އަތްލަންނުކެރޭ ތަންތާ އަތްލުވަން ހައްނާނު ވަރެއްނެތް

ތުޅާދޫ ހަންނާނުގެ ކަމަކީ މުއިއްޒަށް ގޮށްމުށުގެ ބާރުވެރިކަން ހޯދާދޭ ބިލްތައް ހުށައެޅުން

އަތްލަންނުކެރޭ ތަންތާ އަތްލުވަން ހައްނާނު ވަރެއްނެތް

ރައީސް މުއިއްޒު ހުދުމުހުތާރު ކުރުވުމަށް ގާނޫނީ ބާރު ހޯދާދޭ ގުރުބާން ކަންބަޅިއަކަށް ތުޅާދޫ ހަންނާނު ވާންޖެހޭ ސަބަބެއް އޮންނާނެއެވެ. ކޮންމެ ސަބަބަކާ ހެދިގެން ނަމަވެސް ގިނަ ބައެއްގެ ނުރުހުން އަމާޒުވާ ބިލްތައް މަޖިލީހަށް ހުށަހަޅަން ހަންނާނު ވަރު މީހަކު ހުންނަ ކަމަކަށް ނުވެއެވެ. ޕީއެންސީއަށް ނިސްބަތްވާ 80 އެތައް މެންބަރުންނެއް މަޖިލީހުގައި ތިބޭ އިރު އަމިއްލަ ހައިސިއްޔަތުން މަޖިލީހަށް ވަދެހުރި ހަންނާނު ނޫން މީހަކަށް އެޒާތުގެ ބިލެއް ހުށަހަޅަން އެނގޭ ކަމަކަށް ނުވެއެވެ. 

ޖީ ސްކީލާނު ނަމުގައި އަދަދު ނޫހުން ހުށަހެޅި ދޮންއަމާ ޑޮކިއުމެންޓްރީ އާއި ޗެނަލް 13 އިން ގެނެސްދިން " ބެލްކަނި " ޑޮކިއުމެންޓްރީ އަކީ ކޮންޓްރޯލް ކޮމިޝަންގެ ގާނޫނު ހަދަން ޖެހުނު ސަބަބެވެ. ގާނޫނު އަސާސީ ކަށަވަރު ކޮށްދީފައިވާ ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ހައްގަށްވުރެ މުއިއްޒާއި ނަމިރާ ނާޒިމާ ދެބެންގެ ހައްގު ބޮޑުވެ ކޮންޓްރޯލް ކޮމިޝަންގެ ގާނޫނު އުފަންކޮށް ނޫސްވެރިކަމުގައި ތަޅުއެޅުވާދިނުމަށް މެދުވެރިވީވެސް ތުޅާދޫ ހަންނާނެވެ. 

މަޖިލިސް މެންބަރުންގެ ގޮނޑިގެއްލޭ އިސްލާހު ފުށުން ޖަހާލާފާނެ ކަމުގެ ބިރަށް ސްޕްރީމްކޯޓުން ފަނޑިޔާރުންތަކެއް ވަކިކޮށްލަން މުއިއްޒު ބޭނުންވިއެވެ. ފުރަތަމަ މުއިއްޒު ބޭނުންވީ ސްޕްރީމް ކޯޓުގެ ބެންޗް ކުޑަކޮށްލައިގެން ފަނޑިޔާރުންތަކެއް ބޭރުކޮށްލުމަށެވެ. އެ ދަނޑިވަޅުގައި މުއިއްޒު ބޭނުންވާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހަޅާ ދިނީވެސް ތުޅާދޫ ދާއިރާގެ މެންބަރ ހަންނާނެވެ. 

ކައުންސިލްތަކުގެ އިހުތިސޯސަށް އަރައިގަނެ ބިންތަކާއި ފަޅުތަކާއި ފަރުތައް ކައުންސިލުތަކުން ވަކިކުރަން މުއިއްޒު ބޭނުންވުމުން ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް މަޖިލީހުގައި އެ ވަނީ ފެށިފައެވެ. ކައުސިލުތަކުގެ ބިންތައް މުއިއްޒަށް ބޭނުންވުމުން ނެގުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ހޯދާދޭން މެދުވެރިވެގެންވެސް އެއުޅެނީ ހަމަ އެއްކަލަ ހަންނާނެވެ. 

މީހުންގެ ނުރުހުމާ ފާޑުކިޔުން އަމާޒުވާ ގޮތަށް ސަރުކާރުން ކުރަންޖެހޭ ކަންކަން ކުރުމަށް ގެނެވޭ އިސްލާހުތައް ގާނޫނަށް ގެނެސްދޭން ހައްނާނު މެދުވެރިކުރަނީ މުއިއްޒާއި ޕީއެންސީ ކަމުން ރެކޭންވެގެންކަން އެކަކަށްވެސް ނޯޅެއެވެ. މުއިއްޒު ބޭނުންވާ ގޮތަށް ގާނޫނު ފަރުމާކޮށްފައި ހަންނާނު ލައްވާ ހުށަހަޅުވައިގެން ޕީއެންސީން ވޯޓު ދީގެން ބިލް ފާސްކުރުމަކީ ޕީއެންސީން ރެކެވޭކަށް އޮންނާނެ ކަމެއްނޫނެވެ. ހަންނާނު ކުރި ކަމަކަށް ހަދާ ހަންނާނު ބޮލަށް ކަނޑާލައިގެން ފަރަކު ނުޖެއްސޭނެއެވެ. އަނެއްކޮޅުން މުއިއްޒަށް ގޮށްމުށުގެ ބާރުވެރިކަން ހޯދާދޭ ކޮންމެ ބިލެއްހެން ހައްނާނު ލައްވާ ހުށަހަޅުވުމުގެ މުގާބިލުގައި ހަންނާނަށް ލިބޭ ނާޖާއިޒު މަންފާތަކެއް އޮންނާނެއެވެ. އެ ވާހައަކީވެސް ދައްކާލަން ރަނގަޅު ވާހަކައެވެ.

ހަމަ ގައިމުވެސް ތުޅާދޫ ހަންނާނަކީ ހުށާހަޅާ ބިލަކަށް ތާއީދު ކުރާނެ މީހަކުވެސް ނެތް އެކަނި ހުރި މެންބަރެކެވެ. އެހެނެއް ކަމަކު ނަމިރާ ނާޒިމު ބުނާހެން އެހެން މީހުންނަށް އަތްލަންނުކެރޭ ތަންތާ އަތްލުވާން ތުޅާދޫ ހައްނާނުވަރެއް ހަމަނެތީއެވެ.