ހީރަސް ސުފުރާ: ހުތް ކުކުޅު

ލެމަން ޗިކަން ހަދަނީ މިހެން

ހީރަސް ސުފުރާ: ހުތް ކުކުޅު

ހީރަސް ސުފުރާއަށް މިފަހަރު ގެނެސް ދޭނީ ހުތް ކުކުޅު ނުވަތަ ލެމަން ޗިކަން ހަދާނެ ގޮތެވެ. ރޯދަ ވީއްލާ ސުފުރާ މައްޗަށް ކަމުދާ މީރު ކެއުމަކަށް ހުތް ކުކުޅު ވެގެންދާނެއެވެ.

ބޭނުންވާ ތަކެތި: 

½ ކިލޯ ކުކުޅު މަސް

2 ލުނބޯ

3 ލޮނުމެދު

¼ ޖޯޑު ކޮރިއެންޑަރ ފަތް

1 ސައި ސަމުސާ ދިރި (ހިމުންކޮށްފަ)

½ ސައި ސަމުސާ ތެޅިމިރުސް

1 ސައި ސަމުސާ ލޮނު

½ ސައި ސަމުސާ އަސޭމިރުސް

3 މޭޒުމަތީ ސަމުސާ އޮލިވްއޮއިލް

1 މޭޒުމަތީ ސަމުސާ މާމުއި

ތައްޔާރުކުރާނެ ގޮތް:  

ކޮރިއެންޑަރފަތް ކޮޅު ކުދިކޮށް ކޮށާފަ ތައްޓަކަށް އަޅާށެވެ. ލުނބޮއެއްގެ ތޮށި ގޭނާލުމަށް ފަހު އޭގެތެރެއަށް އަޅާށެވެ. އަދި ލުނބޯހުތް ވެސް އަޅާށެވެ. ލޮނުމެދުވެސް ގާނާފަ އަޅާށެވެ. އޮލިވްއޮއިލް، ދިރި، ތެޅިމިރުސް، ލޮނު، އަސޭމިރުސް، މާމުއި އަޅާފަ މިހުރިހާ ބާވަތެއް އެއްކޮށްލާށެވެ.

ބުނެވި ދިޔަގޮތަށް އެއްކޮށް ލައިގެން ހެދުނު ހަވާދުގަނޑު ކުކުޅުމަސްކޮޅުގަ ރަނގަޅަށް ހާކާލުމަށްފަހު 30 މިނިޓަށް އައިސްއަލަމާރީގައި ބަހައްޓާށެވެ.

ތަވައަށް ތެޔޮފޮދެއް އެޅުމަށްފަހު ހޫނުވުމުން މަޑުގިނީގައި ކުކުޅުމަހުގެ ކުލައަށް ބަދަލުއަންނަ ވަރަށް ތެލުލާށެވެ. އެއަށްފަހު އަވަނުގައި 15 ވަރަކަށް މިނިޓަށް ކުކުޅުމަސްކޮޅު ފިހެލާށެވެ.  

ރަނގަޅަށް ފިހެލެވުމުން ގާރނިޝް ކޮށްލުމަށް ފަހު ސުފުރާ މައްޗަށް ނަގާށެވެ.