ސިނާގެ ގޮނޑިއަކީ ގޮނޑިގެއްލޭ އިސްލާހު ހަލާލުކުރާ ގުރުބާންކަންބަޅި!؟
ފަނޑިޔާރުންނަށް ގޮތް ނިންމަން ނުކެރި ފަސްޖެހިފައި އޮތް މެންބަރ ސިނާންގެ ގޮޑީގެ މައްސަލަ ކޮޅެއްގައި މިއަދު ޖައްސައިފިއެވެ. އެތައް މަހެއް ވަންދެން ނުނިންމިފައި އޮތް މައްސަލަ ޕީއެންސީއަށް ގެއްލޭ ގޮތަށް ނިމުމަކީ ކުޑަ މެސެޖެއް ނޫނެވެ.
ސްޕްރީމް ކޯޓުގެ ހުކުމަށްފަހު ރައީސް މުއިއްޒުގެ ލޯޔަލިސްޓް ސިނާނަކީ މިހާރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނޫނެވެ. އޭނާ ބަގުޑި ބައްދައިގެން އިން ގޮނޑި އޭނާއަށް ގެއްލުމަކީ ހަމަގައިމުވެސް ރައީސް މުއިއްޒު ހިތާވާނެ ކަމެއް ނޫނެވެ. ސިނާނުގެ ގޮނޑި ގެއްލުމަކީ ރައީސް މުއިއްޒު ޝަރީއަތަށް ހަތަރެސްފައި ބޭނުން ހުއްޓާލައިފި ކަމުގެ ދަލީލެއްވެސް ނޫނެވެ.
ސާބިތުވި ކުށެއްނެތި ސްޕްރީމް ކޯޓުގެ ފަންޑިޔާރުންތަކެއް އުކާލި މީހާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ޕީއެންސީއަށް ސަލާމަތް ކޮށެއް ނުދިނެވެ. ދިގު ދަންމައިގެން ހިފަހައްޓަ ހިފަހައްޓާފައި ވެސް ދޫކޮށްލީއެވެ. އަންނަ އޮތް ބޮޑު ހުކުމަށްޓަކާ ގުރުބަން ކަންބަޅިއަކަށް އައްޑޫސިނާ ހަދާލީއެވެ.
ސިނާގެ ގޮނޑިގެއްލުމުގެ ފަހަތުގައި އޮތީ ފަނޑިޔާރުންގެ އަދުލުވެރިކަން ކަމަށް ގަބޫލުނުކުރާނެ ކިތަންމެ ބަޔަކު އުޅޭނެއެވެ. އަދުލުވެރި ކަމެއް އޮތްނަމަ އެހުކުން އިއްވުން ލަސްކޮށް ފަސްކޮށްފައި ބޭއްވުމުގެ މާނައެއް އޮންނާނެ ހެއްޔެވެ. ނޯންނާނެއެވެ. ރައްޔިތުން މުއިއްޒަށް ބުނި ނޫނެކޭއާއި ގުޅިގެން މުއިއްޒު ސައިޒުވެ ކޯޓުތަކުން އިންސާފު ލިބެންފެށީ ކަމަށް ބެލުން އަދި މާ އަވަހެވެ. އަންނަ އޮތް ހުކުމެއްގެ ގޮތުން ފަނޑިޔާރުގޭގެ އަދުލުވެރިކަން ދެއްކުމަށް ގުރުބާން ކުރެވުނު ކަންބަޅިއަކީ ސިނާގެ ގޮނޑިކަމަށްވުން މާގާތެވެ.
ޕާޓީތަކަށް މަޖިލީހުގެ ގޮނޑި ގެއްލުވާލުމުގެ ބާރުދޭ އިސްލާހު އުވާލަން ހުށަހަޅާފައިވާ މައްސަލައިގެ އަޑު އެހުންތައް އަހަރެއްހާ ދުވަހަށް ފަހުން މިހާރު އެއޮތީ ތާވަލްކޮށްފައެވެ. އެލްސޯފާއިން ބަރީއަވީ އުމުރާއިން އައިސް އިހުރާމް ނުބޭލެނީސް އުއްތަމަ ފަނޑިޔާރު ގަނޑުވަރަށް ގެންގޮސްގެން ފަސްޓްލޭޑީގެ ލޯޔަރާއެކު ޖެހީ ކޮންސަކަރާތެއް ކަމެއް ނޭގެއެވެ. ޝާހީ ރޫޅުމެއް ރުޖޫއަކުރަންވެސް އުއްތަމަފަނޑިޔާރަށް ޖެހިދާނެއެވެ.
ސިނާގެ ގޮނޑިި ގެއްލުމާއި އިހުރާމު ނުބޭލެނީސް އުއްތަމަފަނޑިޔާއި ފަސްޓް ލޭޑީގެ ލޯޔަރު ގަނޑުވަރަށް ވައްދައިގެން ކުޅަކަމެއް ގޮނޑިގެއްލޭ އިސްލާހަށް ވާގޮތަކުން އެނގޭނެއެވެ. އެލްސޯފާއާއި ރައްޔިތުން ނޫނެކޭ ބުނުމާއި ކުއްލި އުމްރާއާއި ބޮޑުފަޑިޔާރު ގަނޑުވަރަށް ގެންދިޔުމާއި ސިނާގެ ގޮނޑި ގެއްލުމާ މިހުރިއްޔަކީ އާދައިގެ އިއްތިފާގެއް ނޫނެވެ. ފަނޑިޔާރުގޭގެ ތިލަފަތުގެ ހަމަނަހަމަ ކަމާއި ރައީސް މުއިއްޒުގެ ބާރަށްވުރެ ރައްޔިތުންގެ ބާރު ގަދަކަން ގޮނޑިގެއްލޭ އިސްލާހުގެ ހުކުމުން ސާފުވާނެއެވެ.


