ރޫލް އޮފް ލޯގެ ވާހަކަ ދައްކަމުން މުއިއްޒު ތައްޔާރުވަނީ 3 ރައީސުން ހައްޔަރުކުރަން
ސިޔާސީ ހަމަޖެހުން ރާއްޖެއަށް ގެނެސްދެވިއްޖެކަމަށް ވިދާޅުވެއްޖެ ކަމަށް ވިދާޅުވަމުން ރައީސް މުއިއްޒު ދެއްވީ ނުރައްކާތެރި އިންޒާރެކެވެ. މީގެ ކުރިން ސިޔާސީ ގޮތުން ރައީސުން ހައްޔަރުކުރެވުނު ކަމަށާއި މުއިއްޒު އެކަން އަދި ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. އެގޮތުގައި ދެމިހުންނަވާނެކަމަށް ވިދާޅުވަމުން ދެއްވާ މެސެޖު ވަރަށް ތަފާތެވެ.
މާބާރަކަށް ރޫލް އޮފް ލޯގެ ވާހަކަ ދައްކަވަނީ ހިތް ނިޔަތް ނުބައި ކަމުންނެވެ. ގާނޫނީ ހަމަ އަޅުވައިގެން އަނިޔާވެރިވުމަކީ ބަޔަކު ނުދަންނަ ކަމެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހާއި ފަނޑިޔާރުގެއާއި މުށުތެރެއަށްލައިގެން ހުރެ ވެރިކަން ކުރާ މީހަކަށް ގާނޫނީ ގޮޅިގޮޅިއަށް މީހުން ފައްތާކަށް މާއުނދަގުލެއް ނުވާނެއެވެ.
ގާނޫނ އަސާސީން ލިބިދޭ އަސާސީ ހައްގެއް ޕަރެކްޓިސް ކުރުމުންވެސް ގާނޫނީ ގޮޅިގޮޅިއަށް މީހުން ފައްތާލުމަކީ މާ އުދަގޫ ކަމަކަށް ނުވާނެއެވެ. އޭގެ އެންމެ ދިރިހުރި މިސާލަކީ އެލްސޯފާ މައްސަލައެވެ. ހައްދެއްނެތް ކޯޓު އަމުރެއް ނެރުވާ އޭގެދަށުން ބޭނުންވާ ބަޔަކު ހިފާ ހައްޔަރު ކުރުމަކީ ރޫލް އޮފް ލޯއެއް ނޫނެވެ. ސުވާލެއް ކުރި ނޫސްވެރިޔާއާއި ކޯޓް އަމުރު ނެރުނު ހަބަރު ލިޔުނު ނޫސްވެރިޔާ އިންސާފުވެރި ޝަރީއަތެއް ލިބިނުދީ ޖަލަށް ލުމަކީ ރޫލް އޮފް ލޯއެއް ނޫނެވެ. ދެ ނޫސްވެރިންނަށް އަނިޔާދިން ކޯޓު އަމުރާ ހިލާފްވީ އެކެއްް ދެމީހެއް ނޫނެވެ. ހުދު ރައީސް މުއިއްޒާއި ވެރިކަން ހިންގާ ޕާޓީގެ ޕީޖީ ލީޑަރ މާ ބޮޑަށްވެސް އެ އަމުރާ ވަނީ ހިލާފު ވެފައެވެ. އެކަމަކު ރޫލް އޮފް ލޯ އެމީހުންގެ މައްޗަކަށް ނުހިނގައެވެ.
ކުރިން ހުއްދަ ނެގުމަކާނުލާ އެއްވެއުޅުމަކީ ގާނޫނު އަސާސީ ކަށަވަރުކޮށްދޭ އަސާސީ ހައްގެކެވެ. ފުޅާ ދާއިރާއެއްގައި އެހައްގު ގާނޫނު އަސާސީން ކަށަވަރުކޮށް ދިން އިރު އެއްވުންތަކުގެ ސަބަބުން އާއްމު ބައެއް ހާލަތްތަކަށް ބުރޫ އަރާ ހުއްޓު އަތުވެދާނެކަން ނޭގި ކަށަވަރު ކޮށްދިން ހައްގަކަށް ކުރިން ހުއްދަ ނެގުމަކާނުލާ އެއްވެ އުޅުން ނުވެއެވެ. ހިނގާ ބިނގާވެ އުޅުމާއި އެއްޗެތި ދުއްވުމަށް ދަތިވުން ބަހަނާއަކަށް ހަދައިގެން އަނިޔާވެރިކަމާއެކު އެއްވުންތައް ރޫޅާލުމަށް ފުލުހުން ފޮނުވާ ފުލުހުންގެ ވާޖިބަށް ހުރަސް އަލާކަމަށް ހަދައިގެން އެއްވުންތަކުން ވަކިވަކި މީހުން ހައްޔަރުކޮށް ޝަރީއަތް ހިންގުމަކީ ރޫލް އޮފް ލޯއެއް ނޫނެވެ.
ސަރުކާރު ތެރޭގައި ހިންގާ ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަ ދައްކާތީއާއި ދޮން އަމާ ރިޕޯޓާއި އައިޝާ ޑޮކިއުމެންޓްރީގެ ޖަޒްބާތުގައި އަދަދު ނޫސް ހުއްޓުވާލަން އުޅުމަކީ ރޫލުއޮފް ލޯއެއް ނޫނެވެ. ބެލަކަނި ރިޕޯޓާއި އެލްސޯފާ މުޒާހަރާ ލައިވްކުރާތީ ޗެނަލް 13 އަށް ފިޔަވަޅު އެޅުމަކީ ރޫލް އޮފް ލޯއެއްް ނޫނެވެ.
ޕާޓީގެ މެންބަރޝިޕް ލައްކައަކަށް އަރުވަން ދައުލަތުގެ ޑާދާޓާބޭސް ކޮޅާލައިގެން މީހުންގެ ޒާތީ މައުލޫމާތު ވަގަށް ނެގި ޕީއެންސީއާއި އެކަމުގައި އުޅުނު ވެރިންނަށް ޝަރީއަތް ނުހިންގާ ދައުލަތުގެ ބަޖެޓުން އެމެ ގިފައިސާ ދޭ ޕާޓީއަކަށް ޕީއެންސީ ހަދައިގެން އުޅުމަކީ ރޫލް އޮފް ލޯއެއް ނޫނެވެ. ވާދަވެރި ސިޔާސީ ޕާޓީތައް އެކި ބަހަނާ ދައްކައިގެން ލައްކަލައްކައިން ޖުރުމަނާ ކުރުމަކީ ރޫލުއޮފް ލޯއެއް ނޫނެވެ.
ރޫލް އޮފް ލޯ ބޭނުން ކޮށްގެން މުއިއްޒު ދެން އެންމެ އަވަހަށް ކުރާނެ އެއްކަމަކީ ގާނޫނީ ސަރުކާރު ވައްތާލަން މަޖިލިސް މެންބަރުންނަށް ރިޝްވަތުދޭން އުޅުންފަދަ ކަމަކަށް ތުހުމަތުކޮށް ކުރީގެ 3 ރައީސުން ޖަލަށްލުމެވެ. އޭރުންވެސް އަނގަފުޅާކޮށްފައި ބުނާނީ ގާނޫނު ހިންގުމަކީ ލާޒިމުކަމެއް ކަމަށެވެ.




