ރައީސް ރިއެކްޓް ކުރެއްވީމާ ހަޖަމެއް ނުވި!
އިސްކޮށްފައި ބައިތިއްބައިގެން އިސްލާހުވޭތޯ ލައްކަ މަސައްކަތް ކުރެއްވި
ކަންކަމުގައި ރައީސް ރިއެކްޓު ނުކޮށްގެން ބަޔަކު ލައްކަ ފޮނުއެރުވިއެވެ. އެމްޑީޕީ އިސްވެ އޮވެ ހިންގާ ވެރިކަމަކަށް ވެގެން އެމްޑީޕީއަށް ނިސްބަތްވެގެން ތިބީތީ ސަރުކާރުން މަތީ މަގާމުތައް ހޯދައިގެން ތިބެ ރައީސް ސާލިހުގެ ވެރިކަން ނިމުމަކަށް ގެންނަން ބަޔަކު ހުއްޓާނުލާ ދަނީ މަސައްކަތްކުރަމުންނެވެ. އެ ބަޔަކު އެމްޑީޕީގެ ތެރޭގައި ތިބެ ބަގާވަތް ކުރަމުން އަންނަތާ ކިހާދުވަހެއް ހެއްޔެވެ. އެމްޑީޕީ މީހުނަށް ވީތީ އެ މީހުނާ މެދު އިސްލާހީ ފިޔަވަޅެއްވެސް އެޅިގެން ނުވެޔޯލައެވެ. އެމްޑީޕީގެ ސްލޮޓެއްގައި މަގާމު ދީފައި ހުރި މީހަކު މަގާމުން ވަތްކެއްވެސް ނުކުރެވޭނެ ޔޯލައެވެ.
އަޖައިބެއް ނުވާނެ ހެއްޔެވެ. އެމްޑީޕީ މީހުންނަކީ ރައީސް ނަޝީދު ސްލޮޓް ދީގެން މަގާމު ދީފައި ތިބި މީހުން އެކަނިހެއްޔެވެ. އެމްޑީޕީގެ ސްލޮޓްގައި ވަޒީފާ ދިފާއިވާ އެމްޑީޕީ މީހަކު ރައީސަށް ހަރާންކޯރު ވާނަމަ އެމީހަކު ވަކިކޮށް އެމްޑީޕީގެ އެހެން މީހަކަށް ވަޒީފާ ނުދެވެންވީ ކީއްވެ ހެއްޔެވެ. ޕާޓީގެ މަސްލަހަތު ކުރިއަށް ނެރުއްވައިގެން ފިޔަވަޅެއް ނާޅުއްވާ އިސްލާހުވާން ރައީސް އެ މީހުނަށް ފުރުސަތު ދެއްވީ ކިހާވަރަކަށް ހެއްޔެވެ. އެކަމަކު ސަރުކާރުގެ އިސްސަފުގައި ތިބެގެން ސަރުކާރުގެ ވާގި ނައްތާލަން ޝިފާޒުމެން އަމްރުމެން ނުކުރަނީ ކީއްހެއްޔެވެ. އެކަހަލަ އެތައް ބަޔަކު އަދިވެސް އެބަތިއްބެވެ.
ރައީސުލްޖުމްހޫރިއްޔާއަކީ ހަތަރެސްފައި ބަދެފައި ބަޔަކު ބުނާހާ ގޮތެއް ހަދަން ރައްޔިތުން އިސްކޮށްފައި ހުންނަ މީހެއް ނޫނެވެ. އެމްޑީޕީގެ ނަން ބޭނުންކޮށްގެން ބަޔަކު މީހުން ވަކި މީހަކަށް ވެރިކަން ހޯދާދޭން ރައީސުލްޖުމްހޫރިއްޔާ ގުރުބާން ކުރަން ފުރުސަތު ދޭނެކަމަށް ހީވަނީ ހެއްޔެވެ.
އެމްޑީޕީއަށް ހިދުމަތްކުރާ މީހަކު ހިދުމަތްކުރާނީ އެމްޑީޕީއަށެވެ. ޕާޓީގެ މެޖޯރިޓީ މަސްލަހަތަށެވެ. ވަކިމީހަކަށް ނޫނެވެ. މިވަގުތު އެމްޑީޕީގެ މެޖޯރިޓީ އޮތީ ރައީސް ސާލިހާއެކުގައެވެ. އެންޑީޕީގެ އާއްމު މެންބަރުންނަކީ އެމްޑީޕީގެ މައިބަދައެވެ. އެމްޑީޕީގެ އާއްމު މެންބަރުންގެ މެޖޯރިޓީ މިއަދު އޮތީ ރައީސް ސާލިހަށެވެ. އެންމެ ފަހުން އޮތް ކޮންގްރެސް އިން އެކަން ސާފުވިއެވެ. ދާއިރާތަކުގެ މެޖޯރިޓީ އޮތީ ރައީސް ސާލިހާ އެކުގައިކަން ގައުމީ މަޖިލީހުގެ މެޖޯރިޓީ އޮތްގޮތުން މާބޮޑަށް ސާފެވެ. ރައްޔިތުންގެ މަޖިލީގެ މެޖޯރީޓީ މެންބަރުންގެ ތާއީދުވެސް އޮތީ ރައީސް ސާލިހާއެކުގައެވެ. އަނެއްކޮޅުން އެންމެ ފަހުން އޮތް އެތެރޭގެ އިންތިހާބުތައް ކާމިޔާބުވެފައިވަނީ ރައީސް ސާލިހާ އެއްކޮޅަށެވެ. މިއަދުގެ އެމްޑީޕީގެ ހަގީގަތަކީ މިއެވެ.
ހަގީގަތް ގަބޫލު ނުކުރެވިގެން އެތެރޭން ކުރަން އުޅުނު ބަގާވާތް ނާކާމިޔާބުވެ ފާޅުގައި ރައީސް ސާލިހާ ދެކޮޅަށް ނިކުމެ އެހެން ޕާޓީއަކަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދޭން އެމްޑީޕީގެ ރައީސާއި ނައިބުރައީސް ނިކުތީމާ އެ ނައިބުރައީސް ގޮވައިގެން ރައީސް ސާލިހު ހުންނަވަން ޖެހޭ ސަބަބެއް ނެތެވެ. އަމްދުން ރައީސް ސާލިހު ދައުލަތް ހިންގެވުމުގައި ސަރުކާރުގެ ސިޔާސަތާ އިދިކޮޅު ބަޔަކު ގޮވައިގެން ދައުލަތް ހިންގަން އުޅޭކަށް ނުޖެހެއެވެ. ވަފާތެރިކަމެއް އިހުލާސްތެރިކަމެއް ނެތް ބަޔަކު އިސްކޮށްފައި ބައިތިއްބައިގެން އިސްލާހުވޭތޯ ލައްކަ މަސައްކަތް ކުރައްވައިފިއެވެ.
ހަރާން ކޯރުން ވަކިކޮށް ފައްސާ ނަގާލަން ޖެހެއެވެ. ހަށިގަޑުގެ ގުނަނަކުން ކެންސަރުގެ އަލާމާތް ފެނިއްޖެނަމަ ބޭސްކޮށް ކީމޯދީ ހަދައިގެންވެސް ރަގަޅު ނުވުމުން ގުނަން ބުރިކޮށް ލައިގެންވެސް ކެންސަރުން ސަލާމަތް ވާން ޖެހެއެވެ. އެކަމުގައި އަމުރެއް ސިއްޕެއެއް އީވާއެއް ނަޝީދެއް ނުއޮންނާނެއެވެ. އެންމެ ފަހުން ރައީސް ރިއެކްޓް ކުރައްވަން ފެއްޓެވީމާ އެ ބައިގަބޑަށް ހަޖަމެއް ނުވިއެވެ.