ޕީއެންސީ ނައިބުކަން ސައުދާއަށް ނުލިބި އެހެން މީހަކަށް ނުލިބޭނެ

ގެރިހަން ލައިގެން ތިއްބަސް ސާރިދޯޅުން މުއިއްޒަށް ވަކިވާނެ

ޕީއެންސީ ނައިބުކަން ސައުދާއަށް ނުލިބި އެހެން މީހަކަށް ނުލިބޭނެ

ޑިމޮކްރެޓިކް ޕީއެންސީ ތައްޔާރުވަމުން އެދަނީ ފިސާރި ބޮޑު ކަމަކަށެވެ. ބޮޑުކަމާއި ބޮޑާކަމުގައި ވެރިކަންކުރާ ބޮޑުޕާޓީގެ ބޮޑު ޖަލްސާއަށެވެ. އައިޑީކާޑުން ވައްކަންކޮށްގެ ބޮޑުކުރި ޕާޓީގެ މަންދޫބުންގެ ބޮޑު މަޖިލީހަށެވެ. ޕީއެންސީގެ ކޮންގްރަސަށެވެ. 

ޕީއެންސީގައި ޑިމޮކްރަސީގެ އޮތްލެއް ބޮޑުކަމުން ޕާޓީގެ ކުރިބޯއްޓަކީ ބަދަލުވާ އެއްޗެއް ނޫނެވެ. ކިތަންމެ މޮޅަސް ކިތަންމެ ކުޅަދާނަޔަސް ޕާޓީގައި އެއްޔަކީ އެހެން އެކަކަށްވެސް އާދެވޭނެ ހިސާބެއް ނޫނެވެ. ޕާޓީގެ ރައީސް ކަމަކީ މުއިއްޒު ނޫން މީހަކަށް ނުލިބޭގޮތަށް ލިޔެ ސިލުޖަހާފައި އޮތްކަމެކެވެ. 

ޕީއެންސީގައި ރިޔާސީ ޓިކެޓަކީ ޕާޓީގެ ރައީސަށް ނޫނީ ލިބޭން އޮންނަ އެއްޗެއް ނޫނެވެ. ޕީއެންސީގެ ޓިކެޓްގައި ގައުމުގެ ރައީސް ކަމުގައި ހުންނަ މީހަކީ ޕާޓީގެ ރައީސެވެ. ވެރިކަން ނެތިއްޔާ ޑީއާރުޕީއާއި ޕީޕީއެމް ނެތްހެން ޕީއެންސީއަކީ އޮންނާނެ ޕާޓީއެއް ނޫނެވެ. އެހެންކަމުން ޕީއެންސީގެ ރައީސް ކަމަކީ މުއިއްޒު ނޫން މީހަކަށް ލިބޭކަށް އޮތް އެއްޗެއް ނޫނެވެ. ޕާޓީގެ ރައީސަކީ މުއިއްޒޭ ފާޅުކޮށް ލިޔެފައި ނެތްކަމެވެ. 

ޕީއެންސީގެ އެންމެ މުހިންމު އަނެއް މަގާމަކީ ޗެއަރޕާސަންގެ މަގާމެވެ. އެއްޔަކީވެސް މީހަކަށް ވާދަކުރެވެން އޮންނަ މަގާމެއް ނޫނެވެ. ޕީއެންސީގައި ޗެއަރޕާސަނަކަށް ހުންނަންޖެހެނީ ވެސް މުއިއްޒުގެ ގޮނޑިކޮއްކޮއެކެވެ. މުއިއްޒު އައްޔަނުކުރާ މީހެކެވެ. ބޭނުންވުމުން ބޭނުން އިރަކު މުއިއްޒަށް ބަދަލުކޮށްލެވޭނެ މީހެކެވެ. 

ޕާޓީގެ އެންމެ އިސް ދެމަގާމަށް ވާދަނުކުރެވޭ ކިއްކުރާ 70، 80 ހާސް މެންބަރުންނެއް ހެއްޔެވެ. އައިޑީ ކާޑުން ވައްކަންކޮށްގެން އެހާ ބައިބޮޑިކުރިޔަސް އެއެންމެނަކު ވޯޓުލާނީއެއް ނޫނިއްޔާއެވެ. ވޯޓުލީހީ ހިތުން ރުހުމުން ވައްދެތިބި ބަޔަކު ނަމަތާއެވެ. ބަޔަކު ވޯޓުލިޔަސް ނުލިޔަސް ވަރިހަމަތާއެވެ. އެހުރިހާ އެންމެންގެ ބޮލަށް ދައުލަތުން ޕާޓީއަށް ފައިސާ ނެގޭނެތާއެވެ. 

ޕީއެންސީގެ ބޮޑު ބިޔަ ކޮންގްރެސްގައި ވާދަކޮށްލަން މެންބަރުންނަށް ލިބޭ އެންމެ އިސް މަގާމަކީ ނައިބު ރައީސްކަމެވެ. އެމަގާމަށް އައުމަށް އެހާ ފޯރިއެއް ހުންނަނީ މުއިއްޒާ އަރިސްވާން ކަމެއް މަގާމުގެ ނަން ބޭނުންކޮށްގެން ދައުލަތް ދަވާލަން ކަމެއް ނޭނގެއެވެ. 5 މީހަކު މިހާރުވެސް ޝައުގުވެރިކަން އެތިބީ ފާޅުކޮށްގެންނެވެ.

ސިޔާސީ ވަފާތެރިކަމުގައި ކާންދިން އަތުގައި ދަތްނާޅާ ސައުދާ ނޫން އެކަކުވެސް އެމީހުންގެ ތެރޭގައި ހުރިއްޔެއް ނޫނެވެ. ސައީދެއް މުންދޫދެއް ޝުޖާއެއް ރާފިއުއެއް ކިޔާނެ ކަމެއް ނެތްތާއެވެ. ދެފުށުން ތަޖުރިބާކޮށް އިތުބާރު ހޯދާފައި އިން ކޮއްކޮ ސިޔާސީ ކަތިލުމަކުން ކަތިލާކަށް މުއިއްޒު ނުނެރޭނެއެވެ. ކޮއްކޮއަށް ނިލަންދޫ މަޖިލިސް ގޮނޑި ހޯދާދޭން ކޮށްލިވަރު މިތިބީ ދެކިފައެވެ. އެހެން ނޫނަސް ގެރިހަން ލައިގެން ތިއްބަސް ސާރިދޯޅުން މުއިއްޒަށް ވަކިވާނެއެވެ.

ބަޔަކު ކިތަންމެ ވަރަކަށް ޝައުގުވެރިކަން ފައުޅުކޮށް ރާގުރާގަށް ފޮނު އެރުވިޔަސް ދެ ޖިންސު ހަމަހަމަ ކުރުމުގެ ނަމުގައިވެސް ޕީއެންސީގެ ނައިބު ރައީސްކަން މުއިއްޒުގެ ކޮއްކޮ ސައުދާއަށް ނުލިބި އެހެން މީހަކަށް ނުލިބޭނެއެވެ. މުއިއްޒު ސިޔާސީ ނާރެހުގެ ގޮތުގައި ބަލާ ޕީއެންސީގައި ސައުދާ ނޫން މީހަކަށް ނައިބު ރައީސްކަން ލިބެންޖެހޭ ސަބަބެއްވެސް ނެތެވެ.