މުއިއްޒަށް އެފެށެނީ ޓޫރިޒަމްގެ ކަށްވަޅު ކޮންނަން!
ގެސްޓުން ފެލާލަން ސަރުކާރުން ދިމާކުރީމާ ގެސްޓުންނެއް ނާންނާނެ
ރާއްޖެއަކީ ހަރަދު ބޮޑުކަމުން އާއްމު ޓޫރިސްޓުންނަށް އައިސްއުޅެން ފަސޭހަ ގައުމެއް ނޫނެވެ. ރާއްޖޭގައި ޓޫރިސްޓް އެނދު އިތުރުވަމުންދާ ރޭޓަށް ބަލާއިރު ހައި ސީޒަނުގައިވެސް ފުލުވަނީ މަދު ރިސޯޓެކެވެ. އަމްދުން ބަޖެޓް ޓޫރިސްޓުންނަށް ރާއްޖެއަކީ ހިފަހައްޓާލެވޭ ވަރުގެ ތަނަކަށް ނުވެއެވެ، ގެސްޓް ހައުސް ވިޔަފާރި ތައާރަފްވީ ފަހުން ބަޖެޓް ޓޫރިސްޓުން އައިސް އުޅެނީ ގެސްޓް ހައުސްތަކަށެވެ. ގެސްޓް ހައުސްތަކަށް އައުމަކީވެސް ހަރަދު ބޮޑު އުދަގޫ ކަމަކަށް މިހާރު ވަނީ ވެފައެވެ.
ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކު ދެކޮޅު ޓިކެޓާއި ހުރުމާ ކެއުމަށް ކުރާ ހަރަދުގެ އިތުރަށް ގްރީން ޓެކުހާއި ޑިޕާޗަރ ފީއާއި އެއަރޕޯޓް ޑިވްލޮޕްމަންޓް ފީ އަކީ ދައްކަން ޖެހޭ އެއްޗެކެވެ. އާދައިގެ ބަޖެޓް ޓޫރިސްޓުންނާއި 50 ކޮޓަރިއަށްވުރެ މަދުން ކޮޓަރި ހުންނަ ރިސޯޓްތަކަށް އަންނަ ގެސްޓުންގެ ދެކޮޅު ޓިކެޓާއި ހުރުމާ ކެއުމަށް ކުރާ ހަރަދުގެ އިތުރަށް ކޮންމެ މީހަކު 63 ޑޮލަރު މިހާރުވެސް ދައްކަން ޖެހެއެވެ. އެއީ ގްރީން ޓެކުހުގެ ގޮތުގައި ނަގާ 03 ޑޮލަރާއި ޑިޕާޗަރ ފީގެ ގޮތުގައި ނަގާ 30 ޑޮލަރާއި އެއަރޕޯޓް ޑިވްލޮޕްމަންޓް ފީގެ ގޮތުގައި ނަގާ 30 ޑޮލަރެވެ.
50 ރޫމަށްވުރެ ގިނައިން ކޮޓަރި ހުންނަ ރިސޯޓްތަކަށް އަންނަ ޓޫރިސްޓުން ދެކޮޅު ޓިކެޓާއި ހުރުމާ ކެއުމަށް ކުރާ ހަރަދުގެ އިތުރަށް ކޮންމެ މީހަކު 66 ޑޮލަރު ދައްކައެވެ. އެއީ ގްރީން ޓެކުހުގެ ގޮތުގައި ނަގާ 06 ޑޮލަރާއި ޑިޕާޗަރ ފީގެ ގޮތުގައި ނަގާ 30 ޑޮލަރާއި އެއަރޕޯޓް ޑިވްލޮޕްމަންޓް ފީގެ ގޮތުގައި ނަގާ 30 ޑޮލަރެވެ. ބުނެވި އެ ދިޔައީ އެކޮނޮމީ ކްލާހުގައި ދަތުރުކުރާ މީހުން ދައްކަމުން އަންނަ ފައިސާގެ ވާހަކައެވެ. އެނޫން ކްލާސް ކްލާހުގައާއި ޖެޓްތަކުގައި ދަތުރުކުރާ މީހުން ކުރަންޖެހޭ ހޭދަ އެއަށްވުރެ ބޮޑެވެ.
އެކޮނޮމީ ކްލާހުގައި ދަތުރު ކުރާ ބޭރު މީހުންނަށް ކޮންމެ މީހަކަށް ޑިޕާޗަރ ފީގެ ގޮތުގައި ނަގާ 30 ޑޮލަރާއި އެއަރޕޯޓް ޑިވްލޮޕްމަންޓް ފީގެ ގޮތުގައި ނަގާ 30 ޑޮލަރ ދައްކަން ޖެހޭއިރު ބިޒްނަސް ކްލާހުގައި ދަތުރުކުރާ ކޮންމެ މީހަކު އެއިން ކޮންމެ ކަމަކަށް 60 ޑޮލަރ ދައްކައެވެ. ފަސްޓް ކްލާހުގައި ދަތުރު ކުރަންޏާ ޑިޕާޗަރ ފީއާއި އެއަރޕޯޓް ޑިވްލޮޕްމަންޓަށް 180 ޑޮލަރ ދައްކައެވެ. ޖެޓްގައި ދަރުކުރާ ކޮންމެ މީހަކު ޑިޕާޗަރ ފީއާއި އެއަރޕޯޓް ޑިވްލޮޕްމަންޓަށް 240 ޑޮލަރ ދައްކައެވެ. އެހެން ކަމުން ފްލައިޓް ޓިކެޓާއި ހުރުމާ ކެއުމަށް ހަރަދު ކުރާ ފައިސާގެ އިތުރުން ކޮންމެ ބޮލަކުން އެކިނަން ނަމުގައި ސަރުކާރަށް މިހާރުވެސް ނަގާ ފައިސާ މަދެއްނޫނެވެ.
- އެކޮނޮމީ ކްލާހުގައި ދަތުރު ކޮށްފައި 50 ކޮޓަރިއަށްވުރެ މަދުން ކޮޓަރި ހުންނަ ރިސޯޓްތަކަށާއި ގެސްޓް ހައުސްއަށް އަންނަ މީހާ އަތުން އެކިނަން ނަމުގައި ސަރުކާރަށް 63 ޑޮލަރު މިހާރު ނަގައެވެ.
- އެކޮނޮމީ ކްލާހުގައި ދަތުރު ކޮށްފައި 50 ކޮޓަރިއަށްވުރެ މަދުން ކޮޓަރި ހުންނަ ރިސޯޓްތަކަށް އަންނަ ގެސްޓު މީހާ އަތުން ނަގަނީ 66 ޑޮލަރެވެ.
- ބިޒްނަސް ކްލާހުގައި ދަތުރު ކޮށްފައި 50 ކޮޓަރިއަށްވުރެ މަދުން ކޮޓަރި ހުންނަ ރިސޯޓްތަކަށާއި ގެސްޓް ހައުސްއަށް އަންނަ މީހާ އަތުން 123 ޑޮލަރެވެ.
- ބިޒްނަސް ކްލާހުގައި ދަތުރުކޮށްފައި 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ހުންނަ ރިސޯޓްތަކަށް އަންނަ މީހާ އަތުން 126 ޑޮލަރެވެ.
- ފަސްޓް ކްލާހުގައި ދަތުރުކޮށްފައި 50 ކޮޓަރިއަށްވުރެ މަދުން ކޮޓަރި ހުންނަ ރިސޯޓްތަކަށް އަންނަ މީހާއަތުން 183 ޑޮލަރެވެ.
- ފަސްޓް ކްލާހުގައި ދަތުރުކޮށްފައި 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ހުންނަ ރިސޯޓްތަކަށް އަންނަ މީހާއަތުން 186 ޑޮލަރެވެ.
- ޖެޓްގައި ދަތުރުކޮށްފައި 50 ކޮޓަރިއަށްވުރެ މަދުން ކޮޓަރި ހުންނަ ރިސޯޓްތަކަށާއި ގެސްޓް ހައުސްއަށް އަންނަ މީހާ އަތުން 243 ޑޮލަރެވެ.
- ޖެޓްގައި ދަތުރުކޮށްފައި 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ހުންނަ ރިސޯޓްތަކަށާއި ގެސްޓް ހައުސްއަށް އަންނަ މީހާ އަތުން 246 ޑޮލަރެވެ.
ޓެކްހާއި އެނޫން ނަން ނަމުގައި ސީދާ ގޮތުން ޓުރިސްޓް މީހާގެ އަތުން މިހާތަނަށް 66 ޑޮލަރާއި 246 ޑޮލަރާ ދެމެދުގެ އަދަދެއް ސަރުކާރަށް ނަގަމުން އައި އައުން ދެގުނަ ކޮށްލުމުން އެންމެ ބަޖެޓް ކޮށްގެން އަންނަ އާދައިގެ ގެސްޓް މީހާވެސް ގްރީން ޓެކްސްގެ ގޮތުގައި 12 ޑޮލަރާއި އެއަރޕޯޓުން ނަގާ ޑިޕާޗަރ ޗާޖަށް 50 ޑޮލަރާއި އެއަރޕޯޓް ޑިވްލޮޕްމަންތް ފީއަށް 50 ޑޮލަރު ސަރުކާރަށް ދައްކަން ޖެހެއެވެ. އެހެން ކަމުން އަދައިގެ ގެސްޓް މީހާ ސަރުކާރަށް 112 ޑޮލަރު ނުދީ ސަލާމަތެއް ނުވާނެއެވެ.
ބިޒްނަސް ކްލާހުގައި ފުރާ ގެސްޓް މީހާ ވެސް މަދުވެގެން 252 ޑޮލަރު ދައްކަން ޖެހޭނެއެވެ. ފަސްޓު ކްލާހުން ފުރަންޏާ 492 ޑޮލަރު ނުދައްކާ ސަލާމަތެއް ނުވެވޭނެއެވެ. ޕްރައިވެޓް ޖެޓެއްގައި ފުރަންޏާ މީހަކު 972 ޑޮލަރު ނުދައްކާ ވާނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ.
އަންނަ ގެސްޓުން މިހާވަރަށް ފެލާލަން ސަރުކާރުން ދިމާކުރީމާ ގެސްޓުންނެއް ކަމަކު ނާންނާނެއެވެ. ދޮންވެލި ގަނޑު ކިތައްމެ ދޮންވެފާ މޫދު ކިތަންމެ ކްރިސްޓަލް ވިޔަސް މީހަކު ނާންނާނެއެވެ. މެދު މިންވަރެއްގައި އަގުތައް ހިފަހައްޓައިގެން ގިނަ މީހުން ގެންނަން ސަމާލުނުވެ ގެސްޓުން އޮބިއަޅާ ފެލައިލައިގެން ދައުލަތް ހިންގަން ވިސްނީމާ ޓުރިޒަމްވެސް ދާނީ ބޮކިޖަހާ އަޑިއަށެވެ. ގެސްޓުން އަތުން އެވަރަށް ފެލައިލުމުން މުއިއްޒަށް އެފެށެނީ ޓޫރިޒަމްގެ ކަށްވަޅު ކޮންނާށެވެ.