މުދާހޯދުމާ ގެންގުޅުމުގެ ހައްގު ގާނޫނުއަސާސީ ކަށަވަރުކޮށްދޭ: ޝާހިދު

ޝާހިދު ކުދިން އެޕާރޓްމެންޓްގަތީ ބޭންކުން ލޯނު ނަގައިގެން

މުދާހޯދުމާ ގެންގުޅުމުގެ ހައްގު ގާނޫނުއަސާސީ ކަށަވަރުކޮށްދޭ: ޝާހިދު

އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝަހިދާއި އެމަނިކުފާނުގެ ބޭފުޅުންނަށް ނިސްބަތްކޮށް ދިޔަރެސް ނޫހުގައި ލިޔެފާ ލިޔުމަކަށް ޝާހިދު ރައްދު ދެއްވައިފިއެވެ. އޮނަރަބަލް ޝާހިދާއި އެ ބޭފުޅާގެ އަބުރުކަތިލުމުގެ މަގުސަދުގައި ލިޔެފައިވާ ލިޔުމަށް ރައްދު ދެއްވާ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ހުޅުމާލޭ އަމީން ރެއިންކުރެސްޓް އިން ޝާހިދުގެ ކުދިން އެޕާރޓްމެންޓް ބައްލަވައިގެންފައި ވަނީ ބޭންކް އިން ލޯނެއް ނަންގަވައިގެން ކަމަށެވެ. މިހާރުވެސް ގެންދަނީ އަނބުރާ ލޯނު ދައްކަވަމުން ކަމަށް ޝާހިދު ވިދާޅުވެއެވެ.

އިތުރަށް ތަފްސީލް ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ދިޔަރެސްގައި އެބުނާ އެޕާރޓްމެންޓްތައް ބައްލަވައި ގަނެފައިވަނީ އެމަނިކުފާނު ސަރުކާރުގެ ވަޒީރުކަމުގައި ހުންނެވި މިދިޔަ 5 އަހަރުގެ ތެރޭގައި ނޫން ކަމަށެވެ. އޭރު އެމަނިކުފަނަކީ މިހާރެކޭ ވެސް އެއްފަދައިން އިދިކޮޅު ޕާޓީ ގެ މީހެއްކަމުގައި ޝާހިދު ވިދާޅުވިއެވެ.

އޮނަރަބަލް ޝާހިދަކީ މާލޭގައި 10 ބުރީގެ އެޕާރޓްމެންޓް ބިލްޑިންގެއް އިމާރާތް ކުރައްވައިގެން ކުއްޔަށް ދެއްވުމުގެ ވިޔަފާރި ކުރައްވަމުން ގެންދަވާތާ އެތައް ޒަމާނެއް ވެފައިވާ ބޭފުޅެއްކަން ވެސް އަބުރުކަތިލުމަށް މަސައްކަތްކުރާ މީހުނަށް ހަނދާންކޮށް ދެއްވިއެވެ. އާއިލާއަށް ބޭނުންފުޅުވާ ކަންތައްތައް ގާނޫނުގެ އިމުގެތެރޭގައި ކުރެއްވޭވަރުގެ ތަނަވަސްކަން ހެޔޮ ރަޙްމަތްފުޅުން މިންވަރު ކުރައްވާފައިވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. 

އޮނަރަބަލް އަބްދުއްލާ ޝަހިދާއި އެމަނިކުފަނުގެ ބޭފޫޅުންނަކީވެސް ދިވެހި ރައްޔިތުންނަށްވާތީ މުދާ ހޯއްދެވުމާއި މުދާ ގެންގުޅުއްވުމުގެ ހައްގު ގާނޫނު އަސާސީ ގެ 40 ވަނަ މާއްދާއިން ކަށަވަރު ކޮށްދޭކަން ހަނދާނަށް ގެނެސްދެއްވިއެވެ. ސުވާލު ކުރައްވާ ފަރާތްތަކުން އަބުރުކަތިލާ ޒާތީ ދިރިއުޅުމުގެ ކަންކަމާބެހި ގަނާކުރުމުގެ ބަދަލުގައި ގާނޫނީ އިމުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން އަށް ހުށަހަޅުއްވައި އެކޮމިޝަނުން އެކަންކަން ބެއްލެވުމަށް މަރުހަބާ ވިދާޅުވިއެވެ.