ވިލިމާލެ ޑައިވިންގ ޕޮއިންޓް މަރާމާތު ނުކުރަންވީތަ!

ގައުމީ ޔުނިވަރސިޓީން 4.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން ޑައިވިންގ ޕޮއިންޓް ޒަމާނީ ފެންވަރަށް

ވިލިމާލެ ޑައިވިންގ ޕޮއިންޓް މަރާމާތު ނުކުރަންވީތަ!

ހުރިހާ ކަމެއް ވެސް ފުރިހަމަ ވެފައި ހުންނަން ޖެހެއެވެ. ދަތި އެއްވެސް ކަމެއް އޮވެގެން ނުވެއެވެ. ބޭނުން ކުރަމުން އައިތަނެއް ހަލާކުވެ ވީރަނާ ވިޔަސް ކަމަކު ނުދެއެވެ. ހަލާކުވެ ވީރާނާ ވާތަނެއް މާރާމާތު ކުރަން ވަގުތީ ގޮތުން ބަންދުކޮށް މަރާމާތު ކުރިޔަސް ކަމަކު ނުދެއެވެ.

ހުރިހާ މޮޅެއް ބޭނުމެވެ. ހިނދު ކޮޅަކަށް ވެސް އުނދަގުލެއް ތަހައްމަލު ކޮށްލައިގެން ނުވެއެވެ. ވިލިމާލޭގެ ހުޅަނގު ފަރާތުގައި އޮންނަ ޑައިވިން ޕޮއިންޓް މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް އިއްޔެ ފެށުމުން ވެސް އެ ކަން ބަޔަކަށް ކަމަކު ނުދިޔައެވެ.

އެ ތަނަކީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)ގެ މެރިޓައިމް ސްޓަޑީސް ސެންޓަރުގެ ޕްރޮގްރާމްތައް ހިންގަން މީގެ 20 އަހަރު ކުރިން ސަރުކާރުން ދޫކޮށްފައި އޮތް ސަރަހައްދެކެވެ. މެރިޓައިމް ސްޓަޑީސް ސެންޓަރުގެ ޕްރޮގްރާމްތައް ހިންގަން ދޫކޮށްފައި އޮތް ތަނެއް ނަމަވެސް ވިލިމާލޭގައި ހިންގާ އަމިއްލަ ޑައިވިން ސެންޓަރު ތަކުން އެތަން ބޭނުން ކުރަމުން ދިޔުމަކަށް އެއްވެސް ހުރަހެއް އެއް އިރަކުވެސް ނެތެވެ. އަމިއްލަ ފަރާތްތަކުގެ ޑައިވިން ސެންޓަރުތަކުން ނަފާވެރި އެތައް ޕްރޮގްރާމެއް އެތާގައި ހިންގާ މަންފާ ހޯދަމުން ދާއިރު އެކަން ހުއްޓުވާފައެއް ވެސް ނެތެވެ.

ގިނަ ދުވަސް ވުމުގެ ސަބަބުން އެ ސަރަހައްދު ވީރާނާވެފައި އޮތުމުން އެ ކަމުގެ ތަކްލީފް އަމިއްލަ ޑައިވިން ސެންޓަރު ތަކަށް އުފުލަން ޖެހޭ ޖެހުން ގައުމީ ޔުނިވަރސިޓީއަށް ވުރެ ވަކިން ކުޑައެއް ނުވާނެއެވެ. ޒަމާނީ ރަނގަޅު ފެންވަރަކަށް އެ ސަރަހައްދު ތަރައްގީ ކުރުމުން ވެސް އެންމެ ބޮޑު މަންފާއެއް ކުރާނެ ބަޔަކީ ވިލިމާލޭ އަމިއްލަ ޑައިވިން ސެންޓަރ ތަކެވެ. ގައުމީ ޔުނިވަރސިޓީން 4.6 މިލިއަން ރުފިޔާ ހަރަދު ކޮށްގެން އެ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީ ކުރިޔަސް އަމިއްލަ ޑައިވިން ސެންޓަރ ތަކުން އެ ތަނުގެ ބޭނުން ނުކުރެވޭ ގޮތަށް އެއްވެސް ކަމެއް ކުރުމުގެ ވިސްނުމެއް ގައުމީ ޔުނިވަރސިޓީގައި ނެތެވެ. އެހެން ކަމުން އެ ސަރަހައްދު ތަރައްގީ ކުރުމުން އެންމެ ބޮޑު ފަސޭހައެއް ލިބިގެން ދާނެ ބައެއް ކަމުގައި ވިލިމާލޭގައި ހުރި އަމިއްލަ  ޑައިވިން ސެންޓަރތައް ވާނެއެވެ.

ސަރަހައްދުގެ މަރާމާތާއި ގުޅިގެން ނުތަނަވަސް ކަން އުފައްދާ ކަންކަން ގޯސް ކުރަން އުޅުމުގެ ބޭނުމަކީ ކޮބާހެއްޔެވެ. އެތައް އަހަރެއް ވަންދެން ގިނަގުނަ ފައިދާތައް އެ ތަނުން ހޯދާފައި ވާއިރު ތަން މަރާމާތުކޮށް ނިންމާލަން ދެން ކެތްތެރި ވެލުމަކީ ނެތް ކަމަކީ ހެއްޔެވެ.

ހަނދާން ކޮށް ބަލާށެވެ. މާލޭ ރިންގ ރޯޑް ހަދަން މަގުގެ ދެ ފަރާތުގައި ހުރި ގަސްތައް ނަގާ މަގުފުޅާ ކުރުމުގެ މަސައްކަތް ކުރިއިރު އެކަން ބޮޑުވެގެން ލައްކަ ވާހަކަ މީހުން ދެއްކިއެވެ. މަގު ހަދާ ނިންމާ މަގުގެ ބޭނުން ހިފުމުގައި ލިބިފައިވާ ފަސޭހައާއި ލުއި މިހާރު އެންމެނަށް ވެސް ފެނެއެވެ. އޭރުލީ ހަޅޭކުގެ އަޑެއް މިހާރަކު ނެތެވެ. އަމީނީ މަގު ހަދަން ފެށުމުން ވެސް އެ ރަނބަ ގިރުވަން ފަށައިފިއެވެ. ވިލިމާލެ ޑައިވިންގ ޕޮއިންޓްގެ މަރާމާތު ފެށީމާ ވެސް ކިޔަން ތިޔަ ފެށީ ހަމަ އެ ލަވައެވެ.

ކޮންމެ ބަޔަކު ކުރިޔަސް ކުރެވޭ ރަނގަޅު ކަންކަން ބަލައިގަނެ ކެތްތެރިކަން އިސްކުރަން ބިރު ނަގަނީ ކޮން މޮޅެއް ހޯދަން ހެއްޔެވެ. ތަހައްމަލު ކުރަންޖެހޭ ވަގުތީ ދަތި ކަމަކަށް ވުރެ ދާއިމީ ހައްލެއްގެ މޭވާ ފޮނިވާނެއެވެ.