ނާޒިމު ވަކިކުރަން އުޅުމަކީ ނުބައެއްގެ ފެށުން
މަޖިލިސް ނައިބު ރައީސް ވަކިކުރަން ކުރާ މަސައްކަތަކީ ނުބައެއްގެ ފެށުން ކަމަށްވުން ގާތެވެ. ނަމިރާ ނާޒިމަކީ ދިވެހި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ނު މޮށޭ ގުރައެއްފަދަ ބޭކަލެކެވެ. އަމިއްލަ ކަންކަމުގައި މަޑުމައިތިރިކޮށް އުޅޭ ކުރާކަންކަމުގެ ނަތީޖާ ވަރަށް ފުޅާކޮން ދައްކާ ބޭކަލެކެވެ.
މާޒީގައި ސިޔާސީ އެތައް ބަޔަކު މައިތިރިކޮށް ހަމަބިމަށް ތިރިކޮށްފައިވާ ބޭކަލެއްގެ ގޮތުގައި ނަން މަޝްހޫރު ފަރާތެކެވެ. ދުނިޔޭގެ މަސްރަހުގައި ހިނގާ ކަންކަމުގެ މައުލޫމާތު އެއްކޮށްގެން ހުރި ބޭކަލެކެވެ. ހަނގުރާމަތައް ކުރާއިރު ހަތިޔާރާއި ވަސީލަތާއި އެއްކޮށް، ތަމްރީނާއި ތަރުބިއްޔަތުން ބައިވެރިން ބިނާކޮށް، ތަޖުރިބާއިން ފިލާވަޅު ހޯދުމަކީ ހަނގުރާމަތައް ކާމިޔާބު ކުރުމުގެ އެއް ސިފައެވެ. މިހާރުގެ މަޖިލިސް ނައިބު ރައީސަކީ އަސްކަރީ އުކުޅުތަކުގެ ތިޔަރީގެ މައްޗަށް ކަންކަން ރާވާ ސްޓްރެޓަޖައިޒް ކުރާ ބޭކަލެކެވެ.
“ބޭހާއި ނުކުޅޭތި ބަޑި” ހަމަ ރަނގަޅަށްވެސް ފިހިދާނެއެވެ. ޔަގީން ކުރައްވާށެވެ. ފިނޑިއަކު ހަމަ ބިމަށް ތިރި ކުރާނެ ހުރިހާ ހަރިތިޔާރަކާއި މައުލޫމާތާއި ހެކި މި ބޭފުޅާގެ އަތުގައި ހުންނާނެކަމީ ޝައްކެއް އޮތް ކަމެއް ނޫންކަން މާޒީގެ ސަފުހާ ތަކުން ސާފުކޮށް ފެންނާން އެބައޮތެވެ.
“ނުކާށޭ ރަހަބަލާނެންޏާ، އުކާލާފާ ދުރަށް ދަންޏާ.
ނުކައި ދުރުގައި ނުހުރެވެންޏާ، އުކާނުމެލާށެ ކާނެންޏާ”.
ފިހިދާނެކަން ގަބޫލުކޮށްގެން ނޫނީ އަތްނުލާތި، އަތްލާން ވާނީ ފިސާރު ކެރިގެން ކަމަށް ގަބޫލު ކުރަން ޖެހެއެވެ. ދިވެހި ސަރުކާރުގެ ޒިންމާދާރު މަގާމުތަކުގައި ތިބި މީހުންގެ ވިސްނުމުގެ ތޫނު ފިލިކަން މި ބޭފުޅާގެ މުގާބިލުގައި ހުވަނދަކަށްވެސް ނުވާނެއެވެ. ތަޖުރިބާއިންނާއި އެކިއެކި ހާދިސާތަކުން ރަގަޅަށް ފިލާވަޅު ލިބިފައިހުންނަ ފަރާތްތަކާއި ކުޅޭއިރު ތަވާ މަތި ހޫނު ވާނެކަން ގަބޫލު ކުރަން ވާނެއެވެ.




