ފެންނަންހުންނަ ކަންކަމަށް ވެސް ނަޝީދު ހައްދަވަނީ އިތުރުފުޅު

18 ފަންގިފިލާގެ 32 ޓަވަރުގައި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 1200 ފްލެޓް އާއި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 2800 ފްލެޓް

ފެންނަންހުންނަ ކަންކަމަށް ވެސް ނަޝީދު ހައްދަވަނީ އިތުރުފުޅު

ކޮން ދޮގެއް ހަދާކަށް ހެއްޔެވެ. ކަނޑައެޅިގެން ހަގީގަތް އެނގި ހުރެ ދޮގު ހެދުމުން ތިމާގެ މައްޗަށް އޮންނަ އިތުބާރާ ލޯބި ގެއްލުން ނޫން ކަމެއް ނުވެއެވެ. ދުލުގާ ވަގޮށް ނުޖެހޭކަން ރަނގަޅެވެ.

ރައީސް ސާލިހު ދިވެހި ސަރުކާރު ހިންގަވަން ފެށީއްސުރެ މިވީ ހަތަރު އަހަރު ތެރޭގައި ހިޔާވަހި ކަމުގެ އެއްވެސް މަޝްރޫއެއް ނުހިންގަވާ ކަމަށް ވިދާޅުވެ ސަލްޓަންޕާކުގައި ރައީސް ނަޝީދު އިތުރުފުޅު ހެއްދެވީ ކޮން ބަޔަކަށް އޮޅުވާލައްވަން ހެއްޔެވެ. ރައްޔިތުންގެ މަޖިލިސްގެ ރައީސްކަން ފަދަ ޒިންމާދާރު މަގާމެއްގައި ހުންނަވައިގެން އެހާ ވަރަށް އިތުރުފުޅު ހައްދަވާކަށް ނުވާނެއެވެ. އަމްދުން އެމްޑީޕީގެ ރައީސް ކަމުގައި ހުންނަވައިގެން އެމްޑީޕީ މެޖޯރިޓީ ސަރުކާރަކަށް ބޮޑެތި ދޮގު އިލްޒާމުތައް އަޅުއްވާއިރު ވާދަ ކުރައްވަނީ އެމްޑީޕިގެ ޓިކެޓް ހޯއްދަވަންކަން ހަނދުމަފުޅު ނެތިގެން ނުވާނެއެވެ.

ރައީސް ސާލިހުގެ ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުގައި 54 ޓަވަރެއްގެ މަސައްކަތް ސަރުކާރުން ކުރުވަމުން އެބަ ގެންދެއެވެ. އެ ޓަވަރުތަކުގެ މަސައްކަތް 2024 ވަނަ އަހަރަށް މުޅިން ނިންމާލެވޭނެއެވެ. މި ޓަވަރު ތަކުގެ މަސައްކަތް ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީއާއި ފަހި ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެފްޑީސީ) އާއި އެޗްޑީސީ ގުޅިގެންނެވެ.

ވަޑައިގެން ބައްލަވާށެވެ. 54 ޓަވަރުގައި ޖުމްލަ 6175 ފްލެޓް ހިމެނެއެވެ. މީގެ ތެރެއިން 4000 ފްލެޓް ހާއްސަކޮށްފައި ވަނީ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމަށެވެ.

2020 އިން ފެށިގެން މާލެ އާއި އަތޮޅު ތެރޭގައި ސަރުކާރުން ހައުސިން މަޝްރޫއުތައް ވަނީ ހިންގަން ފަށާފައެވެ. މި ސްކީމުގެ މަޝްރޫއުތައް ކުރިއަށް ގެންދަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހަވާލުކޮށްފައި ވަނީ އިންޑިއާގެ ދެ ކުންފުންޏަކާއެވެ. އެ ދެ ކުންފުންޏަކީ ޖޭއެމްސީ އާއި އެންބީސީސީ އެވެ. އެ ދެ ކުންފުނިން އަޅާދޭނީ 4000 ފްލެޓެވެ. ދެ ކުންފުނިން ކުރެ ކޮންމެ ކުންފުންޏަކުން 2000 ފްލެޓެވެ.

ޖޭއެމްސީ އިން އިމާރާތް ކުރަމުންދާ ފްލެޓްތަކުގެ 16 ޕަސެންޓް މަސައްކަތް ހުސްވި ނޮވެމްބަރ މަސް ފެށުނުއިރު ހުރީ ނިމިފައެވެ. އެންބީސީސީން ހަދަމުންދާ ފްލެޓްތަކުގެ 13.5 ޕަސެންޓް އެ ކުންފުނިން ވެސް ނޮވެމްބަރ 2022 ފެށުނު އިރު ވަނީ ނިންމާފައެވެ.

18 ފަންގިފިލާގެ 32 ޓަވަރުގައި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 1200 ފްލެޓް އާއި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 2800 ފްލެޓް ހުންނާނެއެވެ.

267 މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ހިންގާ މަޝަރޫއެކެވެ. 08 މާރޗް 2021 ގައި އެއްބަސްވުމުގައި ސޮއި ކޮށްގެން ފަށައިގެންފައިވާ މި މަޝްރޫއުގައި ބިނާ ކުރާ ފްލެޓް ތަކުން ބައެއް ފްލެޓުގައި މީހުން ދިރި އުޅެވޭވަރު މި ދައުރު ނިމޭއިރު ވާނެއެވެ.

ގެދޮރުވެރިޔާ ސްކީމް ހިނގަމުން ދާއިރު ބައެއް އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށްގެން ހުޅުމާލޭގެ ދެ ފިޔަވަހީގައި ސޯޝަލް އަދި މިކްސްޑް ހައުސިން ޔުނިޓްތަކެއް ވެސް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ. އެޕޯލޯ ހޯލްޑިންގްސް، އެސްޖޭ ކޮންސްޓްރަކްޝަން، ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން (އާރްސީސީ)، އެސްޖޭ ކޮންސްޓްރަކްޝަންސް، ސެލިޓެއާ، ފެޑޯ ޕްރައިވެޓް ލިމިޑެޓް، ރެއިންބޯ މެގަ އަދި ނިއުމާކް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްގެންނެވެ. އަނެއް ކޮޅުން މާލޭ އޯޑިއޯން ސިނަމާ އާއި ދިވެހި ނާދީ ހުރި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުންޏާއި ހަވާލުކޮށްގެން ލަގްޒަރީ ފްލެޓް ތަކެއް އެޅުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

އެ ތަންތަން ދިވެހި ނޫސްވެރިން ވެސް ވަނީ ލޮލުންދެކި އަތުން ހިފާފައެވެ. ފެންނަން ހުންނަ ކަންކަމަށް ވެސް ރައީސް ނަޝީދު ހައްދަވަނީ އިތުރުފުޅެވެ.