ބޮޑު ދެޕާޓީގެ ކުރިއަށް ޑރ. އިކްލީލު

ހިތާދޫ ދާއިރާގެ މަޖިލިސް ރޭސް

ބޮޑު ދެޕާޓީގެ ކުރިއަށް ޑރ. އިކްލީލު

20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބަށް އެންމެ ތިން ދުވަހަށްވީއެވެ. ކެންޕޭނުގެ ފޯރި އެއްވާނަކަށް މުޅި ރާއްޖޭގައި އޮތީ ހިފާލާފައެވެ. ނަތީޖާ އަންނާނެ ކަމަށް ލަފާކުރެވޭ ޕޯލުތަކާ ހިޔާލު ހޯދުމަށް ތަފާތު ސާވޭތައް އެކިފަރާތް ތަކުން ދަނީ ހަދަމުންނެވެ. މުޅި ރައްޖެއާއި އެކި އެކި ދާއިރާތަކުގައެވެ. 

އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވީ އިންތިހާބީ 87 ދާއިރާ އިންނެވެ. ނަމަވެސް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވާ އިންތިހާބީ ދާއިރާ ވަނީ 93އަށް ބަދަލުވެފައެވެ. އަލަށް އުފެދުނު ދާއިރާ ތަކުގެ ތެރެއިން ބ. އަތޮޅު ހިތާދޫ ދާއިރާ ފާހަގަ ކޮށްލެވެއެވެ. 

ހިތާދޫ ދާއިރާގައި ހިމެނެނީ 3 ރަށެވެ. ހިތާދޫ، ދަރަވަންދޫ، މާޅޮހެވެ. ހިތާދޫ ދާއިރާއަށް ވޯޓްލުމަށް ހައްގު ލިބިގެންވަނީ 2401 މީހުންނެވެ. ދަރަވަންދޫގައި 875 މީހުންނެވެ. މާޅޮސްގައި 526 މީހުންނަށް ހައްގު ލިބިފައިވެއެވެ. ހިތާދޫގައި ވޯޓުލެވޭ ތިބެނީ 1000 މީހުންނެވެ. 

ހިތާދޫ ދާއިރާގެ މެންބަރު ކަމަށް 5 މީހުން ވާދަކުރެއެވެ. ވާދަކުރާ ކެންޑިޑޭޓުންނަކީ:-

  1. މުހައްމަދު ޝިރުހާން  ޕީއެންސީ
  2. ޝަރީފާ ސައީދު  އަމިއްލަ ( ޕީއެންއެފް)
  3. ޑރ. އިކްލީލު ޝަރީފް  އަމިއްލަ
  4. ޒީބާ އަޠާ މުހައްމަދު  އަމިއްލަ
  5. އާޔަތުއްލާ ހުސައިން  އެމްޑީޕީ 

ފަސް ކެންޑިޑޭޓުންގެ ތެރެއިން މުހައްމަދު ޝިރުހާނާއި ޝަރީފާ ސައީދާއި ޑރ. އިކްލީލު ޝަރީފް އަކީ ޕީއެންސީ ޕްރައިމަރީގައި ޕާޓީ ޓިކެޓަށް ވާދަކުރެއްވި ތިން ކެންޑިޑޭޓުންނެވެ. ޕްރައިމަރީގައި ވާދަކުރައްވާ ޕީއެންސީ ޓިކެޓް ހޯއްދެވީ މުހައްމަދު ޝިރުހާނެވެ. ޑރ. އިކްލީލަށް ލިބިވަޑައިގަތީ އެ ޕްރައިމަރީން އެންމެ ފުލެވެ. 

މަޖިލިސް ކެންޕޭނު ފެށިގެން މިހާ ހިސާބަށް އައުމާ ހަމައަށް ޖަހާ ހުރިހާ ހިސާބެއް ދައްކަނީ ބޮޑު ދެޕާޓީން ގޮނޑިއާ ކައިރިކުރާ ތަނެވެ. ޕާޓީއެއްގެ ޕްރައިމަރީން ބަލިވެއްޖެ މީހަކު އަމިއްލަ ގޮތުން ނިކުމެ ތަފާތެއް ދެއްކިފާ އޮންނަނީ ވަރަށް މަދުންނެވެ. ނަމަވެސް މަހެއް ފަހާލާނެ މަހެއް ހުރެދާނެތާއެވެ. 

ހިތާދޫ ދާއިރާއިން މިހާރު އެތަފާތު ފެންނަން ފަށައިފިއެވެ. ވޯޓުލުމަށް ތިން ދުވަހަށް ވެފައިވާއިރު ޕޯލުތަކުން ކުރި ހޯދަމުން ދަތަން ފެންނަނީ ޑރ. އިކްލީލް ޝަރީފެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ވުރެވެސް ކުރީގައި ޑރ. އިކުލީލް އޮތްއިރު ޕީއެންސީގެ ކެންޑިޑޭޓް ދައްކަނީ ތިން ވަނައަށް ސޮއްސާލާފައި އޮތްތަނެވެ. 

ހިތާދޫ ދާއިރާގައި އަމިއްލަ ޖަމާއަތެއް މެދުވެރިކޮށް ހީރަސް ނިއުސް އިން ހިންގި ހިޔާލު ހޯދުމުގެ ސާވޭއެއްގެ ނަތީޖާ ދައްކާގޮތުން މިވަގުތު ކުރީގައި އޮތީ ޑރ. އިކުލީލު ޝަރީފެވެ. އެމްޑީޕީ ކެންޑިޑޭޓް އާޔަތު ދާދިކައިރިން ދެވަނާގައި އޮތްއިރު ޕީއެންސީ ކެންޑިޑޭޓް ޝިރުހާނު އޮތީ ތަފާތު ބޮޑުކޮށް 3 ގައެވެ. ހަތަރެއް ފަހެއްގައި އޮތްކަމަށް ދައްކަނީ ޝަރީފާ ސައީދާއި ޒީބާއެވެ. 

މި ސާވޭ ކޮށްދީފައި ވަނީ ސާވޭ ކުރުމުގެ ތަޖުރިބާ ލިބިފައިވާ އަމިއްލަ ޖަމާއަތަކުންނެވެ. ސާވޭކޮށްފައި ވަނީ ތިން މެތަޑަކަށެވެ. ސީދާ ސުވާލަށް ނުގޮސް ފޯކަސް ގްރޫޕް ތަކަށް ޓާގެޓްކޮށްގެންނާއި ފޯނުންނާއި ފޭސް ޓް ފޭސް ކޮށެވެ. ކުރެވު ސާވޭގެ ޖުމްލަ ނަތީޖާއަކީ:-

  • ހިތާދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރާނީ: 
  1. މުހައްމަދު ޝިރުހާން %16
  2. ޝަރީފާ ސައީދު %10
  3. ޑރ. އިކްލީލު ޝަރީފް  %27
  4. ޒީބާ އަޠާ މުހައްމަދު %7
  5. އާޔަތުއްލާ ހުސައިން   %23
  6. ނޭނގެ           %17