ކޮން ގާނޫނެއް ހެއްޔެވެ! ޔާމީނަކީ މިނިވަނެއް!

ހުކުމްތައް ހަލާލުވަނީ ހަމައެކަނި ނިކަމެތިންގެ މައްޗަށް

ކޮން ގާނޫނެއް ހެއްޔެވެ! ޔާމީނަކީ މިނިވަނެއް!

އެއީ ޔާމީނުގެ މައްސަލަ އެއް ނޫނެވެ. ގިނަ ދިވެހިން ގަބޫލު ކުރާ ގޮތެވެ. މަނީލޯންޑަރިންގެ މައްސަލާގައި މިހާރު ވެސް ރައީސް ޔާމީނަށް އިއްވާފައި ވަނީ ހަރާން ޙުކުމެެއް ކަމަށް ރާއްޖޭގެ 54 އިންސައްތަ މީހުން ނިންމައިފިއެވެ. ދެންކޮން ޕެރޯލް ގާނޫނަކާ ހުރެ ރައީސް  ޔާމީނަށް ކަރެކްޝަންސުން ފިޔަވަޅު އަޅާ ވާހަކައެެއް ހެއްޔެވެ. 

ގާނޫނު ހިނގާނީ ގާނޫނުން ތިރިއަށެވެ. ރައީސް ޔާމީނަކީ ގާނޫނުން މައްޗެވެ. ކޮންމެ ކަމެއް ކުރިއަސް ރާއްޖޭގެ ގިނަ ރައްޔިތުން ބުނަނީ ރައީސް ޔާމީނު ވިއްޔާ އޯކޭ ކަމަށެވެ. މިހާރު ރައީސް ޔާމީނަށް އިއްވާ ފައިވާ 11 އަހަރުގެ ޖަލު ހުކުމަކީ ހަރާން ހުކުމެއް ކަމަށް ނުބުނާ ވަޒީރަކު، ރައީސަކު އަދި އެއްވެސް ވެރިޔަކު އަންނަ ސަރުކާރަކު ނުހުންނާނެވެ. ޚުދު ރައީސް މުޢިއްޒު ވެސް އޭގައި ހިމެނި ވަޑައިގަނެއެވެ.

ރިޕަބްލިކް އޮފް ކުޑަ އެމެރިކާގައި ހުކުމްތައް ހަލާލު ވާނީ ހަމައެކަނި ނިކަމެތިންގެ މައްޗަށެވެ. އަދުލް އިންސާފު ގާއިމު ކުރަން ކޯޓް ތަކުގައި ތިއްބަވާ ފަނޑިޔާރުންނަށްވުރެ މަތީގައި އޮންނަނީ އެ ކޯޓެއްގެ ފުރާޅެވެ. ރައީސް ޔާމީނަކީ އެންމެ މަތީ ކޯޓްގެ ފުރާޅު ނަންގަވާ ފަނޑިޔާރުން ބަނޑުބިންމަތީ ދަންމަވާ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެންމެހާ މާލަމް ތަކަށް އެރޭގެ ދަންވަރު ފައު ކުރެއްވި މާތް ސާހިބާ ކަން އޮތީ އެމަނިކުފާނުގެ ވެރިކަމުގައި ސާބިތުކޮށް ދެއްވާފައެވެ. ވީއިރު ދެން ކޮންމެ ކަމެއް ކުރެއްވިއަސް ރައީސް ޔާމީނަށް އިއްވަން އޮންނާނެ ހަލާލު ހުކުމަކީ ކޮބައި ހެއްޔެވެ؟

އެވަރުގެ މުޖްރިމަކު ނަމަ އެ މަނިކުފާނުގެ ފޮޓޯފުޅު ދައްކާލީމާ ރައްޔިތުންގެ 54 އިންސައްތަ ކެވި އަރައިގެން ގޮސް ޑރ. މުހަންމަދު މުއިއްޒު ރާއްޖޭގެ ރައީސް ކަމަށް ގެންނާކަށް ވޯޓެއް ނާޅާނެއެވެ.

ރާއްޖެ ހިނގާނީ ރާއްޖޭގެ ރައްޔިތުން ބޭނުންވާ ގޮތަށެވެ. ރައްޔިތުން ބޭނުންވަނީ ރައީސް ޔާމީނެވެ. ހުވާ ކުރެއްވުމަށް ފަހު އެނޫން ކަމެއް ކުރައްވާކަށް ރައީސް މުއިއްޒަކަށް ނެތެވެ.