ހީރަސް ރެސިޕީ: ވަޅޯމަސް ކޮއްތުރޮށި

ހީރަސް ރެސިޕީ: ވަޅޯމަސް ކޮއްތުރޮށި

ހީރަސް ރެސިޕީ މިއަދު ހާއްސަކޮށްލާނީ ކޮއްތު ރޮއްޓަށެވެ. ކޮއްތު ރޮށްޓަކީ ސިލޯނު މީހުންގެ އުފެއްދުމެއް ކަމަށް ބުނެވެއެވެ. ކޮއްތު ރޮއްޓަކީ ސްރީލަންކާގައި ނޫނަސް ރާއްޖޭގައިވެސް ވަރަށް މަޝްހޫރު ކެއުމެކެވެ. އެކި ނަންނަމުގެ ކޮއްތުރޮށި ރާއްޖޭގައި ތައްޔާރުކޮށް އުޅެއެވެ. ކޮއްތުރޮއްތަކީ ވަރަށް ހިނގާ މީރު ކެއުމެކެވެ. 

ރެސިޕީއިން ތައްޔާރު ކުރެވޭނީ: 4-6 މީހުންނަށް ވާ ވަރަށެވެ.

  • ބޭނުންވާ ތަކެތި

5 ޗަޕާތީ 

1 ޖޯޑު ކޮށާފައިހުރި ވަޅޯމަސް

2 ފިޔާ

2 ޖޯޑު ކެބެޖް (ކޮށާފައި)

1 ޓޮމާޓޯ (ބޮޑު)

2 ބިސް

1 ކެރެޓު

2 ހިކި މިރުސް

4 ލޮނުމެދު

1 އިންޗީގެ އިނގުރު

4 ހިކަނދިފަތް

2 ކާފޫރު ތޮޅި

1 މޭޒުމަތީ ސަމުސާ ކުކުޅު ހަވާދު

½ 1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް

½ ސައިސަމުސާ ދިރި ޕައުޑަރ

1 މޭޒުމަތީ ސަމުސާ ތެޅި މިރުސް

2 މޭޒުމަތީ ސަމުސާ ޑާކް ސޯޔާ ސޯސް

1 މޭޒުމަތީ ސަމުސާ ތެޔޮ

  • ހަދާނެގޮތް
  1.  ޗަޕާތީތައް ފިހެލާފައި ވަޅިއަކުން ޗަޕާތީތައް ކޮށާލާށެވެ. ކޮށާނީ ކޮންމެ އެތިކޮޅެއްގައި ½ އިންޗީގެ ފުޅާމިން ހުންނާނެ ގޮތަށެވެ.
  2. ކެރެޓު ތައް ގާތްގަނޑަކަށް ދިގުމިނުގައި 2 އިންޗި އަދި ބޯމިނުގައި ސެންޓިމީޓަރެއް ހުންނާނެ ގޮތަށް ކޮށާށެވެ. ފިޔާކޮޅުވެސް ތުނިކޮށް ކޮށާލާށެވެ.
  3. ޓޮމާޓޯއާއި ލޮނުމެދާއި އިނގުރުކޮޅު ކުޑަކޮށް ފޮތިފޮތި ކޮށްލުމަށްފަހު އެތަކެއްޗާއިއެކު ހިކި މިރުސް، ހިކަނދިފަތް، ކާފޫރުތޮޅީގެ އޮށް އަދި ކޮށި ފޔަލުގެ ހަތަރުބައިކުޅަ އެއްބައި މިކްސަރަށް އަޅައި އެތަކެތިން ޕޭސްޓް ގަނޑެއް ހަދާށެވެ.
  4. ތެޔޮ ކޮޅު ބޮޑު ތެއްޔަކަށް އެޅުމަށްފަހު އެ ރަނގަޅަށް ހޫނުވުމުން އޭގެ ތެރެއަށް ޕޭސްޓްގަނޑު އަޅައި މަޑު ގިނީގައި މިނެޓެއްހާއިރު ކައްކާލާށެވެ.
  5. ތެއްޔައް ސޯޔާ ސޯސް، ޓޮމާޓޯ ޕޭސްޓް، ދިރި، ތެޅި މިރުސް، އަދި ހަވާދުކޮޅު އަޅާ ރަނގަޅަށް އެއްކޮށްލާށެވެ. ރަހަބަލާލާފައި ލޮނާއި ކުޅިމިން ހެޔޮވަރު ކޮށްލާށެވެ.
  6. ފިޔާކޮޅު ތެއްޔަށް އަޅާލާފައި އެ މަޑުވާންދެން ކައްކާށެވެ.
  7. ކުޑަކޮށް އުނދުނުގެ ގިނި ގަދަ ކޮށްލާފައި ކެރެޓާއި ވަޅޯމަހާއި ޗަޕާތީތައް އަޅައި ކެރެޓުކޮޅު ކުޑަކޮށް މަޑުވެލަންދެން ކައްކާށެވެ. ދޭތެރެ ދޭތެރެއިން ހަލާލަންވާނެއެވެ.
  8. ކެބެޖުކޮޅުވެސް އަޅާލައި ރަނގަޅަށް އެއްކޮށްލާށެވެ.
  9. ތެލީގެ ތެރޭގައި ހުރި ތަކެތި އެއްކައިރިއަކަށް ޖައްސާލުމަށްފަހު ހުސްކުރި ތަންކޮޅަށް ބިސްކޮޅު އަޅާލާށެވެ. ބިސްކޮޅު ކެކެން ފެށުމުން ތެލީގައި ހުރ އެހެން ތަކެއްކާއި ބިސްކޮޅު އެއްކޮށްލާށެވެ.