ދަމުނަމާދު ކުރާނީ މިގޮތަށް

ރޭ އަޅުކަމުގެ ގޮތުގައި ދަމުނަމާދު ކުރުން

ދަމުނަމާދު ކުރާނީ މިގޮތަށް

ދަމުނަމާދު ކުރެވޭނެ ވަރަށް ގިނަ ގޮތްތައްވެއެވެ. އިޝާ ނަމާދުގެ ސުންނަތަށްފަހު ނިދުމުގެ ކުރިން އެއް ރަކުއަތް ވެސް ކުރެވިދާނެއެވެ. ދެ ރަކުތް ނުވަތަ އެއަށްވުރެ އިތުރަށްވެސް ކުރެވިދާނެއެވެ. ބޭނުން ނަމަ ރޭގަނޑުގެ ފަހު ބަޔަށް، ނުވަތަ ރޭ ދެބައިވަންދެން ވެސް ދަމުނަމާދު ލަސްކޮށްލެވިދާނެއެވެ.

އިޝާނަމާދުގެ ފަހުން ނިދާލުމަށް ފަހު ދަމުނަމާދަށް ތެދުވެ ފުރަތަމަ ލުއި ކޮށް ދެރަކުއަތް ކޮށްލާށެވެ. އެ މީހަކަށް ފަސޭހަ މިންވަރަކަށް ނަމާދު ދިގުކުރެވި ދާނެއެވެ. ދެރަކުއަތުން ސަލާމްދެމުން 4 ރަކުއަތް ނުވަތަ 6 ރަކުއަތް ނުވަތަ 8 ރަކުއަތް ނުވަތަ 10 ރަކުއަތް ވެސް ކުރެވިދާނެއެވެ. އެއަށްފަހު ވިތުރީގެ އެއް ރަކުއަޓް ކުރާނީއެވެ.

ކީރިތި ރަސޫލާ އަމަލު ކުރެއްވި ކަމަށް ބޮޑަށް ބުރެވެވެނީ މިގޮތަށެވެ. ބައެއްފަހަރު 3 ރަކުއަތުން ނުވަތަ 5 ރަކުއަތުން، ނުވަތަ 7 ރަކުއަތުން ވިތުރި ކުރައްވާފައިވާ ކަމަށް ރިވާވެގެން ވެއެވެ. 10 ރަކުއަތް ކުރެއްވުމަށް ފަހު އިތުރަށް 1 ރަކުއަތް ކުރައްވާ ކަމަށް ވެއެވެ. ކޮންމެ 2 ރަކުތަކުން ސަލާމް ދެއްވަމުން 10 ރަކުއަތް ކުރެއްވުމަށް ފަހު ވިތުރީގެ 1 ރަކުއަތުން ކުރައްވައެވެ.

ސަލާމް ނުދެއްވާ 7 ރަކުއަތް އެއްކޮން ދަމުނަމާދު ކުރައްވާ ކަމަށް އައިޝަތުގެފާނު ރިވާކުރައްއެވެ. ބައެއް ފަހަރު 6 ވަނަ ރަކުއަތުގައި ފުރަތަމަ އައްތަހިއްޔާތަށް އިށީނދެވަޑައިގެން އިންނެވުމަށްފަހު ސަލާމް ނުދެއްވާ 7 ވަނަ ރަކުއަތަށް ތެދުވެވަޑައިގެން ނަމާދު ފުރިހަމަ ކުރައްވާފައިވެސް އެބަހުއްޓެވެ.

ބައެއް ފަހަރު ސަލާމް ނުދެއްވާ 5 ރަކުއަތް ކުރައްވައެވެ. ފަހު ރަކުއަތުގައި މެނުވީ އައްތަހިއްޔާތަށް އިށީނދެވަޑައި ނުގަންނަވައެވެ.

ބައެއްފަހަރު، ޖުމުލަ 13 ރަކުއަތް ދަމުނަމާދުގައި ކުރެއްވުމުގައި 2 ރަކުއަތުން ސަލާމް ދެއްވަމުން 8 ރަކުއަތް ކުރެއްވުމަށް ފަހު ސަލާމް ދެއްވުމެއް ނެތި އެއްފަހަރާ، 5 ރަކުއަތުން ވިތުރި ކުރައްވައެވެ.  

ސަލާމް ދިނުމެއް ނެތި އެއްފަހަރާ 9 ރަކުއަތުން ވިތުރި ކުރައްވައެވެ. 8 ވަނަ ރަކުއަތުގައި ފުރަތަމަ އައްތަހިއްޔާތަށް އިށީނދެވަޑައިގަންނަވައެވެ. ދެން ތެދުވެވަޑައިގެން 9 ވަނަ ރަކުއަތް ކުރެއްވުމަށްފަހު ސަލާމް ދެއްވައެވެ.

މިހުރިހާ ގޮތަކީވެސް ނަބިއްޔާ ގެ އަރިހުން ސާބިތުވާ ގޮތްގޮތެވެ. އެހެނަސް އެންމެ މޮޅު އިތުރު ގޮތަކީ 2 ރަކުއަތުން ސަލާމް ދެމުން ދަމުނަމާދު ކުރުމެވެ. ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވެއެވެ. "ރޭގަނޑުގެ ނަމާދުވަނީ ދެ ރަކުއަތުން ދެ ރަކުއަތުންނެވެ." އެބަހީ 2 ރަކުއަތުން 2 ރަކުއަތުން ކުރުމެވެ. ކޮންމެ 2 ރަކުއަތަކުން ސަލާމް ދެމުން ކުރުމެވެ. އެހެން ކަމުން އެންމެ ފަހުން ވިތުރީގެ 1 ރަކުއަތް ކުރުމެވެ. މިއީ އެންމެ މޮޅު އިތުރު އަދި އެންމެ ފުރިހަމަ ގޮތެވެ.

އެހެންވިޔަސް ކުރިން ބަޔާން ކުރެވުނު ގޮތްތަކުގެ ތެރެއިން އެހެން ގޮތެއް ހިޔާރު ކުރިޔަސް މައްސަލައެއް ނެތެވެ. މިބުނި ގޮތްތަކަކީ:- 

  • 1 ރަކުއަތުން ވިތުރި ކޮށް އެއަށްވުރެ އިތުރު ނުކުރުން.
  • 3 ރަކުއަތުން ވިތުރި ކުރުން: 2 ރަކުޢަތް ކޮށްފައި ސަލާމް ދިނުމަށްފަހު އެއް ރަކުއަތްކުރުން، ނުވަތަ 3 ރަކުޢަތް އެއްކޮށް ފަހު ރަކުއަތުގައި އެކަނި އައްތަހިއްޔާތަށް އިނުން.
  • 5 ރަކުއަތުން ވިތުރި ކުރުން: ކޮންމެ 2 ރަކުއަތަކުން ސަލާމް ދެމުން 4 ރަކުއަތްކޮށް ވަކިން 1 ރަކުއަތް ކުރުން. އެގޮތް މާ އިތުރުވެގެންވެއެވެ. 5 ރަކުއަތް އެއްކޮން ކޮށް ހަމައެކަނި ފަހު ރަކުއަތުގައި އައްތަހިއްޔާތަށް އިނުންވެސް މައްސަލައެއް ނެތެވެ.

މިހުރިހާ ގޮތަކީވެސް ޝަރުއު ކުރައްވާފައިވާ ގޮތްތަކެކެވެ. ވާޖިބު ވެގެންވަނީ އަވަސް އަރުވައިނުލާ، ހުޝޫއަތްތެރިކަމާއި މަޑުމައިތިރިކަމާއެކު ނަމާދުކުރުމެވެ. ވީހާވެސް ހުޝޫތްތެރިކަން އިތުރުވުން މޮޅުއިތުރުވެގެންވެއެވެ. ކިޔެވުމުގައި އަވަސް އަރުވައި ނުލުމެވެ. އަޑު ހަރުކޮށް ކިޔެވުމާއި ސިއްރުން ކިޔެވުމުގައި އިހުތިޔާރު ލިބިގެންވެއެވެ. 

އިހުތިޔާރު ލިބިގެން ވުމުން ކޮންމެ ކަމެއްވެސް ކުރާނީ އެމީހަކަށް އެންމެ ފައިދާހުރި ގޮތަކަށެވެ. ދަމުނަމާދުގައިވެސް އޮންނާނީ އެގޮތެވެ. އެންމެ ބޮޑަށް ހުޝޫއަތްތެރި ވެވެނީ އަދި ނަމާދުން ރާޙަތު ލިބެނީ މަޑުން ކިޔެވުމުން ކަމުގައިވާނަމަ އެގޮތަށް ޢަމަލު ކުރުމުގައި މައްސަލައެއް ނެތެވެ. އެހާލަތުގައި އެއީ އެންމެ މޮޅުއިތުރު ގޮތެވެ. އެންމެ ބޮޑަށް ހުޝޫއަތްތެރިވެވެނީ އަޑު ހަރުކޮށް ކިޔެވުމުން ކަމުގައި ވާނަމަ ބަޔަކަށް އުނދަގޫ ނުވާނަމަ އަޑުހަރުކޮށް ކިޔެވުމުގައިވެސް މައްސަލައެއް ނެތެވެ.

ނަމަވެސް އެހެން މީހުންނަށް އުނދަގޫ ނުވާ ހާލަތް ތަކުގައި މެނުވީ އަޑު ހަރުކޮށް ނުކިޔަވާށެވެ. ވަށައިގެން ނަމާދުކުރާ މީހުންނާއި ނިދާފައި ތިބޭ މީހުންނަށް  އުނދަގޫ ވެދާނެތީ އެބައިމީހުންގެ ހާލަށް ރިޔާއަތްކޮށް ސިއްރުން ކިޔެވުން މޮޅު އިތުރެވެ. ރަމަޒާން މަހު ބޮޑު ޖަމާއަތް ހަދައިގެން ކުރެވޭ ދަމުނަމާދުގައި ސިއްރުން ކިޔެވުމަށްވުރެ މޮޅުއިތުރީ އަޑުހަރު ކުރުމެވެ. 

ރިފަރެންސް: ސޮފްހާ 21-24، ފަތާވީ ނޫރު އަލައްދަރުބި ލިސަމާހަތު، ޝައިހު އަބްދުއްލާ އިބްން ބާޒް