޫނީ ހަމަތަކުގެމަތީން އޭނާ ވެރިކަމުން ދުރުކުރުމަކީ ގާނޫނު ލާޒިމު ކުރާކަމެކެވެ.

ރައީސް އަޒުލުކުރުމުގެ ބާރު އޮންނަނީ ރައްޔިތުންގެ މަޖިލީހަށެވެ. ނަމަވެސް ކަންކަން ގޯހުން ގޯހަށް ގޮސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމީހުންގެ ލަގަން ރައީސުލްޖުމްހޫރިއްޔާގެ އަތަށްވަނީ ދީފައެވެ. ރައްޔިތުންގެ ބާރު ރައްޔިތުންގެ އަތުން ވަނީ ނަގާފައެވެ. ގާނޫނުގެ ހުކުމް އެކީއެކަށް ރާއްޖޭން ނެތި ހިނގައްޖެއެވެ.

ގާނޫނު އަސާސީގެ ބާރު ކަނޑުވާލާ އިސްލާހު ގާނޫނު އަސާސީއަށް ގެނެސް އެކަން ފަނޑިޔާރުގޭން ހަލާލު ކޮށްދިނުމަށް ވުރެ ބޮޑު ހިޔާނާތެއް ބަޔަކަށް ގައުމަކަށް ނުވެވޭނެއެވެ. އެ ނޫންވެސް އެތައް ގޮތަކުން ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ކަމުން ޑރ. މުއިއްޒު ލަސްނުކޮށް އަޒުލުކުރަން ޖެހޭކަމަށް ގިނަ ބަޔަކު ދެކެއެވެ.  އެހެނެއްކަމަކު ގާނޫނުއަސާސީގެ އިމުގެތެރެއިން ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީ ކުރުވުމުގެ ބާރު ރައްޔިތުންނަކަށްނެތެވެ. 

ރައީސުލްޖުމްހޫރިއްޔާ ހަމަމަގުން ކައްސާލުމުން ޖަވާބުދާރީ ކުރުވުމާއި އަޒުލުކުރުމުގެ ބާރު ވެސް މިހާރު އޮތީ ރައީސް އަތުގައެވެ. ރައްޔިތުންގެ އަތްމަތިން ގާނޫނީ ބާރު ރައީސްގެ އަތް މައްޗަށް ނެގުމަކީ ރައްޔިތުންނަށް އިންގިލާބަށް ދައުވަތު ދިނުން ނޫން ދެވަނަ ކަމެއް ނޫނެވެ.