މާލޭ ރައްޔިތުން ބޭނުންވަނީ ބޯހިޔާވަހިކަމަށް އަވަސް ހައްލެއް

ފުށިދިއްގަރުފަޅު ހިއްކުމަކީ މާލޭގެ ތޮއްޖެހުމަށް އޮތް ހައްލެއްނޫން

މާލޭ ރައްޔިތުން ބޭނުންވަނީ ބޯހިޔާވަހިކަމަށް އަވަސް ހައްލެއް

ހުޅުމާލެއާއި ގުޅިފަޅާއި އުތުރު ތިލަފަޅާއި ގިރާވަރުފަޅަކީ މާލޭގެ ތޮއްޖެހުމަށް އޮތް އެންމެ އަވަސް ހައްލު ކަމަށް އާދަމް އާޒިމަށް ވިސްނިވަޑައި ގަނެއެވެ. އާޒިމު ވިދާޅުވާ ގޮތުން މާލޭގެ ބިމުގެ މައްޗާއި ބިމުގެ އަޑިވެސް އޮތީ ތޮއްޖެހިފައެވެ. 

މާލެއާއި ބުރިޖަކުން ގުޅުވާލެވެން ނެތް ރަށަކަށް މާލޭގެ ރައްޔިތުން ބޯހިޔަވަހިކަން ހޯދަން ދާންޖެހޭނެ ކަމަކަށް އާދަމް އާޒިމް ގަބޫލެއް ނުކުރައްވައެވެ. މާލޭގެ ބޯހިޔާވަހިކަމާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް މާލެ ސަހަރައްދުގައި މިހާރު ހިއްކަން ފަށާފައިވާ ތަންތަން ތަރައްގީ ކުރުން މާ ބޮޑަށް މުހިންމު ކަމަށް އާދަމް އާޒިމް ދެކިވަޑައިގަންނަވައެވެ. 

މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލުކުރެވޭނެ ބިން މާލެ އާއި ހުޅުމާލެ އާއި ގުޅިފަޅާއި އުތުރު ތިލަފަޅާއި ގިރާވަރު ފަޅުން ލިބޭއިރު އެނަމުގައި ފުށިދިއްގަރުފަޅު ހިއްކުމަކީ ވަރަށް ބޮޑު އިސްރާފެއް ކަމަށް އާޒިމު ދެކެ ވަޑައި ގަންނަވައެވެ. އެތަން ތަނަކީ މާލެއާއި ބުރިޖުން ގުޅާލެވެން އޮތް ތަންތަނެވެ. 

ތެދުފުޅެކެވެ. މާލެއާއި ޖެހިގެން އޮތް ހުޅުމާލެއަށް ދިރުން ލިބުނީ ހުޅުމާލެއާއި މާލެ ބުރިޖަކުން ގުޅާލުމުންނެވެ. އޭގެކުރިން ކަނޑު ހުރަސްކޮށް ވިހި މިނިޓްގެ ދަތުރެއް ކޮށްގެން ހުޅުމާލޭގައި ދިރިއުޅުނީ މާލޭގައި އެއްވެސް ގޮތަކަށް އުޅެވޭނެ ގޮތް ނެތިފައި ތިބި ބައެކެވެ. 

ރަސްމާލެ ކިޔަސް ފުށިދިއްގަރުފަޅުގައި ހިއްކާ ރަށެއް ރަނގަޅަށް އާބަދުވެ ހިނގައި ގަންނަން 30 އަހަރު ނަގާނެއެވެ. އަސާސީ ހިދުމަތްތައް ގާއިމުކޮށް ބަޔަކު ދިރިއުޅެން ކަމުދާވަރުގެ ތަނަކަށް އެތަންވާނީ ތިރީހަކަށް އަހަރުންނެވެ. ސަރުކާރުގެ އެންމެ ބޮޑު ބޯހިޔާވަހި ކަމުގެ ޕްރޮޖެކްޓްގެ ގޮތުގައި ފުށިދިއްގަރުފަޅު ހިއްކުމަކީ ވަރަށް ބޮޑު އިސްރާފެއް ކަމަށް އާޒިމްވެސް ދެކެވަޑައިގަނެއެވެ. 

މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލުކުރެވޭ ވަރަށް ބިން މާލެ އާއި ހުޅުމާލެ އާއި ގުޅިފަޅާއި އުތުރު ތިލަފަޅާއި ގިރާވަރު ފަޅުން ލިބޭއިރު އެކަމަށް އިސްކަން ދިނުމުގެ ބަދަލުގައި ފުށިދިއްގަރުފަޅު ހިއްކުމަކީ އޭގެ ފަހަތުގައި ވަނީ އަޑިނޭނގޭ ފަސާދައިގެ ކަންތައް ގަނޑެއްކަމަށް ތުހުމަތު ކުރާ މީހުން ވަރަށް ގިނައެވެ. 

މާލޭ ރައްޔިތުން ބޭނުންވަނީ ބޯހިޔާވަހިކަމަށް އަވަސް ހައްލެވެ. 30 އަހަރަށް މަޑުކުރެވޭކަށް މަލޭ ރައްޔިތުންނަކަށް ނެތެވެ. ރައްޔިތުންނަށް ހެވެއް އެދޭ ބަޔަކު ނަމަ އެތަންތަނުން ހިއްކަން ޖެހޭ ތަންތަން ހިއްކާ ގޯތި ދީފައިވާ ތަންތަނުގައި ރައްޔިތުންނަށް އުޅެވޭނެ މާހައުލަކަށް އެތަންތަން ހަދާ ދޭނީއެވެ. އެތަންތާ މަގުތައްހަދާ އަސާސީ ހިދުމަތް ގާއިމުކޮށް ދޭނީއެވެ. ބޯހިޔާވަހިކަން ދިނުމުގެ ނަމުގައި ބުރިޖުން ގުޅުވާލެވެން ނެތް ފުށިދިއްގަރުފަޅު ހިއްކަން ފަށާނީކީ ނޫނެވެ. 

ފުށިއްގަރުފަޅަށް ދޯންޏަކަށް އަރައިގެން މާލޭގެ ރައްޔިތުން ދާންޖެހޭނެ ކަމަކަށެއް އާޒިމު ވެސް ގަބޫލެއް ނުކުރައްވައެވެ. އާޒިމް ގަބޫލު ކުރައްވަނީ މާލޭގެ ރައްޔިތުން ދާންޖެހޭނީ ބްރިޖަކުން ގުޅިފައިވާ އަވަށްތަކަށް ކަމަށެވެ. ފުށިދިއްގަރުފަޅު ހިއްކުމަށްވުރެ މާލޭގެ ބޯހިޔާވަހިކަމާއި ޓްރެފިކް މައްސަލަތައް ހައްލުކުރަން މާލެ ސަހަރައްދުގައި މިހާރު ހިއްކަން ފަށާފައިވާ ތަންތަން ތަރައްގީ ކުރުން މާ ބޮޑަށް މުހިންމު ކަމަށް އާދަމް އާޒިމު ދެކިވަޑައިގަނެއެވެ.