ކައުންސިލަރ ސައިފަށް: ބޮކުބާރު ދެއްކޭނީ ފެންގަނޑުތެރޭ އޮންނައިރު
މާލެވެގެން ނަސްލީ އިމްތިޔާޒްގެ ގޮތް ކުރިއަށް ނެރެން ތިޔައީ ވަކިން ކާކު!
މާލޭސިޓީ ކައުންސިލްގެ މެންބަރު ކަމުގައި ސައިފު ފާތިހު ހުރެގެން މާލޭ ރައްޔިތުންނަށް ކޮށްދޭ ކަންކަން ގިނަކަމުން މާލޭ ރައްޔިތުން އެ ތިބީ ހޯހޯ ގޮވާލަ ގޮވާލައެވެ. ހާއްސަކޮށް ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ ހުރިހާ ކަމެއް ސައިފު ފާތިހު ވަނީ ފުރިހަމަކޮށް ދީފައެވެ. އެމްޑީޕީގެ ޓިކެޓްގައި ހޯދައިގެން ލިބުނު މަގާމެއްގައި ހުރެގެން އެމްޑީޕީއަށް ފުރައްސާރަ ކުރާއިރު އުފަންކުޅަ މައިމީހާ ވެސް ހަނދާން ހުންނަހެނެއް ހިޔެއް ނުވެއެވެ.
ބަލަގަ ސައިފޫއެވެ. އަންނިބެއަށް ވެރިކަން ނުލިބޭ ގޮތަކަށް އެކަކު ކުރާއެއް ކަމެއްވެސް ސައިފުމެންނަކަށް ކަމަކު ނުދާނެއެވެ. އަންނި ބޭގެ ނުފޫޒާ ބާރުން ގަލޮޅު އުތުރުގެ ކައުންސިލް ޓިކެޓް އެމްޑީޕީން ސައިފަށް ހޯދާދިނީ ގޭ ކުއްޖެއް ގޮތުގައި ބޮއްވާ ހެދިގެން އުޅޭތީކަން ނޭނގޭ މީހަކު ނޫޅެއެވެ. ތިޔަ ކައުންސިލަރު ކަމަކަށް އައިފަހުން މާލޭގެ ރައްޔިތަކަށް މޮޅެއް ހޯދަދޭން ތިޔަ ސައިފަކު ކުރިކަމެއް ބުނެބަލާށެވެ. ނެތެވެ. ނުވެސް އޮންނާނެއެވެ.
މާލޭގެ ގޯތި ގެދޮރާ މާލޭގެ ކަންކަން ބެލެހެއްޓުމުގެ ބެލެނިވެރި ފަރާތަކީ ސިޓީ ކައުންސިލަށް ވެގެން ތިޔަ ބައިގަނޑަށް ކޮށްދެވުނު ކަމެއް ބުނެބަލާށެވެ. ފިތުނަ ފަސާދަ އުފެއްދުމާ އާއްމު އުދަގޫ ކުރުން ނޫން ކަމެއް ކުރެވޭ ހެއްޔެވެ. ކުޑަކުޑަ ކަމެއްގައިވެސް ސަރުކާރާ އެއްބާރުލުން ނުދީތިބެ ސަރުކާރުން މާލެއަށް ކަމެއްކޮށް ނުދޭ ކަމަށް ބުނެ ކޯތަޅުވަނީ ލަދު ހަޔާތް ކުޑަވީމައެވެ.
ހުޅުމާލޭގައި ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާ ފްލެޓްތައް ނުފެންނަ ވަރަށް ކަނުވީމާ ފްލެޓެއްވެސް ނޭޅުނޭ ގޮވާނެއެވެ. އަމާގެ ބަނޑުން ފުންމާލި ގޮތަށް ދުއްވައިގަތީ ކާކު ހެއްޔެވެ. މަސައްކަތް ތަކަކީ މުއްދަތު ކަނޑައެޅިގެން ވަކި މުއްދަތެއްގެ ތެރޭގައި ކޮށް ނިންމަން ހަވާލުކުރާ ކަންކަން ކަން ބުރާންތި ކަމުން ނޭނގުމަކީ ޖެހިފައިހުރި ބައްޔެއްގެ ސަބަބުން ވާކަމަކީތާއެވެ. އެގްރިމެންޓާ އެއްގޮތަށް ފްލެޓް އެޅުމުގެ މަސައްކަތް ބާރަށް އެބަ ހިނގައެވެ. އެތަންތަނަށް މީހުން ވައްދާނީ ސައިފު ބުނީމައެއް ނޫނެވެ.
މާލެ ސިޓީ ކައުންސިލަރ ސައިފް ނިކުމެ މާލޭ ރައްޔިތުންނަށް ކަނޑާދިން ގޯތިތައް ކޮބާ ހެއްޔެވެ. އެކަމެއް ނުވިދޯއެވެ. އަޅާ ނުލާށެވެ. މި ސަރުކާރުން މާލެ ރައްޔިތުންނަށް ގޯތިވެސް ދޭނެއެވެ. އެކަން ކުރަނީ ސައިފް ފާތިހު ރުއްސާކަށް ނޫނެވެ. ހަތް މަސް ދުވަހުން ނިންމަން ބުނި އަމީނީ މަގު ނުނިމިގެން ތިޔަ އުޅެނީ ހަތްމަސް ވެގެން ހެއްޔެވެ. މަސައްކަތް އޮންނަން ވީ ހިސާބުވެސް އެގެން ޖެހެނީ ކެނެރީގޭ ކުދިންގެ ބޯއީއަށެވެ.
މާ މާލެވެގެން މާ ބޭފުޅުވެގެން ނަސްލީ އިމްތިޔާޒްގެ ގޮތް ކުރިއަށް ނެރެން ތިޔައީ ވަކި ކާކުހެއްޔެވެ. ކެނެރީގޭ މީހުންނާއި ފިކުރުދިރޭ މާލޭ މީހުން ނުރުހިފާ ތިިބުމަކީ މުޅި މާލޭ ރައްޔިތުންގެ ގޮތްކަމަށް ހީވަންޏާ ތިޔަ ހުރެވެނީ ހިނދު ކޮޅުގައެވެ. މާލެއަކީ ސައިފު ފާތިހުގެ މައިބަފައިގެ ތަރިކަ މުދާ ހެއްޔެވެ. ބަލަ މިހިރަ ގަމާރު ކައުންސިލަރެއް ދޮތައެވެ.
ރައީސް ސޯލިހްގެ ޖަގަހަ ކެންޕެއިން މައި ޖަގަހަ ހުންނާނީ މާލޭ ގައެވެ. މާލޭގެ ބިންވެރިންގެ އެތައް ބަޔަކު އެތިބީ އެކަމަށް އެދިގެންނެވެ. އެމްޑީޕީގެ މައި ހަރުގެވެސް ހުންނާނީ މާލޭ ފަސްމަތީގައެވެ. ސައިފުމެން ކަހަލަ ގޮފަޅުންނަށް ވާނުވާ ނޭގި މާލޭ ރައްޔިތުންގެ ނަމުގައި ކިޔޭ ނުކިޔޭއެއް ނޭގެއެވެ. ތިޔަ ވަރުގެ ގަދަކަމެއް ހުރިއްޔާ ސައިފް ފާތިހުގެ ގަދަކަން ދައްކާލަ ބަލާށެވެ. ރައީސް ސޯލިހުގެ އެންމެ ޖަގައެއް ވެސް މާލޭގައި ހަދަން ތަނެއް ނުލިބޭވަރު ކޮށްލަބަލާށެވެ. ނުވާނެއެވެ. ތިޔަހެން ބޮކުބާރު ދެއްކޭނީ ފެންގަނޑުތެރޭގައި އޮވެއެވެ.