ގުރާ ގޮވެލި، ގޮވީ ގޮވީ ތުރާކުނުން ވަށަފަރަށް

ޑޮލަރު ލިބެނީ 20.30 ރުފިޔާއަށް. ޑިވްލޮޕްމަންޓް ބޭންކު ހިންގަން އިމްޕޯޓު ކުރި މީހުން ފިލައިފި. ބަންކަރިން 400 މިލިޔަން ބިލާހަކަށް.

ގުރާ ގޮވެލި، ގޮވީ ގޮވީ ތުރާކުނުން ވަށަފަރަށް

ތުރާކުނުމަތިން އުދުހިފައި ދިޔަ ގުރާ ގޮވާލިއެވެ! 400 މިލިއަން ޑޮލަރެވެ. ވަށަފަރުގައި އިން ގުރާ ތަކުރާރު ކުރިއެވެ. 400 މިލިއަން ޑޮލަރެވެ. 

ތުރާކުނު ފަޅިން ގޮވާލިއެވެ. އިންވެސްޓްމަންޓް ބޭންކެވެ. ވަށަފަރުން ގޮވާލިއެވެ. އިންވެސްޓްމަންޓް ބޭންކެވެ. 

ތުރާކުނުން ގުރާ ގޮވާލިއެވެ. ޖީޑީޕީގެ %15 ކޮންޓްރިބިއުޓް ކުރާނީ ޑިޖިޓަލް އިކޮނޮމީންނެވެ. ވަށަފަރު ފަޅުތެރޭން އޮޔާ ދިޔަ އުނބެއް މަތީ އިން ގުރާ ގޮވާލިއެވެ. ޖީޑީޕީގެ %15 ޑިޖިޓަލް އިކޮނޮމީންނެވެ. 

ގުރާތަކުގެ ތަބިއްޔަތުގައި ހުންނަ ކަމަކީ ގިނައިން އިވޭ އަޑުތައް ތަކުރާރު ކުރުމެވެ. އެ ގުރާތަކަށް އަޑުއިވޭ ގޮތަށް “ކައްޒާބު” މި ބަސް ތަކުރާރުވާނަމަ ކައްޒާބޭވެސް ކިޔާނެއެވެ. “ފިނިފެންމާ” ގިނަގިނައިން ކިޔާނަމަ “ހިނިހެންހާ” ނަމަވެސް ކިޔާނެއެވެ. ކޮންމެހެން އަސްލަކަށްވެސް ވާކަށް ނުޖެހެއެވެ. އިވޭ އަޑެއް ތަކުރާރު ކުރަނީއެވެ. އެ ގުރާގެ ބުއްދި އިންސާނުންނާއި އެއްފަދައެއް ނުވާނެއެވެ. 

ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި ވެރީން ބުނާ ބަހަކީ ޖޯކެއް ނޫނެވެ. ބުނާ ކޮންމެ ބަހަކީ ރައްޔިތުންނަށް ވެވޭ ވައުދެކެވެ. އެކަންކަން ފުއްދުމަކީ ވާޖިބުވާ ކަމެކެވެ. އަމާނާތެކެވެ. މީހަކު ބުނީތީ ވާހަކަތައް ތަކުރާރު ކުރުމަކީ ވެރީންގެ އާދަކާދަ ތަކާއި މުޅީން ބީރައްޓެހި ކަމެކެވެ. ނުވާވަރުން ވައުދުތައް ވެގެން ނުވާނެއެވެ. ދީނީ ގޮތުންވެސް ވައުދަކީ ފުއްދަން ޖެހޭ އެއްޗަކަށް ވާތީއެވެ. 

ވިޓޯލް ކިޔާ ކުންފުންޏަކާއި ހަވާލުކޮށް ދިވެހި ދައުލަތުން އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށް އެތައް ލައްކަ ރުފިޔާއެއް އިވެންޓް މެނޭޖްކުރަން ހަވާލުކޮށްގެން ފެށި ބަންކަރިން ނިމިދިޔައީ ސުނާމީގައި އެތެރެކުރި ކަޅު ހަމަށް ފެންއަޅައިގެންނެވެ. ދައުލަތަށް ލިބުނު ކުރިއެރުމެއް ނެތެވެ. ޖީޑީޕީއަށް ލިބުނު ކުރިއެރުމެއް ނެތެވެ. އެހެންނަމަވެސް ފިނިފެންމަލަކުން ލިބުނު ހިތްހަމަ ޖެހުމަށް އޮޔާ ދިޔަ އުނބެއް ފިނިފެން މަލުގެ ބަސް ތަކުރާރު ކުރިއެވެ. މި މަސައްކަތަކީ މަަޖިލިސް އިންތިހާބާއި ދިމާކޮށް ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނެކެވެ.

ބަންކަރިން ހިދުމަތް ތައާރަފްކުރަން އެންމެ ފުރަތަމަ އިއުލާނު ކުރީ 2024 ވަނަ އަހަރުގެ ފެބްރުއަރީ ގައެވެ. އޭގެ ފަހުން ޖުލައި މަހަށް ބަދަލު ކުރިއެވެ. ޖުލައި މަހު ކަނޑަ އެޅި އައު ތާރީހަކީ އޯގަސްޓް މަހުގެ 22 އެވެ. މި ހިދުމަތުގެ ރަސްމީ މަސައްކަތް ފެށުނީ ސެޕްޓެމްބަރ 19 ވަނަ ދުވަހުއެވެ. އޭރު އޮތީ ރައްޔިތުން އަވާ މެންދުރެއްގައި ޖައްސާ ސަރުކާރުން މަޖިލިސް ގޮނޑިތައް މަކަރާއި ހީލަތުން ނަގާފައެވެ.

ރަސްމިއްޔާތާއި ގުޅިގެން ބޭއްވި އެކިއެކި ރަސްމިއްޔާތު ތަކުގައި މިނިސްޓަރ ސައީދު ބުނެފައިވަނީ 2025 ޖެނުއަރީ އާއި ހަމައަށް ދާއިރު 1970 ވަނައަހަރު ތަކުގެ ތެރޭގައި ޑޮލަރު ލިބުނު އަގަށް ޑޮލަރު ގަންނަން ލިބޭނެ ކަމަށާއި އަހަރު ދުވަސް ތެރޭ ދިވެހި ދައުލަތުގެ ޖީޑީޕީއަށް މި ބަންކަރިން ހިދުމަތުން މުޅީން އަލަށް 400 މިލިއަން ޑޮލަރު ވަންނާނެ ކަމަށެވެ. މި ބަސްތައް ރައީސުލް ޖުމްހޫރިއްޔާވެސް ގިފިލި ގުރައެއް ގޮވާހެން ތަކުރާރު ކުރިއެވެ. 

އިންވެސްޓްމަންޓް ފައިނޭސް  ބޭންކެއްގެ ހިދުމަތް ފެށުމަކީ ވެސް މި ގޮތަށް ދިޔަ ކަމެކެވެ. މޯލްޑިވްސް ޑިވްލޮޕްމަންޓް ބޭންކް ލިމިޓެޑްގެ ނަމުގައި 2024 މެއި 16 ވަނަ ދުވަހު މިނިސްޓަރ ސައީދު ވަނީ ރައީސް މުއީޒުލައްވާ މި ބޭންކު ހުޅުވާފައެވެ. ސަރުކާރުގެ ޕްރޮޖެކްޓް ތަކަށް ފަންޑު ހޯދުމާއި ރައްޔިތުންނަށް ބޭނުންވާ މަސައްކަތު ލޯނު ފަސޭހަ ކަމާއިއެކު ކުޑަ އިންޓަރެސްޓެއްގައި ލިބިދިނުމުގެ މަގްސަދަށް ހުޅުވި ބޭންކެކެވެ. ގާތްގަޑަކަށް 2 އަހަރު ދޮށީ މި ބޭންކު މިއަދު ދިވެހިރާއްޖޭގެ ޗާޓުން ގެއްލިއްޖެއެވެ. މިއީވެސް ގުރައެއް ގޮވި އުސޫލުން މުއީޒު ރިޕީޓު ކޮށް ފެއިލްވި ކަމެކެވެ. 

އަނެއްކާވެސް އަނެއް ވާހަކައެވެ. 15 ޖޫން 2026 ވަނަ ދުވަސް މިވީ އަނެއްކާވެސް މިނިސްޓަރ ސައީދު ގޮވި ގޮވެއްޔެއް ރައީސް މުއީޒު ތަކުރާރު ކުރި ދުވަހަކަށެވެ. ދައުލަތުގެ ޖީޑީޕީއަށް %15 ކޮންޓްރިބިއުޓް ކުރާނެ ސިނާއަތެއްގެ ވާހަކައެވެ. މިއީ ސައީދު ގޮވާ ގޮވުން މުއީޒު ރިޕީޓު ކުރާ ތިންވަނަ މެގަރ ޕްރޮޖެކްޓެވެ. ދިވެހީން ތިބެންވީ ގައިގައި ތެޔޮ އުނގުޅައިގެން ދަތްބޯލަބޯލާ 2030 ވަނައަހަރުގެ އިންތިޒާރުގައެވެ. 

މިއަދު ޑޮލަރު ލިބެނީ 20.30 ރުފިޔާއަށެވެ. ދައުލަތުގެ ޖީޑީޕީއަށް 50 ސެންޓުވެސް ނުވަދެއެވެ. ބޭންކު ހިންގަން އިމްޕޯޓު ކުރި ހުރިހާ މުވައްޒަފުންވެސް ފިލައިފިއެވެ. އަނެއްކާ އަނެއް ތެޔޮ ފުޅި ހުސްކުރީއެވެ. ދޮށީ އުމުރުގެ ބޭފުޅަކު ބުންޏެވެ. 

“ހޯދާ ނުބަލާ ކަމަކު ތެރަށް ބޯ ނުމަހާނދޭ،  ބޯދާބަހެކޭ ގޯހެކެ މަކޮޔާ ނުހިތާނދޭ”

އޭނާ މި ބުނަން އުޅުނު ވާހަކައެއް ނޭނގުނެވެ. ނަމަވެސް ތިމާގެ ފެންވަރު ނޯޅޭށޭ ބުނާކަހަލަ ކަމަށް ބަލާ ނިންމާލީއެވެ. ކޮންމެއަކަސް އެނގުނީ، ވަލު ފުޅަށް މަތިން ފުންމާލައިގެން ވެރިކަމުގެ ގޮނޑީގައި އިނީމަވާނެ ހުރިހާގޮތެއް ވާނެ ކަމަށް ގަބޫލުކޮށް ނިންމަން ވެއްޖެކަމެވެ. ދިވެހިރާއްޖެ ދިރި ދެމި އޮންނާން ވާނެއެވެ.