ހީރަސް ރެސިޕީ: ގޮޅަރިހަ

ހީރަސް ރެސިޕީ: ގޮޅަރިހަ

ހީރަސް ރެސިޕީގައި ގެނެސްދޭން މިއަދު މިގަސްދުކުރީ ގޮޅަރިހަ (ގުޅަރިހަ)އެވެ. ގޮޅަރިހަ އަކީ ލާމު އަތޮޅަށް ނިސްބަތްވާ މަޝްހޫރު ރިހައެކެވެ. އެހެން ނަމަވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި މިރިހަ ކައްކާ އުޅެއެވެ. ގޮޅަރިހަ ނުވަތަ މަސް ގުޅަރިހަ ކެއްކުމުގައި އަޅަންވީ ތަކެއްޗާއި ހަދަންވީގޮތްތަކުގައި ކުޑަކޮށް ތަފާތު ތަކެއް އެކި ހިސާބުގައި ހުރެއެވެ. 

ހީރަސް ރެސިޕީއިން ގޮޅަރިހަ ކެއްކުމަށް ބޭނުންވާ ތަކެތީގެ ވަޒަން މިދެނީ 3-4 މީހުންނަށް ވާވަރަށެވެ.

  • ގުޅަ ހެދުން
  • ބޭނުންވާ ތަކެތި

½ ފިޔާ (އާދައިގެ ސައިޒެއްގެ)

1 ލޮނުމެދު

3 ހިކަނދިފަތް

¼ ސައިސަމުސާ ނުމުގުރާ ހުރި އަސޭމިރުސް 

½ ސައިސަމުސާ ނުމުގުރާ ހުރި ދިރި

2 މޭޒުމަތީ ސަމުސާ ހުނި

5 ހިކި މިރުސް 

1 ސައިސަމުސާ ލޮނު 

2 ސައިސަމުސާ ފެން

1 & 2/3 ޖޯޑު މުގުރި ފަރު މަސް

  • ހަދާނެ ގޮތް
  1. ފިޔައާއި ލޮނުމެދުކޮޅު ކޮށާލާށެވެ. މާ ތުނިކޮށް ނުކޮށިޔަސް ރަނގަޅުވާނެއެވެ.
  2. ފަރުމަސްކޮޅު ނޫން އެހެން ހުރިހާ އެއްޗެއް މިކްސަރަށް އަޅާށެވެ. 2 ސައިސަމުސާ ފެނާ އެއްކޮށްލާފައި ދެން މިކްސަރު ޖައްސައިގެން އެތަކެތިން ޕޭސްޓް ގަނޑެއް ހަދާށެވެ.
  3. ކަށިފިލުވާ ކުދިކޮށް ކޮށާފައި ހަމަ އެހެން އެއްޗެހި ވެސް މުގުރާ ގޮތަށް ފަރުމަސްކޮޅު ވެސް މިކުސަރު ބޭނުންކޮށްގެން ރަނގަޅަށް ޗިސްކޮށްލާށެވެ.
  4. ފަރުމަސްކޮޅާއި ތައްޔާރުކުރި ޕޭސްޓް ގަނޑު ބޯތަށްޓަކަށް އަޅާފައި ރަނގަޅަށް މޮޑެލާނީއެވެ.
  5. މޮޑުނު ތަކެތިން ގުޅަ ވަށާށެވެ. އަހަރުމެން ގުޅަ ވެށިއިރު ގުޅައެއްގެ ޑަޔަމީޓަރުގައި ހުރީ ގާތްގަނޑަކަށް ½ އިންޗިއެވެ.
  • ހަވާދުގަނޑު ހެދުން
  • ބޭނުންވާ ތަކެތި

1 ފިޔާ (އާދައިގެ ސައިޒެއްގެ)

1 ލޮނުމެދު

10 ހިކަނދިފަތް

3 މޭޒުމަތީ ސަމުސާ ނުމުގުރާ ހުރި ކޮތަނބިރި

1 & ½ މޭޒުމަތީ ސަމުސާ ނުމުގުރާ ހުރި ދަވިއްގަނދު

1 މޭޒުމަތީ ސަމުސާ ނުމުގުރާ ހުރި ދިރި

½ ސައިސަމުސާ ނުމުގުރާ ހުރި އަސޭމިރުސް

1/3 ޖޯޑު ހުނި

5 ހިކި މިރުސް 

1 & ½ އިންޗި ފޮނިތޮށި

3 ކާފޫރު ތޮޅި

3 އިންޗީގެ ރާނބާފަތް ކޮޅެއް

  • ހަދަންވީ ގޮތް
  1. ފިޔާކޮޅު ތަންކޮޅެއް ބޮޑެތިކޮށް ކޮށާލާށެވެ.
  2. ބޮޑު ތަވައެއް އުދައި އެ ރަނގަޅަށް ހޫނުކުރާށެވެ.
  3. ތަވާ ހޫނު ވުމުން، ހަވާދު ގަނޑު ހަދަން ބޭނުންވާ ހުރިހާ އެއްޗެއް ތަވައަށް އަޅާށެވެ.
  4. މެދު ގިނީގައި ބަހައްޓައިގެން ހުނިކޮޅަށް މަޑު މުށިކުލައެއް އަރަންދެން ހަނާކުރާށެވެ. ހަނާ ކުރަމުން ދާއިރު ގިނަގިނައިން ތަވާ ތެރެ ހާވާލަންވާނެއެވެ.
  5. ހަނާކޮށް ނިމުމުން ހަނާކުރި ތަކެތި އެއްޗަކަށް ނަގައި ހިހޫވެލަންދެން ބަހައްޓާށެވެ.
  6. އެއްކޮށް ހިހޫ ވުމުން 5 މޭޒުމަތީ ސަމުސާ ފެން ޖަހައިގެން ޕޭސްޓް ގަނޑަކަށް ވަންދެން މިކްސަރުން މުގުރާށެވެ.
  • ރިހަ ކެއްކުން
  •  ބޭނުންވާ ތަކެތި

½ ފިޔާ (އާދައިގެ ސައިޒެއްގެ)

8 ހިކަނދިފަތް

3 އިންޗީގެ ރާނބާފަތް ކޮޅެއް

¼ ގިތެޔޮ މިރުސް 

1 & ½ މޭޒުމަތީ ސަމުސާ ތެޔޮ

1 & ½ ޖޯޑު ފެން ކިރު

4 މޭޒުމަތީ ސަމުސާ ބޯކިރު

1 ސައިސަމުސާ ލޮނު 

  • ހަދާނެ ގޮތް
  1. ފިޔާ ކޮޅު ތުނިކޮށް ކޮށާލާށެވެ.
  2. ގިތެޔޮ މިރުސްކޮޅުވެސް ކޮށާލާށެވެ.
  3. ތެއްޔަކަށް ތެޔޮފޮދު އަޅައި އެ ރަނގަޅަށް ހޫނު ކުރުމަށްފަހު އޭގެ ތެރެއަށް ފިޔާކޮޅާއި ރާނބާފަތް ކޮޅާއި ގިތެޔޮ މިރުސްކޮޅާއި ހިކަނދިފަތް ކޮޅު އަޅައި ފިޔާކޮޅު މަޑުވެ އެއަށް ރަން މުށި ކުލަ އަރަން ފަށަންދެން ކައްކާށެވެ.
  4. ތެލީގެ ތެރެއަށް ކުރިން ތައްޔާރު ކުރި ހަވާދު ގަނޑާއިއެކު ފެން ކިރުކޮޅު އަޅާލާށެވެ. ރަނގަޅަށް ހުރިހާ އެއްޗެއް އެއްކޮށްލާފައި ބޮކި ޖަހާ ކެކި ގަންނަންދެން ކައްކާށެވެ.
  5. ތެއްޔަށް އެޅިތަކެތި ރަނގަޅަށް ކެކުނީމާ ކުރިން ވެށި ގުޅަތައް ތެއްޔަށް އަޅާލުމަށްފަހު ލޮނުކޮޅުވެސް އަޅާލާށެވެ.
  6. ދެން އަނެއްކާވެސް ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާފައި ގާތްގަނޑަކަށް 15 ވަރަކަށް މިނެޓު މަޑު ގިނީގައި ކައްކާލާށެވެ.
  7. އެންމެ ފަހު ކަމަކަށް ބޯކިރުކޮޅު އަޅައި އެއްކޮށްލާފައި އަނެއްކާވެސް 2 މިނެޓެއް ހާއިރު ކައްކާލާށެވެ.