އަސާސީ ހިދުމަތުން ފައިދާ ހޯދުމަކީ ބޮޑުގޯހެއް
ބްރޯކަރ ނިޒާމު ދައުލަތުން ނައްތާލަންޖެހޭ.
ވެރިކަމުގެ ބާރާއި މަޖިލީހުގެ ބޮޑު މެޖޯރިޓީ ލިބުމަކީ އޭގެ ބޭނުން ހެޔޮ ގޮތުގައި ހިފައިފި ނަމަ ކޮޅެއް ނެތްހާ ރަނގަޅު ކަމެކެވެ. ދައުލަތުގައި ހުރި އުނިކަން ކަން އިސްލާހުކޮށް ރަނގަޅު ކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.
ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކޮށް ލުއިފަސޭހަ އުފާވެރި ރައްޔިތެއް ދިރިއުޅޭ ގައުމަކަށް ރާއްޖެ ބަދަލު ކުރުމަކީ ހެޔޮވެރިކަމެއް އޮތުމުގެ ބޭނުމެވެ. ކޮންމެ ކަމަކީ ރައްޔިތުންނަށް ބުރައަކަށް ހެދުމަކީ ވެރިކަމެއް އޮތުމުގެ ބޭނުމެއްނޫނެވެ. ހެދުނުގޮތެއް ހަދައިގެން ރައްޔިތުންގެ އަތުން ފައިސާ ދައުލަތަށް ނަގައިގެން ވިޔަފާރީގެ ފައިދާ ހޯދަން ކުރާކަމަކަށް ދައުލަތް ހިންގުން ހެދުމަކީ ސަރުކާރެއް އޮތުމުގެ ބޭނުމެއް ނޫނެވެ.
ދައުލަތަކީ ވެލްފެއަރ ސްޓޭޓަކަށް ހަދައިގެން ސަބްސިޑީން ނޫނީ ނޫޅެވޭ ރައްޔިތެއް އޮތް ދައުލަތަކީ ވެސް ހެޔޮ ދައުލަތެއް ނޫނެވެ. ސަރުކާރުން އަސާސީ ހިދުމަތްދޭ ކުންފުނި ހަދައިގެން ބޮޑު ފައިދާ ހޯދަން ރައްޔިތުންގެ ޖީބުކެނޑުމަކީ ހެޔޮ ވިސްނުމެއް ނޫނެވެ.
ރައްޔިތުންނަށް މަސައްކަތްކޮށްގެން އާމްދަނީ ލިބޭނެ ގޮތްތައް ހޯދާ ދީގެން ރައްޔިތުން ބާރުވެރި ކުރުވުމަށްވުރެ މޮޅު އެހެގޮތެއް ނޯންނާނެއެވެ. ނުލިބޭ އާމްދަނީ ގައި އަގުބޮޑު ދިރިއުޅުން އުޅެން މަޖުބޫރުނުވާ ވެއްޓެއް ގާއިމުކޮށް ދިނުމަކީ މުހިންމު ކަމެކެވެ.
ދައުލަތުގެ ޚަރަދާއި އިސްރާފް ކުޑަކޮށް ކޮރަޕްޝަން ނައްތާލުމަށް ގިނަ ބަޔަކަށް އާމްދަނީ ހޯދޭނެ ފުރުސަތާއި ފައިސާ ފޯރުކޮށް ދީގެން ހަމަޖެހުން ހޯދާދޭން ޖެހެއެވެ. ސަރުކާރުގެ ސައިޒްކުޑަޮށް އެންމެ ބޮޑު ވަޒީފާދޭ ފަރާތުގެ ގޮތުގައި ސަރުކާރު އޮންނަ އޮތުން ބަދަލު ކުރަންޖެހެއެވެ.
ދައުލަތުގެ މަސައްކަތް ކުރުވުމުގައި އިންތިޒާމް ވެގެން ހިނގާ ބްރޯކަރ ނިޒާމާއި ކޮމިޝަން އެޖެންޓް ނިޒާމު މުޅިން ނައްތާލަން ޖެހެއެވެ. ރައްޔިތުންނަށް ހިދުމަތް ދީގެން އާމްދަނީ ހޯދައިގެން ދައުލަތް ހިންގާ ހިންގުން ނިންމާލަން ޖެހެވެ. ސަރުކާރުން ރައްޔިތުންނަށްދޭ ހިދުމަތުން ފައިސާ ނަގައިގެން ފައިދާ ހޯދުމުގެ ވިސްނުން އެކީ އެކައްޗަކަށް ދޫކޮށްލަން ޖެހެ އެވެ.