ހާމަނާއީ ޖަނާޒާ: ޓްރަމްޕާއި ނަތަންޔާހޫ ދިޔަސް މުއިއްޒެއް ނުދާނެ!

ތައުޒިޔާގެ މެސެޖެއް ފޮނުވާނުލާތާ ބައިދަނޑިއަށް ދިދަވެސް ތިރިކޮށްލަން ނުކެރުނު

ހާމަނާއީ ޖަނާޒާ: ޓްރަމްޕާއި ނަތަންޔާހޫ ދިޔަސް މުއިއްޒެއް ނުދާނެ!
ފޮޓޯ: ހާމަނާއީގެ ޖަނާޒާގެ ތެރެއިން

ކޮންހާ ލަންބާ ޗޯޅާ ވާހަކައެއް ހެއްޔެވެ. ކުޑަ ކުއްޖަކުވެސް ގަބޫލު ނުކުރާ ކަހަލަ ދެއުޅިއެއްނުވާ ވާހަކަ ސަރުކާރުން ދެއްކީމާ ގަބޫލުކުރާނީ ކާކު ހެއްޔެވެ. ފިނޑި ކަމުގެވެސް އިންތިހާއެވެ. ހަގީގަތަށް ވާހަކަ ދައްކަން ނުކެރިގެން ކޮންމެހެން އާދަމުގެ ފާނޭ ފަޅޮލޭ ކިޔާނެކަމެއް ނެތެވެ. 

އީރާނުގެ ރޫހީ ލީޑަރ އާޔަތުއްލާ ހާމަނާއީގެ ޖަނާޒާގައި ރާއްޖޭން ބައިވެރިނުވީ ނުވާން ވެގެންނެވެ. ވާން ބޭނުން ނެތިގެންނެވެ. އެމެރިކާއާއި އިޒުރޭލް ދެކެ ގަންނާ ކުރައްވާ ބިރުން ޖަނާޒާގައި ބައިވެރި ނުވިއްޔޭ ބުނެބަލާށެވެ. 

އިސާލާމީ ދައުލަތެއްގެ އެންމެ މަތީވެރިޔާގެ ޖަނާޒާގައި ސަފީރުން ފެންވަރުގައި ވެސް ރާއްޖޭން ބައިވެރިވާން ނިންމާފާ ނުވާކަން ވަރަށް ސާފެވެ. ކޮންމެވެސް ގައުމެއްގައި ހުންނަ ކޮންމެވެސް ސަފީރެއް ފޮނުވަން ނިންމީއޭ ސަރުކާރުގެ ތަރުޖަމާނު ބުނި ހިސާބުން މާ ރަނގަޅަށްވެސް އެ ޖަނަޒާގައި ރާއްޖޭން ބައިވެރިވާން ނެތްކަން އެނގުނެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ތަރުޖަމާނު ދިން ޖަވާބު ހަލާލުކުރަން ހާރިޖިއްޔާއިން ބަޔާނެއް ނެރުނަސް އޭރު ގެރި މަރުވެއްޖެއެވެ. ފެންގަނޑު ކުނި ވެއްޖެއެވެ. ސަރީރޭ ޕްރޮޓްކޯލޭ ސްޓޭޓް މިނިސްޓަރޭ ފަހުގެ ތާރީހޭ އިޜާނުގެ ލަފައޭ ކިޔައިގެން މަތި އޮމާން ކުރާކަށް އުޅޭނެ ކަމެއް ނެތެވެ. 

ފެށުނީއްސުރެ މުއިއްޒު ސަރުކާރުގެ އަމަލުތައް ހުރި ގޮތުން މުއިއްޒު ސަރުކާރަކީ ޔަހޫދީންގެ ބައިވެރިއެއްކަން ރައްޔިތުންނަށް ވަރަށް ސާފެވެ. އިޒްރޭލް ޕާސްޕޯޓް ބޭން ކުރުމުގެ ކަންތަކުގައި ގެންގުޅުނު އިޔަހޫދީ ގޮތް ގަނޑުން އެކަނިވެސް އެއްޗެއް ރައްޔިތުންނަށް ވިސްނޭނެއެވެ.

އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ހަމަލާ ދިނުމުން ރާއްޖޭގެ ސަރުކާރުގެ އަމަލުތައް ހުރިގޮތްވެސް އޮތީ ފެންނާށެވެ. އީރާނުގެ އެތައް ސަތޭކަ ކުޑަކުދިންނާއި ރޫހީ ލީޑަރ ހާމަނާއީ ޝަހީދުކޮށްލުމުން މުއިއްޒު ސަރުކާރުން ކަންތައް ކުރިގޮތް ވެސް ފެންނަން އެ އޮތީއެވެ.

ތައުޒިޔާގެ މެސެޖެއް ފޮނުވާނުލާތާ ބައިދަނޑިއަށް ދިދަވެސް ތިރިކޮށްލަން ނުކެރުނެވެ. ގައިރު މުސްލިމު ގައުމުތަކުގެ ވެރިން އަވަހާރަވުމުންވެސް ބައިދަނޑިއަށް ތިރިކުރާ ދިދައެއް ހާމަނީ ޝަހީދު ކޮށްލުމުން ތިރިކޮށްލަން ނުކެރުނެވެ. 

ރައްޔިތުންގެ ޕްރެޝަރ ބޮޑުވެ ގޮތް ހުސްވެގެން ވެސް ހަނގުރާމަ ކުއްވެރިކުރީ އިޒްރޭލާއި އެމެރިކާގެ ނަންގަނެލަން ނުކެރި ހުރެއެވެ. އަނެއްކޮޅުން އަރަބި ގައުމު ތަކުގައި ހުރި އެމެރިކާގެ ބޭސްތަކަށް އީރާނުން ދިން ހަމަލާތައް މުއިއްޒު ކުއްވެރިކުރީ އީރާނުގެ ނަންކިޔާފައެވެ.

އެހާވަރަށް މުނާފިގުކަން ފާޅުކުރި ސަރުކާރަކުން ހާމަނާއީގެ ޖަނާޒާގައި ބައިވެރި ނުވާނެކަމީ ޝައްކެއްނެތް ކަމެކެވެ. ހާމަނާއީގެ ޖަނާޒާގައި ޑޮނަލްޑް ޓްރަމްޕާއި ނަތަންޔާހޫ ބައިވެރިވި ނަމަވެސް މުއިއްޒަށް ބައިވެރިވާކަށް ނުކެރޭނެއެވެ. މުއިއްޒަކީ ދީން އައްޑަނައަކަށް ހަދައިގެންއުޅޭ ޔަހޫދީ އެޖެންޓެކޭވެސް މީހުން ކިޔައެވެ.