އިސްލާމްދީނަށް ފުރައްސާރަކުރާ މީހުނާ ދުރުވާންޖެހޭ
ފާޅުގައި، އިސްލާމް ދީނަށް ގޮންޖަހާ މީހާ ޖަމާއަތުން ބާކީ ކުރަންޖެހޭ
އިސްލާމީ ޝަރީޢާގެ މަޤްޞަދުތައް (މަޤާޞިދުއްޝަރީޢާ) ވަރަށް ސާފެވެ. އިސްލާމީ ޝަރީޢާގެ އަމާޒަކީ އެ ޝަރީޢާގެ ތެރެއިން މުޅި އިންސާނިއްޔަތުގެ ފައިދާ ދެނެގަތުމެވެ. ކުރު ގޮތަކަށް ދަންނަވާނަމަ، މި ޝަރީޢާގެ އިބްތިދާއީ މަޤްޞަދަކީ މުޅި އިންސާނިއްޔަތަށް ދުނިޔެ އާއި އާޚިރަތުގައި ލިބެން ހުރި ފައިދާ ތަކުގެ ޙަޤީޤަތް އަންގައި ދިނުމެވެ. މިއަށް ވުރެ ތަފްޞީލުކޮށް ދަންނަވާ ނަމަ، މުޅި ޝަރީޢާގެ މަޤުޞަދަކީ އިންސާނާގެ އަސާސީ އަގުތައް (ފަންޑަމެންޓަލް ވެލިޔުސް) ރައްކާތެރިކޮށް ޙިމާޔަތް ކުރުމެވެ.
މި ދެންނެވި (ފަންޑަމެންޓަލް ވެލިއުސް) އަސާސީ އަގުތަކަކީ:
(1) ދީން (ނުވަތަ އިސްލާމީ ޢަޤީދާ)،
(2) ނަފްސު (ނުވަތަ އަބުރާއި ފުރާނަ ނުވަތަ ދިރިހުރުން)،
(3) ދަރިފަސްކޮޅު (ނުވަތަ ނަސްލު)،
(4) ފިކުރު ނުވަތަ ބުއްދި (އިންޓެލެކްޓް)،
(5) މުދާ (ނުވަތަ މާލު) އެވެ.
އެހެން ކަމުން މުޅިއިސްލާމީ ޝަރީޢާގެ މަޤުޞަދުގެ އެންމެ ކުރީގައި މި ވަނީ އިސްލާމް ދީން ޙިމާޔަތް ކުރުމުވެ. މުޅި އިސްލާމީ ޝަރީޢާގެ ހުރިހާ އަސާސް ތަކެއް ބިނާވެފައި ވަނީ އިސްވެ މި ދެންނެވި މަޤުޞަދުތައް ޙާޞިލު ކުރުމުގެ މައްޗަށެވެ. ދީނުގެ އެއްވެސް ކަމެއް މި އަސާސްތަކާ ޚިލާފެއް ނުވާނެ އެވެ.
ޝަހާދަތުގެ މާނަ އަކީ ﷲ ފިޔަވައި ޙައްޤު ގޮތުގައި އަޅުކަން ވެވޭ އެއްވެސް ފަރާތެއް ނުވުމެވެ. ﷲ ފިޔަވައި އަޅުކަން ވެވޭ ހުރިހާ ފަރާތްތައް ނަފީ ކުރުމާއި ހަމައެކަނި ﷲއަށް ހުރިހާ ބާވަތެއްގެ އަޅުކަންތައް ޘާބިތު ކުރުމެވެ. އެ އިލާހަށް އަޅުކަން ކުރުމުގައި އެއްވެސް ފަރާތެއް ބައިވެރި ނުކުރުމެވެ.
މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައީ ﷲގެ ރަސޫލާ ކަމުގައި ހެކިވުމުގެ މާނައަކީ އެ ކަލޭގެފާނަކީ ﷲ ތަޢާލާ ފޮނުއްވި ރަސޫލެއް ކަމަށް ޤަބޫލު ކުރުމާއި އެ ކަލޭގެފާނު ކުރެއްވި އަމުރުފުޅު ތަކަށް ކިޔަމަންވުމާއި، އެ ކަލޭގެފާނު ދެއްވާފައިވާ ޚަބަރުތައް ތެދުކުރުމާއި، އެ ކަލޭގެފާނު ނަހީ ކުރައްވައި މަނާ ކުރައްވާފައިވާ ކަންކަމުން ދުރުހެލިވުމާއި، އެ ކަލޭގެފާނު ދެކެ ލޯބިވުމެވެ. އަދި އެ ކަލޭގެފާނުގެ ބަސްފުޅުގެ ކުރިޔަށް އެހެން އެއްވެސް މީހެއްގެ ބަސް އިސް ނުކުރުމެވެ.
އިސްލާމީ ޝަރީޢާގެ މަޤްޞަތުތައް ޙިމާޔަތް ކުރުމަކީ އެންމެހައި މުސްލިމުންގެ މައްޗަށް އޮތް ވަރަށް ބޮޑު ދީނީ ވާޖިބެކެވެ. އަދި އިސްލާމީ ޤައުމެއްގައި ވެރިކަމުގެ ފަރާތުން އެންމެ ބޮޑު ސަމާލު ކަމެއް ދޭން ޖެހޭނީ މި މި މަޤްޞަދު ޙިމާޔަތް ކުރާށެވެ. ދީން ޙިމާޔަތް ކުރުމަށް އެންމެ ބޮޑު އިސްކަމެއް ނުދޭނަމަ، އިސްލާމީ ވެރިކަމެއްގެ ބޭނުމެއް ވެސް ނެތެވެ.
އިސްލާމް ދީން ޙިމާޔަތް ކުރުމަށްޓަކައި ދީނަށް ފުރައްސާރަ ކުރުން ހުއްޓުވަން ޖެހެއެވެ. ދީނުގެ އަސާސް ތަކަށް ތަޙައްދީ ކުރުމަށް ޖާގަދެވިގެން ނުވާނެއެވެ. ކީރިތި ޤުރުއާނަށް އިންކާރު ކުރެވިގެން ނުވާނެއެވެ. ކައު އިތުރު ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް އަށް ހަޖޫޖެހިގެން ނުވާނެއެވެ. މުޅި ކާއިނާތުގެ ވެރި ގަދަ ކީރިތިވަންތަ މާތް ﷲ އަށް ތައުހީނު ކުރެވިގެން ނުވާނެއެވެ. މިފަދަ ކަމެއް ކޮށްފި މީހަކަށް ވަގުތުން ފިޔަވަޅު އެޅެންޖެހެއެވެ. މިއިން ކަމަކީ ވާހަކަ ދައްކައި ދިރާސާ ކޮށްގެން މަޝްވަރާ ކޮށްގެން ދޭތެރޭ މެދުގެ ޙައްލެއް ހޯދޭނެ (ކޮމްޕްރަމައިޒް ކޮށްގެންވާނެ) ކަން ކަމެއް ނޫނެވެ. މިއީ އެންމެ ހަރުކަށި އަދަބު ލަސް ނުކޮށް ދޭން ޖެހޭނެ ނުބައި ޝައިޠާނީ ޢަމަލު ތަކެކެވެ.
ދީނީ ކަންކަން ކޮމްޕްރަމައިޒް ކުރުމަކީ އިސްލާމީ މުޖުތަމާއެއްގައި އުފެދޭނެ އެންމެ ބޮޑު ފިތުނައެވެ. މި ފަދަ ފިތުނަ ތަކަށް ޖާގަދެވިއްޖެ ނަމަ، ދެން ނުކުންނާނެ ނުބައި ނަތީޖާތައް އަންދާޒާ ކޮށްލާން ވެސް ނޭނގޭނެއެވެ. އިސްލާމީ ޚިލާފަތުގެ ދުވަސްވަރު ވެސް އުފެދުނު އެންމެ ބޮޑު ފިތުނައަކީ އިސްލާމް ދީނުގެ ބައެއް ރުކުން ތަކަށް އިންކާރުކޮށް މުރުތައްދު ވުމުގެ ނުބައި ފިތުނައެވެ. މި ފިތުނައިގެ ސަބަބުން މުސްލިމުންނަށް ލިބުނު ގެއްލުންތައް އިސްލާމީ ތާރީޚުން އެހެރީ ފެންނާށެވެ.
އެތަނެއްގައި އިސްލާމް ދީން ނެތިއްޖެ ނަމަ، ރާބުއިމާއި ޒިނޭ ކުރުމާއި ވައްކަން ކުރުމާއި ދޮގުހެދުމާއި މި ނޫންވެސް ނުބައި ހުރިހާ ކަންކަން މުޖުތަމަޢުގައި ޢާއްމު ވާނެއެވެ. ނަތީޖާއަކަށް ވާނީ އިންސާނީ އަގުތައް ވެއްޔާ މޮޑެވުމެވެ. ސައްތައިން ސައްތަ އިސްލާމީ ދިވެހި މުޖުތަމައުން ވެސް އިސްލާމް ދީން ކޮމްޕްރަމައިޒް ކުރަން މަސައްކަތް ކުރާ މީހުން ފާޅުގައި އެބަފެނެއެވެ. އެމީހުންގެ ފިތުނައިން މިގައުމު ސަލާމަތް ކުރައްވާށިއެވެ.