ކިތަންމެ އޮޅުކޮށް އުޅުނަސް މިނިކާވަގު މިނިކާނެ!

ކިތަންމެ އޮޅުކޮށް އުޅުނަސް މިނިކާވަގު މިނިކާނެ!

ވީގޮތްތަކެއްވެ އިއްޔެ ނިމިއްޖެއެވެ. މިއަދު އޮވެ ނިމޭނެއެވެ. ހޯދަން އޮތީ މާދަމާއެވެ. އިއްޔެ ވީގޮތުގެ މަތީގައި ހުއްޓި ނުތިއްބަސް އިއްޔެ ވީގޮތް ނޭނގި މާދަމާ ރަނގަޅެއް ނުކުރެވޭނެއެވެ.

ކުށުން ހުސްވެގެންވާ އިންސާނަކު ނޫޅެއެވެ. އިންސާނާއަށް އެނގިގެންނާއި ނޭގި ގޯސް ހެދެއެވެ. ގޯސް ހަދައެވެ. ބޭނުންވާ ވަކިކަމެއް ހާސިލްކުރުމަށްޓަކާ ރާވައިގެން ގަސްދުގައި ގޯސްހަދާ މީހަކާ ފަހަރުގައި ގޯހެއް ހެދޭ މީހަކާ އުޑާ ބިމާހާ ތަފާތުވާނެއެވެ. މާދަމާއަށްޓަކާ އިއްޔެ ވީގޮތް އެގެންޖެހެނީ އެހެންވެއެވެ. 

ކަމެއް ހަސިލުކުރުމަށްޓަކާ އިއްޔެވީ ކަންކަމަކީ ނުވާކަމަކަށް ނުހެދޭނެއެވެ. އެހެނެކޭ ކިޔާ އިއްޔެވީ ގޮތަށް މާދަމާ ހުރިހާކަމެއް ނުވެވެސް ހިނގައިދާނެއެވެ. އެކަމަކު ވަކި ގޮތަކަށް ކަންކަން ކުރަމުން އައި ބަޔަކު އެނޫން ގޮތަކަށް ކަމެއްކޮށްފާނެ ކަމަށް ގަބޫލުކުރެވޭނީ ކުރަމުން އައިގޮތާ ހިލާފަށް ކަންތައްތަކެއް ކުރީމައެވެ. 

ރާއްޖޭގެ ސިޔާސީ ކަންކަން އެނބުރެމުން ސެނބުރެމުން ދާގޮތުން ސިޔާސީ ލީޑަރުންނަށް ކުރެވޭ އިތުބާރު މުޅިން ނެތިދިޔައީ އަމަލާ ބަހާ ދިމާނުވުން ހައްދުފަހަނަ އެޅީމައެވެ. ފެށުނީއްސުރެ ވަކި ގޮތަކަށް ކަންކަން ކުރާކަމަށް ގިނަ ބަޔަކު ގަބޫލުކޮށްފައި ހުންނަ މީހަކަށް އިތުބާރުކޮށް ވެރިކަން ދިނުމުން އޮތްބަޅަށް ނުދާ އެއްވެސް ވެރިއަކު ނުފެނުނެވެ. ވެރިކަން ލިބުމުން ކަންކަން ރަނގަޅުވާނެ ކަމަށް ހީކުރާ ހީކުރުން ވެގެން ދަނީ ރައްޔިތުންގެ ބޮލާފޮށާ އެކުމަކަށެވެ. 

އެކެއްގެ ކިބައިގައި ހުރި ލިބަރަލް ވިސްނުމާއި ބިރަކާނުލާ މަޖާކުރުމާއި ހަރުދަނާ ކަމެއްނެތުމާއި އަމާޒު ލާހޫރުން ވެރިކަމަށް އައުމަކުން ބަދަލެއް ނުވިއެވެ. ނާޖާއިޒު ފައިދާ ހޯދުމާއި ހިޔާނާްތްތެރިވުމާއި އަތްގުޅި ނުކާވަރުގެ ބޮޑެތި ކަންކަން ހޯދައިގެން ބައަޅައިގެން ވައްކަން ކުރާކަމަށް މަޝްހޫރު މީހަކު ވެރިކަމަށް ގެނައިމާ ވީގޮތް ވެސް ދުށީމެވެ. ރިއެކްޓް ކުރުމުގައި ލަސް ދޫދިނުމުގައި ހިސާބެއްނެތް އެހާމެ މައިތިރި މީހަކު ވެރިކަމަށް ގެނައުމުން ވީގޮތް ފެނިއްޖެއެވެ. ބޮޑު އިލްމީ ފާހަކާއެކު ލައްވާލި ކޮންމެ ހިސާބަކުން ކޮރަޕްޝަނާއި ފަސާދަ ހިންގަމުން ދީން ވިއްކައިގެން ދޮގުހަދާ އުޅުނު މީހަކު މީހެއްގެ ހިޔަނީގައި ވެރިކަމަށް ގެނައުމުން ވާގޮތް ވެސް އެބަ ފެނެއެވެ.

އެހެން ކަމުން މާދަމާއަށްޓަކާ ކާކަކީ ކާކުކަން އެގެން ޖެހެއެވެ. ކާކުކުރީ ކީއްކަން ވެސް އެނގޭން ޖެހެއެވެ. ކިތަންމެ އޮޅުކޮށް އުޅުނަސް މިނިކާވަގު މިނި ނުކާނެކަމަށް މިނިކާވަގަކާ އެކު މާދަމާ ހޯދަން އުޅެން ހެޔޮނުވާނެއެވެ.