އަދުރޭ ހިސާބުޖަހަނީ 70 ގޮނޑިއަށް
އެންމެ ވާން ކުރާނީ ޕީއެންސީ-ޕީޕީއެމް ޕްރައިމަރީ
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ މެދު ހުވަފެން ދެކޭ މީހުން ވަރަށް ގިނައެވެ. މީސްމީޑިއާގެ އޮޅިއަކަށް އަރާލިޔަސް މަޖިލީހަށް ކުރިމަތިލާ ވާހަކަ ނޫން ވާހަކައެއް ނުފެނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ބޮޑު ދެ ޕާޓީގެ ޓިކެޓަށް މާކުރިއްސުރެ ފައިނަގައިގެން ކޮރުލާ މީހުން ކުރިއްސުރެ ފާހަގަ ކުރެވެއެވެ. އެމީހަކު ހިމެނޭ ބޮޑު ޕާޓީއެއްގެ ދާއިރާ ރައީސް ކަމާއި ޕާޓީލީޑަރުންގެ އަރިސްކަން ހޯދައިގެން ގޮނޑިއަށް ފަރިވާ މީހުންގަޑު ޕާޓީއައިގެން މަރުދަން ޖެހެނީ އެނޫން ކަމަކާ ވެގެން ނޫންކަން ގިނަ މީހުނަށް އެނގެއެވެ.
މަޖިލީހުގައި ދާއިރާތައް ތަމްސީލުކުރާ މެންބަރުންގެ ތެރެއިން ގިނަ މީހުން މިފަހަރު ވެސް ގޮނޑިއަށް ވާދަ ކުރާނެއެވެ. ގޮނޑީގައި ތިބި މެންބަރުންނާއި އަލަށް ގޮނޑިއަށް އަރަން މަތިހަށި ނަގާ މީހުން ޓިކެޓް ކަށަވަރު ކުރުމަށްޓަކައި ކުރެވުނުހާ ކަމެއް ކުރެއެވެ. ފެންނަ ފެނުމުގައި ހުރިހާ ދާއިރާއެއްގައި ވެސް ކޮންމެ ޕާޓީއެއްގެ ޕްރައިމަރީގައި ފިސާރި ވާދަވެރި ވާނެއެވެ. ޕްރައިމަރީ ކާމިޔާބުކުރާ މީހާގެ ފަހަތަށް ބަލިވާ މީހުންނަށް ނޭރޭ ވަރަށް ޕްރައިމަރީގައި ވާން ކުރާނެއެވެ. ޕްރައިމަރީގައި ބަލި ވީމާ ޑިމޮކްރަސީގެ ޗެންޕިއަނަށް ވެސް އެނޫން ވަރެއް ނުވިއެވެ.
2024ގެ އާއްމު އިންތިހާބުގައި އެންމެ ވާން ކުރާނީ ޕީއެންސީ-ޕީޕީއެމް ޕްރައިމަރީގައެވެ. ޕީއެންސީ-ޕީޕީއެމް ކޯލިޝަންގެ ޕްރައިމަރީ ބާއްވަނީ އެއްކޮށް ކަމުގައި ވުމަކީ ޕްރައިމަރީގެ ހިފުންގަނޑު ހޫނުވުމުގެ އެއް ސަބަބެވެ. އެ ދެ ޕާޓީންކުރެ މެންބަރުން ގިނައީ ޕީޕީއެމްގައެވެ. ކޯލިޝަނެއް ގޮތުގައި އޮތުމުން މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދާއިރާ މަޖިލިސް އޮތީ ޕީޕީއެމްގެއެވެ. ކޮންމެ ދާއިރާއެއްގައި ވެސް މެންބަރުން އޮތީ ޕީޕީއެމްގެއެވެ. މަޖިލީހުގެ ޓިކެޓަށް ފައްކާވެގެން ދާއިރާތަކުގައި ތިބީވެސް ޕީޕީއެމް މެންބަރުންނެވެ. އެހެން އެކަން އޮތްއިރު ނިމި ދިޔަ ރިޔާސީ އިންތިހާބާ ހަމައަށް އައިއިރުން ޕީއެންސީގައި ހަމަވަނީ ކިރިޔާ ތިންހާހެވެ.
ނަސީބު ދިމާކުރި ގޮތުން ރިޔާސީ އިންތިހާބުގައި ވެރިކަން ލިބުނީ ބައިމަދު ޕީއެންސީއަށެވެ. ޕީއެންސީއަށް ވެރިކަން ލިބުމާއެކު ޕީއެންސީއަކީ ދިހަހާސް މެންބަރުން ހަމަވާ ޕާޓީއަކަށް ހެދުމަށް ޕީއެންސީ މަސައްކަތް ފެށިއެވެ. ވެރިކަމަށް އިންތިހާބުވި ޕީއެންސީއަށް ފުލުފުލުން މެންބަރުން ވަންނަން ފަށައިފިއެވެ. ޕީޕީއެމް ފިކުރާ މާބޮޑު ގުޅުމެއްނެތް އެތައް ބަޔަކު ޕީއެންސީއާއި ގުޅެމުން ދިއުމުގައި މަޖިލީހުގެ ޓިކެޓަށް އަމާޒު ހިފާފައިވެއެވެ. ރައީސް މުއިއްޒުގެ ހިޔަނީގައި މަޖިލީހުގެ ގޮނޑި ކަށަވަރު ކުރުމާ ސިޔާސީ މަގާމުތައް ކަށަވަރު ކުރުމަށް ފައުޖު ފައުޖަށް ޕީއެންސީއަށް މީހުން ގުޅުމަކީ ޕީޕީއެމްގެ ހިދުމަތުގައި އުޅުނު ދުވަސްވީ މެންބަރުންނަށް ބަލައިގަންނަން އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ. އަމްދުން ކުރިއްސުރެ ޕީޕީއެމްގެ ޓިކެޓްގައި މަޖިލީހަށް ނިކުންނަން ފައްކާވަމުން އައި މީހުނަށް އެކަމަކީ ބަލައިގަތުން ފަސޭހަ ކަމަކަށް ނުވާނެއެވެ.
ކޮންމެ ހެނެއްވިޔަސް ޕީއެންސީ-ޕީޕިއެމް އެއްބައެއްގެ ގޮތުގައި މަޖިލީހަށް ވާދަކުރަން ނުނިކުމެއެއް އެމްޑީޕީގެ މައްޗަށް ކުރި ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ޕީއެންސީއަށް އަލަށް ގުޅޭ ފިކުރު ތަފާތު މީހުންނާއި ކުރިއްސުރެ ޕީޕީއެމް-ޕީއެންސީގައި ތިބި މީހުންނާ އެއްކޮށް ބާއްވާ މަސްހުނި ޕްރައިމަރީ އަކަށްފަހު އެއްބައެއްގެ ގޮތުގައި މަޖިލީހަށް ވާދަކޮށްގެން ހީކުރާވަރުގެ ނަތީޖާއެއް ލިބުމަކާ ކައިރިއެއް ނޫނެވެ. ޕްރައިމަރީގެ ފެޅުން ގަނޑަކީ ވަރަށް ވެސް ބޮޑު ގޮންޖެހުމަކަށް ވާނެއެވެ.
އިރެއްގައި ބަޔަކު 65 ގޮނޑި ނެގިއަސް ޕީއެންސީ - ޕީޕީއެމްއަށް 70 އަށް ވުރެ ގިނަ ގޮނޑި ނަަގާނެ ކަމަށް ބުނެ މަސައްކަތް ކުރުމަކީ ޕީއެންސީގެ ޗެއަރޕަސަން ނުކުރާންވީ ކަމެއްނޫނެވެ. ނުކުރާންވީ އުންމީދެއް ވެސް ނޫނެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު އެނބުރެމުން ސެނބުރެމުން ދާގޮތުން ވަކި އެއްޕާޓީއަކުން މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ހޯދުމަކީ ވުމަށްވުރެ ނުވުން ކައިރި ކަމެކެވެ. ޕީއެންސީއަށް ޔާމީނުގެ ފޮޓޮއެއްގެ ނިވަލުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުނެއް ކަމަކު ގިނަ ފަހަރަށް އަދުރޭ ޖަހާ ހިސާބު ދަނީ ދަލު ފުލުންނެވެ.