ވެރިކަން ހުދުމުހުތާރު ނުކޮށް ހަޑިމުޑުދާރު ނުކޮށް އަވަހަށް އިސްތިއުފާދީ!
ޑރ. މުއިއްޒު އަމިއްލައަށް އެދިގެން ލިބުނު ވެރިކަމެއް ކަމުގައި ބުނެވެނީ، އެއްވެސް އިތުރު ފަރާތެއްގެ މަޖުބޫރު ކަމަކާއި ނުލާ އެތަކެއް ވައުދަކާއި އަހުދެއް ވެގެން ވެރިކަން ހޯދީމައެވެ. އިސްލާމީ ޝަރީއަތާއި، ގާނޫނު އަސާސީއާއި ގާނޫނު ތަކާއި އެއްގޮތަށް ދުނިޔޭގެ ތަހުޒީބު މުޖުތަމައު ތަކުގައި ވެރިކަން ކޮށްދޭނެ ކަމަށް ރައްޔިތުންނަށް ޔަގީންކަން ދިނީމައެވެ.
ޑރ. މުއިއްޒު ހުރީ އިސްލާމީ ޝަރީއަތާއި، ގާނޫނު އަސާސީއާއި ގާނޫނު ތަކާއި އެއްގޮތަށް ރައްޔުތުންގެ ހައްގުތައް ރައްކާތެރިކޮށްދޭން މާތްރަސްކަލާނގެ ގަންދީ ހުވާ ކޮށްގެންނެވެ. ހުވާކޮށްގެން ހުރެ ކުރާ ވެރިކަމުގެ ހުރިހާ ބުރަޔާއި ޒިންމާ އުފުލާން ޖެހެއެވެ. ސަރުކާރާއި ތިމާކުރާ ލަދުހުތުރު ކަންކަމާއި ގައިރު ގާނޫނީ ކަންކަމާ ޒިންމާވާންވެސް ޖެހެއެވެ. އެހެން ނަމަވެސް ހުވާކުރި ގޮތްނޫން ގޮތަށް މުއިއްޒު ވެރިކަން ކުރަނީ ދިވެހި ދުސްތޫރާއި ހިލާފަށެވެ. އެހެންކަމުން ދިވެހިރާއްޖެއާއި ދިވެހީންގެ މަސަލަހަތަށްޓަކާ މުއިއްޒު ވެރިކަމުން ދުރުވާން ޖެހެއެވެ.
ނިކަން ބުނެ ބަލާށެވެ. ހެޔޮލަފާ މީހުންނާއި ކަމަށް ގާބިލު، ކަމުގެ ތަޖުރިބާ ހުރި މީހުނާއި ގައުމުގެ އަސްލުތައް ގެއްލުވާނުލާނެ ފަދަ ބޭފުޅުން ވަޒީރުންނާއި، ފަނޑިޔާރުންނަށާއި، ލަފާ އަރުވާ މީހުންގެ ގޮތުގައި ކަނޑަ ނުއަޅުއްވަނީ ކީއްވެތޯއެވެ. ރަސްކަމެއް ކުރުމުގެ ޝައުގެއް ގެންގުޅުއްވަނީ ތޯއެވެ. ނުރަނގަޅު ލަފާގެ ބަދަލުގައި ނުލަފާދޭފަދަ މީހުން ގާތްކޮށް އެވެރީންގެ އިރުޝާދާއި ނުލަފާ ގަބޫލު ކުރުމުން ބޭޒާރުވެ، ލަދުވެތިކަމަށް ހުށައެޅެނީ އަމިއްލަ ފުޅަކަށް ނޫންތޯއެވެ. ބައެއް ހާލަތުގައި އެއްޗެއް ވިދާޅު ނުވުމަކީވެސް ޒިންމާދާރު ކަމެކެވެ. ޒިންމާއެކެވެ. ތިމާއާއި ތިމާގެ ވަށައިގެން އުޅޭ އެންމެންގެ ހައްގުގައެވެ. މަސްލަހަތަށްޓަކާ ވެރިކަމުން އިސްތިއުފާ ދިނުން ހެޔޮވެގެން ވެގެން ވެއެވެ.
ގައުމެއްގެ އެންމެ އިސް މަގާމު ލިބުމަކީ ޒިންމާއެކެވެ. ޝަރަފެކެވެ. ނަމަވެސް އެ ޒިންމާ އުފުލާން ނުކުޅެދުމަކީ ލަދުވެތި ކަމެކެވެ. ހިޔާނާތެކެވެ. އެހެނީ މަގާމާއި ހަވާލުވީ ރައްޔިތުން ގާތު ރޮއި އާދޭސް ކޮށްގެން ކަމަށްވާތީއެވެ. އެ އާދޭސްތަކާއި ރުއިން އެއީ މަކަރެއް ކަމުގައި ވީނަމަވެސް މަގާމުގެ ޒިންމާ އަކީ އަމާނާތެކެވެ. ހެޔޮ ގޮތުގައި އަދާ ނުކުރާނަމަ އެ އަމާނާތަށް ހިޔާނާތްތެރި ވެވުނީއެވެ. އަވަހަށް އިސްތުއުފާ ދޭށެވެ.
ދިވެހީން ވެރިއަކަށް ހޮވަނީ ކަލިގިއުލާ އެއް ނޫނެވެ. ޖޫލިއަސް ސީޒަރ އެއްވެސް ނޫނެވެ. އެ މީހުންގެ ވެރިކަމުގެ ކިއްލާތެރޭގައި ކުރި ހުރިހާ ކަމެއް ކުރީ ފިސާރި ކެރިގެން ފާޅުގައެވެ. ދިވެހި ވެރިންނަކީ އެމަގުން ވެރިކަން ހިންގަން ރައްޔިތުން އިސްކުރާ ބައެއް ނޫނެވެ. ވެރިކަމަށް އިސްކުރި މަގުސަދު އޮޅިގެން ނޫޅެ އަވަހަށް އިސްތިއުފާދޭށެވެ.
ސުވާލު އުފެދެނީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަން ނުކެރިގެން އުޅެނީ ކީތްވެގެންކަން ރައްޔިތުންނަށް ނޭގޭތީއެވެ. ވެރިކަމަށް އަރަމުންނާއި ވެރިކަމުގައި ހުރެ ވީވައުދު ތައް ނުފުއްދާނަމަ އެކަމާއި މެދު ސުވާލު ކުރެވޭނެއެވެ. މުނާފިގަކަށް ނުވެވޭނެއެވެ. ކިތަންމެ ބާރުވެރިއަސް ދުނިޔޭގައި ރައްޔިތުން ބަލާނެއެވެ. އަދި އާހިރަތުގައި ސުވާލު ކުރެވޭނެއެވެ.
ފަހެ، " ޒައްރެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ. އަދި ޒައްރެއްގެ މިންވަރުވިޔަސް، ނުބައި ކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ” (ޒަލްޒަލާ ސޫރަތުގެ 7،8 ވަނަ އާޔަތް). އެ ކަލާނގެއަށް ވަންހަނާވެ ސިއްރުން އެއްކަމެއްވެސް ނުކުރެވޭނެއެވެ. ވެރިކަމުގައި މިއަދު ހުރި ފަރާތާއި އާހިރަތް ދުވަހު ސުވާލު ވެވޭހިނދު ވަށައިގެން ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުންނާއި ޕާޓީ ކުދިންކޮޅަށް ގޮސް މަގުމަތީގައި ނުތިބެވޭނެއެވެ. ކޯޓު އަމުރެއް ބޭނުމެއް ނުވާނެއެވެ. ވާދަވެރި ބަޔަކު ބޭނުމެއް ނުވާނެއެވެ. ހެޔޮނުވާނެއެވެ. ބިރުވެތިވެ އަވަހަށް އިސްތިއުފާ ދޭށެވެ.
ފާސިގުންނާއި ދޮގުވެރި މަކަރުވެރިން ނޫން މީހުންނަށް އިހުތިރާމް ކުރުމަކީ އެންމެންވެސް ކުރާ ހިތްވާނެ ކަމަކެވެ. އެ ފަދަ މީހުންނަކީ ނަސީބު ވެރިންނެވެ. ދުނިޔެއާއި އާހިރަތުގައެވެ. އެ މީހުންނަށް ރައްޔިތުންވެސް އިހުތިރާމް ކުރާނެއެވެ. ވައުދަށް ކަމޭ ހިތާ މީހުންނަށް އޮޅުވާނުލާ އަޅުވެތި ނަޒާހަތްތެރިން އިހުތިރާމް ދޭން މަޖުބޫރު ކުރާކަށް ނުޖެހޭނެއެވެ. ވައުދަށް ކަމޭ ހިތާ ތެދުބުނާ، އަމާނާތްތެރިބައެއް ކަމުގައި އަހަރެމެންނާއި އަހަރެމެންގެ ވެރީން ވުމަށް އެންމެން އެދެއެވެ. ރައްޔިތުން އެދެނީ ވެރިކަން ހުދުމުހުތާރު ނުކޮށް ހަޑިމުޑުދާރު ނުކޮށް އަވަހަށް އިސްތިއުފާ ދިނުމަށެވެ.


