މުއިއްޒު ކަނީ ޔާމީނު ހެއްދި މޭވާ
ޔާމީން ގެ ވިސްނުންފުޅު ގެންގުޅުއްވީ ފުދުންތެރިކަން އިތުރު ކުރުމަށް
އިގްތިސާދީ މަސައްކަތަކީ ހުނަރެކެވެ. ގައުމެއް ހިންގުމާއި ގައުމެއް އޮޔާ ދިޔުމާ ތަފާތެވެ. 2018 ވަނައަހަރުގެ ކުރިން ދިވެހިރާއްޖެއަށް އަހަރެއްގެ މަތިން އެންމެ ގިނައިން އާދެވޭނީ 1.5 މިލިއަން ފަތުރުވެރިންނަށެވެ. މި އަދަދަކީ ރާއްޖޭގެ މައި އެއަރޕޯޓުގެ ފަސެންޖަރުން އަހަރެއްގެ ތެރޭގައި ބެލެހެއްޓޭނެ އެންމެ މަތީ އަދަދެވެ. މިއަދަދުގެ ތެރޭގައި އެއަރޕޯޓުން ހިދުމަތް ހޯދާ އެންމެން ހިމެނެއެވެ. ރާއްޖެއަށް އެތެރެވާ ޓޫރިސްޓުންނާއި، މަސައްކަތް ތަކަށް އަންނަ ބިދޭސީންނާއި އެއަރޕޯޓު މެދުވެރިކޮށް ރާއްޖޭން ބޭރަށް ދަތުރު ކުރާ ދިވެހީންވެސް ހިމެނެއެވެ. ހަމައެއާއި އެކު ދިވެހި މައި އެއަރޕޯޓުގެ ފްލައިޓް ޖައްސާ ރަންވޭގެ ސައިޒް ދުނިޔޭގައި ބޭނުން ކުރެވޭ ހުރިހާ ފަސިންޖަރުން އުފުލާ މަތިންދާ ބޯޓު ޖެއްސޭނެ ވަރެއް ނެތެވެ.
ދިވެހިރާއްޖޭގެ މައިއެއަރޕޯޓް ތަރައްގީ ކުރުމަކީ ދިވެހި އިގްތިސާދަށް ދުރު ރާސްތާގައި ކުރެވޭނެ އެންމެ މުހިންމު އިގްތިސާދީ ފިޔަވަޅެވެ. 2013 އިން 2018 ވަނަ އަހަރާއި ހަމައަށް ދިވެހި ސަރުކާރުގެ އެންމެ މުހިންމު އެއް މަސައްކަތަކަށް ވެފައިވީ އެއަރޕޯޓުގެ ތަރައްގީއެވެ. 1.5 މިލިއަން ފަސިންޖަރުންގެ އަދަދު 7.5 މިލިއަން އާއި 9 މިލިއަން ފަސެންޖަރުން ބެލެހެއްޓޭނެ މިންވަރަށް ތަރައްގީ ކުރުމެވެ. އަދި އެއަރޕޯޓުގެ ރަންވޭ ދުނިޔޭގެ އެންމެ ބޮޑެތި ކޮމާޝަލް ފްލައިޓް ޖެއްސޭނެ މިންވަރަށް ތަރައްގީ ކުރުމެވެ.
އެއަރޕޯޓް ގެ ރަންވޭ ބޮޑުކޮށް ދުނިޔޭގެ މިންގަނޑަށް ފެތޭގޮތަށް ބޮޑުކޮށް ވަރުގަދަ ކުރުމާއި 9 ވަރަކަށް މިލިއަން ފަސިންޖަރުން ބެލެހެއްޓޭނެ މިންވަރަށް ތަރައްގީ ކުރާއިރު އިތުރު މަސައްކަތް ތަކެއް ފުރިހަމަ ކުރުން ލާޒިމު ކުރެއެވެ. އެ ފްލައިޓް ތަކަށް ބޭނުންވާނެ ތެޔޮ ރައްކާ ކުރެވޭނެ މަގު ފަހި ކުރުމާއި، ފެނާއި ކަރަންޓާއި، މުދާ ގެންގުޅެ ކްލިއަރ ކުރެވޭނެ ގޮތް ހެދުމާއި، ކަސްޓަމްސްއާއި އިމިގްރޭޝަނާއި ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ކަންކަން އިންތިޒާމް ކުރުމާއި އިދާރީ ގޮތުން ބަލަހައްޓަން ޖެހޭ ކަންކަން ހަމަޖެއްސުމާއި އަދިވެސް އިތުރު އެތަށް ކަމެއް ހިމެނެއެވެ.
2013 އިން 2018 ވަނައަހަރާއި ދެމެދު ފެށި މަސައްކަތްތަކަކީ އެ މުއްދަތުގައި ވެރިކަމުގައި ހުންނެވި ރައީސް ޔާމީން އެ މުއްދަތުގައި ފައިދާ ތަކެއް ހޯދުމަށް ފެށި މަސައްކަތެއް ނޫނެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ފެށި އެމަސައްކަތުގެ ފޮނި މީރުކަން ލިބެން ފަށާނީ އެފެށި މަސައްކަތް ނިމޭ ހިސާބުންނެވެ. މަސައްކަތް އިންތިޒާމް ކުރެވުނީ އެވަގުތު އެއަރޕޯޓު ހުއްޓުމަކަށް ނުގެނެސް، ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކަށް ބުރޫ ނާރާނެ ގޮތަށް އިންތިޒާމްތައް އަތުރާލައިގެންނެވެ.
ދިވެހިރާއްޖެއަށް އެންމެ ގިނަ ފައިސާ ވަންނަނީ ޓޫރިޒަމުންނެވެ. އެއަރޕޯޓް ތަރައްގީ ކުރުމާއި އެކު ޓޫރިޒަމްއަށް އޮތް ފުރުސަތުތައް އިތުރު ކުރުމަކީ ބުއްދިވެރިން ކަން ކުރާ ގޮތެވެ. 2013 ގެ ކުރިން ދިވެހިރާއްޖޭގެ ޓޫރިސްޓް އެނދުގެ އަދަދު ހުރި މިންވަރު ދެ ގުނަ ކުރިއެވެ. 50 އައު ރިސޯޓުގެ މަސައްކަތް ފެށާ ބާޒާރަށް ހުޅުވާލިއެވެ. މިއީ ބައިނަލް އަގުވާމީ ފެންވަރުގެ ވަށާ ޖެހޭ ތަރައްގީގެ ތޫނު ފިލިކަމެކެވެ.
ރައީސް ޔާމީން ގެ ވިސްނުންފުޅު ގެންގުޅުއްވީ ފުދުންތެރިކަން އިތުރު ކުރުމަށެވެ. ދަރަނި ނަގަނީ ތަރައްގީގެ މަޝްރޫއު ތަކަށެވެ. މުސާރައާއި ޗުއްޓީ ދަތުރުތަކަށް ހޭދަ ކުރާކަށް ނޫނެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖަކީ ބައިނަލް އަގުވާމީ އެއަރ ޕޯޓާއި ހުޅުމާލޭގެ އަގު އުފުލި ރައްޔިތުންނަށް އެތަކެއް ފައިދާ އަކާއި ފަސޭހަ ކަމެއް ލިބިދިން މަސައްކަތް ތަކެކެވެ. އިގުތިސާދަށް ލިބުނު އިތުރު ކުރިއެރުމެކެވެ.
ދިވެހި ދައުލަތުގެ އިގްތިސާދު ނާޒުކު ފައްތަރަކަށް ވެއްޓުނު ވަގުތު ދިވެހި ދައުލަތުގެ ލައިފް ލައިނަކީ އޭރުގައި އެކުރެވުނު މަސައްކަތްތަކުގެ ނަތީޖާގެ މޭވާކަމީ ދެބަސް ނުވެވޭނެ ހަގީގަތެވެ. ދިވެހި ދައުލަތުގެ ދަރަނި މިއަދު ހުރީ ގާތްގަނޑަކަށް 162 ބިލިއަން ދިވެހިރުފިޔާއަށް އަރާފައެވެ. 2023 ގައި ހޮވި ވެރިކަމުގެ ދަރަނީގެ މިންވަރު އެކި ސަބަބާހުރެ 35 ބިލިއަނުން މައްޗަށް އެރިއެވެ.
މުއިއްޒުގެ ވެރިކަމާއެކު ދުނިޔޭގެ އިގްތިސާދީ އޭޖެންސީ ތަކުން ދިވެހިރާއްޖޭގެ އިގްތިސާދުގެ ނާޒުކު ވާހަކަތައް ދައްކާ މިންވަރު އިތުރު ވެއްޖެއެވެ. ރަތްބޮކީގެ ކުލަގަދަވެ ފެހި ސިގްނަލް ގެއްލިއްޖެއެވެ. ހަރަދު ކުޑަ ކުރުމަށް ކެނޑި ނޭޅި ގޮވަނީއެވެ. އެސްއޯއީތައް ހަމައަކަށް އަޅުވަން ގޮވަނީއެވެ. އާމްދަނީ އިތުރުވާނެ މަސައްކަތްތައް ކުރުމަށް ގޮވާލަނީއެވެ.
ސަރުކާރަކަށް އަޑެއް ނީވެއެވެ. ސަރުކާރަށް ފެންނަނީ އިންތިހާބު ތަކާއި ހަނީ މޫން ތަކެވެ. އިސްރާފުތަކާއި ރައްޔިތުންނަށް ކުރާނެ ގޯނާ ތަކާއި ޖުރިމަނާ ތަކެވެ. 2018 ގައި ނިމުނު ވެރިކަމުގައި ދިވެހި އިގްތިސާދަށް އިންދި އޮށްތަކުގެ މޭވާ ނުލިބޭ ނަމަ ގައުމުގެ ހާލަތާއި މެދު ހިތާމަ ކުރާނެކަން ޔަގީނެވެ.


