ފެނަކަ އަކީ ކީއްކުރާ ތަނެއް!
ނަފާވެރި ކުންފުންޏަކަށް ވުރެ ފެނަކައަކީ ރައްޔިތުންގެ ޔުޓިލިޓީގެ ކަންކަން ބަލަހައްޓާ ކުންފުންޏެއް.
ރަށްރަށުގެ ރައްޔިތުން އަމިއްލައަށް ހިންގަމުން ދިޔަ އިންޖީނުގެތައް ޕްރޮވިންސް ޔުޓިލިޓީ ކުންފުނިތަކުގެ ދަށަށް ގެނައުމުގެ މަސައްކަތް ފެށީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުންނެވެ. މާލެ ފިޔަވާ އެހެން ރަށްރަށުގައި ފެނާއި ނަރުދަމައާއި ކަރަންޓްގެ ހިދުމަތް ދިނުމަކީ ޔުޓިލިޓީ ކުންފުނިތަކުގެ މަސައްކަތަކަށް ހެދިއެވެ. ވިޔާފާރި އުސޫލުން ހިދުމަތް ދީ ދެމެހެއްޓުމަށް އަމާޒު ހިފައިގެން ފެށި މަސައްކަތުގައި ރަށްރަށުގެ އިންޖީނުގެތައް ޔުޓިލިޓީ ކުންފުނިތަކަށް ނަގަމުން ދިޔައީ ގިނަ ރަށްރަށުގެ ރައްޔިތުންގެ މާބޮޑު ރުހުމެއް ނެތިއެވެ. އެތައް ރަށެއްގެ އިންޖީނުގެ ތަކެއް ޔުޓިލިޓީ ކުންފުންޏަށް ނެގުން ފިޔަވާ ޕްރޮވިންސް ޔުޓިލިޓީ ކުންފުނިތަކަށް ކަމެއް ނުކުރެވި އުޅެނިކޮށް ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާދީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު ކަފުންކޮށް ވަޅުލައިފިއެވެ.
ރައީސް ނަޝީދުގެ ބަގަވީ ވެރިކަން ފެށުމާއެކު ހަމައެއް ލަމައެއް ނެތި ރައީސް ނަޝީދު ސަރުކާރުން ޕްރޮވިންސް ޔުޓިލިޓީ ކުންފުނި ތަކަށް ނެގި ރަށްރަށުގެ އިންޖީނުގެ ތަކަށާއި އިންޖީނުތަކާއި ރައްޔިތުން އަޅާފައިވާ ކޭބަލް ތަކަށް ބަދަލު ހޯދުމުގެ އޮއިވަރު ހިނގައިގަތެވެ. ރަށްރަށުގެ އިންޖީނުގެ ތަކަކީ އެ ރަށެއްގެ ރައްޔިތުން ގައިވީދައިގެން ވީވަރެއް ކޮށްފައި ހުރި ތަން ތަނެވެ. ކަރަންޓްގެ ހިދުމަތްދޭ ތަނެއްގައި ހުންނަންޖެހޭ އެއްވެސް ފެންވަރެއް ރައްކާތެރިކަމުގެ ގޮތުން ވިޔަސް އިމާރަތުގެ ގޮތުން ވިޔަސް މުއައްޒަފުން ގޮތުން ވިޔަސް މަދު ރަށެއްގައި ނޫނީ ނެތެވެ. މައުމޫނު ވެރިކަމުގައި ޖަޕާނުން އަޅާދިން މަދު އިންޖީނުގެ އެއްފިޔަވާ ހުރިހާ ތަނެއްހެން ހުރީ ވަރަށް ދެރަވަރު ކޮށެވެ.
ޕްރޮވިންސް ޔުޓިލިޓީ އެތައް ކުންފުންޏެއް ވަކިވަކިން ހިންގުމަކީ ދެކޮޅު ނުޖެހޭ ގެއްލުން ބޮޑު ބުރައެއް ކަމަށް ޑރ ވަހީދަށް ގަބޫލު ކުރެވިގެން މުޅި ރާއްޖޭގެ ޔުޓިލިޓީ ހިދުމަތް ދެ ކުންފުންޏެއްގެ ދަށުން ދޭ ގޮތަށް ނިންމާ އެއް ކުންފުންޏަކީ ސްޓެލްކޯ ކަމަށް ކަނޑައެޅިއެވެ. ސްޓެލްކޯއަކީ މާލޭގައި ކަރަންޓްގެ ހިދުމަތް ދެމުން އައި ކުންފުންޏެވެ. ސްޓެލްކޯއިން އަދާކުރަމުން އައި ގްރޭޓް މަލޭ ކަރަންޓްގެ ހިދުމަތް ދިނުމުގެ މަސައްކަތުގެ އިތުރަށް މާލެއަތޮޅާއި އަރިއަތޮޅާއި ފެލިދެއަތޮޅުގެ ހުރިހާ ރަށެއްގެ ފެނާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތް ދިނުމަކީ ސްޓެލްކޯގެ މޭންޑޭޓްގައި ހިމެނޭ ކަމެއް ކަމަށް ހަމަޖެއްސިއެވެ.
ސްޓެލްކޯގެ މެންޑޭޓްގައި ހިމެނޭ ރަށްތައް ފިޔަވާ އެހެން ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާއާއި ކަރަންޓްގެ ހިދުމަތް ދިނުމަށް ފެނަކަ ކޯޕަރޭޝަން އުފެއްދިއެވެ. ފެނަކައިގެ އިހުތިސާސްގައި ހިމެނޭ ރަށްގިނައެވެ. ކުރަންޖެހޭ މަސައްކަތް ބޮޑެވެ. ޔުޓިލިޓީ ކުންފުނި ތަކުގެ އެއް ކުންފުނި ފިޔަވާ އެހެން ހުރިހާ ކުންފުންޏެއްގެ ޒިންމާތަކާ ވާޖިބުތަކާ ބުރަ އުފުލަން ޖެހުނީ ފެނަކަ ކޯޕަރޭޝަނަށެވެ.
ރަށްރަށުގައި އޮތް ކަރަންޓްގެ ހިދުމަތްތައް އޮތް ފެންވަރެއްގައި އޮވެ އެއްވެސް ކަމެއް ކޮށްނުދެވި ކުންފުނި ތަރުތީބު ވުމުގެ މަސައްކަތުގެ ތެރޭގައި އޮއްވާ ޑރ. ވަހީދުގެ ވެރިކަން ނިމި ޔާމީނުގެ ވެރިކަން ފެށިއްޖެއެވެ. ޔާމީނުގެ ވެރިކަމުގައި ބައެއް ރަށްރަށުގެ އިންޖީނުގެ އިމާރާތްކޮށް އައު އިންޖީނު ބަހައްޓާ ނެޓްވޯކް އަޕްގްރޭޑް ކުރިއެވެ. އެހެނަސް އިހުތިސާސްގައި ހިމެނޭ ތަންތަނުގެ %8 ރަށުގެ ކަރަންޓްގެ ހިދުމަތް އެކަށީގެންވާ ފެންވަރެއްގައި ރަށްރަށުގެ ރައްޔިތުން ބޭނުންވާ މިންވަރާ ގާތަށްވެސް ފޯރުކޮށެއް ނުދެވެއެވެ.
ފެނަކަ ވުޖޫދުވުމާ އެކު ވެސް ފުރަތަމަ ބޮލުގައި އަޅަންޖެހުނީ ބޮޑެތި ދަރަނިތަކެވެ. ބާވެ ހަލާކުވެފައިވާ އިންޖީނު ތަކާއި އިންޖީނުގެތައް މަރަމާތު ކުރުމަށާއި އާ އިމާރާތްތައް އެޅުމަށް ބޮޑު ހޭދައެއް އެ ކުންފުނިން ކުރަންޖެހުނެވެ. އެހެންކަމުން ލިބޭ ގެއްލުމަކަށް ބެލުމެއް ނެތި ދަރަންޏަށް ފައިސާ ނަގައިގެން ވިޔަސް އެ ކުންފުނިން ދިޔައީ އެ މަސައްކަތްތައް ކުރަމުންނެވެ. ފާއިތުވި ހަތަރު އަހަރު އެކަމުގައި ކުރިއެރުން ތަކެއް ހޯދައިފިއެވެ.
އިންޖީނުގެތައް ބެލެހެއްޓުމުގެ އިތުރުން ރަށްރަށުގެ ޔުޓިލިޓީ އެހެން ހިދުމަތްތައް ވެސް އެ ކުންފުނިން އަންނަނީ ބަލަހައްޓަމުންނެވެ. އޭގެ ތެރޭގައި ނަރުދަމާ ގާއިމުކުރުމާއި ފެނުގެ ހިދުމަތް ވެސް ފާހަގަކޮށްލެވެއެވެ. އެންމެ ފަހުން މަސްވެރިނަށް އައިސް ފޯރުކޮށްދޭން ޖެހިފައި އޮތީވެސް ފެނަކައަށެވެ. ގިނަ މަޝްރޫއު ތަކެއް ހިންގުމުގެ ނަތީޖާއަކަށް ވެފައި ވަނީ ފެނަކައިގެ ދަރަނި ދުވަހެއް ދުވަހަކަށް އިތުރުވުމެވެ.