މެޑިކަލް މާފިއާ ގޭންގަކުން މަޖިލިސް ގަނެދޭ ޑީލަކީ ރަސްމާލެ!؟
މުއިއްޒު އަޒުލު ނުވުމަށް އޮތް ބެކަޕަކީ ފުށިދިއްގަރުފަޅު
މާލެ އަތޮޅު ފުށިދިއްގަރު ފަޅަކީ ޑރ. މުއިއްޒަށް ހާދަހާ ކަމުގޮސްގެން އުޅޭފަޅެކެވެ. ރައީސް ޔާމީނުގެ ޕްލޭނިންގ އެންޑް ހައުސް މިނިސްޓަރުގައި ހުރި އިރު ނިއުޒިލޭންޑްގެ ވިޔަފާރި ވެރިއެއްގެ ކުންފުންޏެއް ކަމުގައިވާ ޕްރައިމް ކެޕިޓަލަށް ފުށިދިއްގަރު ފަޅު ވިއްކާލިއެވެ. ނުއަގުގައެވެ. ދައުލަތަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަށެވެ.
އެފަހަރު ފުށިދިއްގަރު ފަޅު ނުއަގުގައި ވިއްކާލައިގެން ގިނަ އަދެއްގެ ފައިސާ މުއިއްޒުގެ ޖީބަށް ވަނީ ޖަހާލާފައެވެ. މުއިއްޒު އިސްވެހުރެ ދައުލަތަށް ދިން އެބޮޑު ގެއްލުމުން ދައުލަތް ސަލާމަތް ކޮށްދީ ފުށިދިއްގަރު ފަޅަކީ ދިވެހި ދައުލަތުގެ ފުރިހަމަ ކޮންޓްރޯލު އޮތް ތަނަކަށް ހައްދަވާ ދެއްވީ ރައީސް ސޯލިހުއެވެ. އިންތިހާ ދަރަޖައިގެ މިންނަތް މަސައްކަތްޕުޅުންނެވެ.
ދިވެހި ދައުލަތުގެ ވިކުރާގައި ގަލަން ތުނޑުވެސް ޖައްސާލަން ނުޖެހޭ ގޮތަށް އެތައްސަތޭކަ ހެކްޓަރެއްގެ ބިން ހިއްކަން ފެށީ ފިސާރި ފަލަ ހޮޅިއަކުން ޑޮލަރު އައިސްއައިސް ހުރެގެންނެވެ. އެބޮޑުބިން ހިއްކާދޭ ބަޔަކަށް ފައިސާ ފޯރުކޮށް ދެވޭނީ ހާދަހާވާ ދީލަތި ކަނޑެއް މުއިއްޒާ ދިމާލަށް ފޫވެއްޓިފައި އޮވެގެންނެވެ.
ދޮގާ މަކަރާ ހީލަތުން ފޮޓޯއަކާއި ހުސް ގޮނޑިއެއް ދައްކައިގެން ދިވެހި ރާއްޖޭގެ ވެރިކަން ހޯދުމަށް ފަހު އަނެއްކާވެސް ޑރ. މުއިއްޒު ފުރަތަމަވެސް ދިމާކުރީ ފުށިދިއްގަރު ފަޅާއެވެ. ވެރިކަމަށް ހުވާވެސް ނުކުރެވެނީސް ސާދާގަރަކު ފޮނުވި ޖެޓެއްގައި އެކުވެރި އަރަބި އިމާރާތަށް ސިއްރު ސިއްރުން ދިޔަ ދިޔުމަކީ ފުށިދިއްގަރު ފަޅުގެ ވަގު ޑީލުގެ ފަހުގެ ފެށުމެވެ.
ދައުލަތުން ފުށިދިއްގަރު ފަޅު ހިއްކަން ބަޖެޓް ނުލިބުން ވެގެން ދިޔައީ މުއިއްޒަށް މާރަނގަޅު ކަމަކަށެވެ. ގޮތް ދޫނުކޮށް ފުށިދިއްގަރުފަޅު ހިއްކަން ފަށާނީ ގައިމު މޮޅުތަކެއް ވާން އޮތީމާތާއެވެ. ފުށިދިއްގަރު ފަޅު ހިއްކަން ޔޫއޭއިން ހޯދި އެއްވެސް ފައިސާއެއްގައި ޖެހިނުލާ އެކަން ކުރެވޭނެ ގޮތް ވީއެވެ. ހިއްކީމާ ބިން ދޭގޮތަށް ފައިސާ ނުދީ ބަޔަކުލައްވާ އެކަން ކޮށް ނިންމާ ލެވޭ ގޮތްވީއެވެ. ޔޫއޭއީން ގެނައިހާ ފައިސާ މަޖިލިސް މެންބަރުން ހޮވުމަށް ހަރަދުކުރަން ބެހެއްޓުނީއެވެ.
ރައީސް ކަމުން މުއިއްޒު އަޒުލު ކުރިޔަ ނުދިނުމަށްޓަކާ ގަންނަންޖެހޭ މެންބަރުން ގަތުމަށް އޮތް ބެކަޕަކީ ފުށިދިއްގަރުފަޅެވެ. އެކަމަށް ހޮޅިއަޅާފައި އޮތީ ޔޫއޭއީގެ މެޑިކަލް މާފިއާ ގޭންގަކުން ކަމަށްވެއެވެ. މެދުވެރިންނަކީ މުސާރަ ނުނަގާ ސްޕެސަލް އެޑްވައިޒަރަކާއި މެޑިކަލް މާފިއާ އާއި ގުޅުން ބޮޑު ފުޅާދާއިރާއެއްގައި ސިއްހީ ހިދުމަތުގެ ވިޔަފާރީގައި އުޅޭ ދިވެހި ޑޮކްޓަރެއް ކަމަށްވެއެވެ.