ނަޝީދު ބޭނުމީ މަޖިލީހަށް ސިފައިން ވައްދަން!

ރައީސް ސޯލިހު އުޅުއްވަނީ އިދިކޮޅަށް އެދެމެދަށް ނުވަދެވޭހާ ރައްޔިތުންނާއި ގާތުގަ!

ނަޝީދު ބޭނުމީ މަޖިލީހަށް ސިފައިން ވައްދަން!

ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އަޅުވައިގެން ދައުލަތް ހައިޖެކް ކުރުމުގެ ބޭނުން ނަޝީދަށް ވަރަށް ބޮޑެވެ. ސަބަބުތައް ބައިވަރެވެ. އިތުބާރު ނެތް ކަމަށް ދެ ވަޒީރެއްގެ މައްސަލަ މަޖިލީހަށް ވެއްދުވީ ނަޝީދުގެ މަކަރާ ހީލަތުންނެވެ. މަޖިލީހުގެ ތެޅުމުގައި އަބުރު ނަގާލާ ސަރުކާރަށް ކުނި ހުތުރު ގޮވާލުމުގެ ބޭނުމުގައި ދެ ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވެއްދީ އިތުބާރު އޮތްކަމަށް ފާސްވާނެކަން އެނގި ތިބެއެވެ.

ދެ ވަޒީރުންގެ އިތުބާރު ނެތް ކަމަށް ވެއްދިތަނުން ނަޝީދަށް ލިބުނީ މައި ނުބައިލަނޑެކެވެ. މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަން ފާސް ކުރެވޭ ވަރުގެ ބޮޑު އަގުލަބިއްޔަތުގެ ސޮޔާއެކު އީވާ ނައިބު ރައީސް ކަމުން ވަކި ކުރަން ހުށަ ހެޅުނީއެވެ. މަޖިލީހުގެ ރިޔަސަތު ހިސޯރުކޮށްގެން ނަޝީދަށް އިންނަން ލިބޭ ފުރުސަތު ހަނިވާތަން ނަޝީދަށް ފެނުނީއެވެ.

ނިޒާމުގެ ތެރެއިން ދެވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ހިންގާ އެ ބޭފުޅުންނަށް އިތުބާރު އޮތްތޯ ވޯޓަށް އަހައިގެން އެކަން ނިންމާކަށް ނަޝީދު ބޭނުމެއް ނޫނެވެ. އެ ދެ މައްސަލަ މަޖިލީހުން ނިންމުމަށް ފަހު އީވާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހޭނެތީ ކުރެވެން އޮތްލަހެއް ކުރަނީއެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކި ކުރުމަށް ފަހު ނައިބު ރައީސަކަށް އައްޔަނު ވެގެން ދާނީ ނަޝީދުގެ ގޮނޑކޮއްކޮއެއް ނޫންކަން ނަޝީދަށް ރަނގަޅަށް އެނގެއެވެ. މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް އީވާ ނޫން މީހަކު އަޔަ ނުދޭން ސިދާ ގޮތުންނަ ނުސީދާ ގޮތުން ކުރެވެން އޮތްހާ ކަމެއް ނަޝީދު ކުރާނެއެވެ. ދަނީ ކުރަމުން ވެސް މެއެވެ. 

އިވާ ނޫން މީހަކު މަޖިލީހުގެ ނައިބު ރައީސް ކަމަށް އަތުވެއްޖެ ނަމަ އަންނަން ހުރި ކަންކަން ނަޝީދަށް އެބަ ފެނެއެވެ. މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރުމުގެ މަސައްކަތް ފެށިގެން ދާނެކަން އޭނާއަށް ކަށަވަރުވެއެވެ. އިތުބާރު ނެތްކަމުގެ މައްސަލައެއް ހިނގަ ހިނގާ އޮއްވާ އިމްތިޔާޒްގެ މައްސަލައެއް ވައްދުވައިގެން ވެސް އެ ޖަހާ ސަކަރާތަކީ ރައީސް ނަޝީދަށް މަޖިލީސްގެ ރައީސްކަން ގެއްލުނަ ނުދޭން ޖަހާ ސަކަރާތެވެ. 

އެކި ފާޑުގެ އުސޫލުތަކާއި އެކި ހަމަ އަޅުވައިގެން މަޖިލިސް މަރުތަޅު އެޅުވުމުގެ އެހެން ބޭނުމެއް ވެސް ނަޝީދުގެ އެބަ އޮތެވެ. ކަމަކީ އެމްޑީޕީ މެންބަރުން ވަރަށް ބޮޑަށް ހޭލާ ތިބެން ޖެހޭކަމެކެވެ. އެކަމާ މެދު ރައީސް ސޯލިހަށް ވަފަތެރި މެންބަރުންގެ ވިސްނުންފުޅު ބަހައްޓަވަނެކަން ވެސް އެނގެއެވެ. ރައީސް ޔާމީނު ހެއްދެވި ފަދަ ގޯހެއް ސަރުކާރު ލައްވާ ހައްދުވަން ނަޝީދު އިސްވެ ހުރެ އެޖަހާ މަޅީގައި ސަރުކާރުން ޖެހޭނެ ކަމަށް ހީކުރުމަކީ އިދިކޮޅާއި ނަޝީދުގެ މޮޔަކަމެވެ. 

އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި ސަރުކާރަށް ތާއީދުކުރާ މެންބަރުން ކެތްތެރިކަމާއެކު ވިސްނުން އިސް ކުރައްވާނެއެވެ. ނަޝީދުގެ ކެހިވެރި މަޅީގައި ނުޖެހޭނެއެވެ. ނަޝީދުގެ ހީލަތްތެރި އެއްވެސް ނިންމުމެއް މަޖިލީހުން ނިންމިޔަކަ ނުދޭނެއެވެ. ނަޝީދުގެ ހީލަތާ ދެކޮޅަށް މަޖިލީހުގެ ފްލޯ މެނޭޖުކޮށް ހިފެހެއްޓުމަށް ވުރެ މޮޅު އެއްވެސް ގޮތެއް ގައުމަށް މިވަގުތަކު ނެތެވެ.

މަޖިލީސްގައި މަރު ތަޅު އަޅުވައިގެން ވެސް ނަޝީދު މިވަގުތު ބޭނުން ވާނީ ސަލާމަތީ ބާރުތައް މެދުވެރިކޮށް މަޖިލީހުގެ މައްޗަށް ސަރުކާރުން ބާރު ހިންގުވާށެވެ. އަބްދުﷲ ގާޒީ އެކަހެރި ކުރިހެން މަޖިލީހުގެ ރިޔާސަތުން ނަޝީދު އެކަހެރި ކުރުވާށެވެ. އިދިކޮޅު މެންބަރުން މަޖިލީހުން ނެރެ ބޭރުކޮށްގެން ސަރުކާރު ބޭނުންވާ ގޮތަށް މަޖިލީހުން ކަންކަން ނިންމުވާށެވެ. ބޭނުމަކީ ރައްޔިތުންގެ ތެރޭގައި ރައީސް ސޯލިހަށް ނަފުރަތު އުފެއްދުމެވެ. ނަޝީދުގެ މަގުބޫލުކަން އިތުރު ކުރުމެވެ. 

ބުނަން ހެއްޔެވެ. ރައީސް ސޯލިހު އެ ހުންނެވީ ތިޔަ ޒާތުގެ ފިތުނަވެރިން ދަމާހާ ފިތުނައިގެ ދަލެއްގައި ޖެހި ވަޑައިގަންނަވާ ގޮތަކަށް ނޫނެވެ. މަޖިލިސް ފަސްކޮށް ލަސްކޮށް މަޖިލީހުގެ ތެރޭގައި އިދިކޮޅުން ޗަރުކޭސް ކުޅެކުޅެ ތިބޭށެވެ. ތިޔަ ތާކު ނަޝީދާއެކު އިދިކޮޅުން ތިޔަ ޖަހާ ސަކަރާތަކުން ރައީސް ސޯލިހަށް ގެއްލޭ އެއްޗެއް ނެތެވެ. އެ މަނިކުފާނަށް ވަފާތެރި މަޖިލިސް މެންބަރުން ސަރުކާރާއި ރައީސް ސޯލިހު މަޖިލީހުގެ ތެޅުމުގައި ދިފާއު ކުރާނެއެވެ. ގެއްލި ހުސްވާނީ އިދިކޮޅުގެ ހަކަތައާއި ވަގުތެވެ. ރައީސް ސޯލިހު އެ އުޅުއްވަނީ އިދިކޮޅަށް އެދެމެދަށް ނުވަދެވޭހާ ރައްޔިތުންނާއި ގާތުގައެވެ.