ޔާމީނަށް އިންޑީއާ އައުޓް - މުއިއްޒަށް އިންޑިއާ ފަސްޓް
މުޅި ޕީޕީއެމްގެ ރޫހާ ހިލާފަށް މުއިއްޒަށް އިންޑިއާ އޯކޭ
ކިހާ ރީތި ހެއްޔެވެ. މުއިއްޒަށް އަދި މި އުޅެވެނީ ވެރިކަމުގެ ކުޑަބޭރު ނޭރިގެނެވެ. މިހާ އަވަހަށް ވާހަކައިގެ ރާގު ބަދަލުވީއެވެ. މުޅި ޕީޕީއެމްގެ ރޫހާ ހިލާފަށް އިންޑިއާ އޯކޭވީއެވެ.
ފަށުވި އިބާރާތުން ޕީޕީއެމްގެ މޭގަނޑުގައި ކޮޅުފައިން ޖެހީއެވެ. މުއިއްޒު ވެރިކަމެއްގައިވެސް އިންޑިއާ ފަސްޓް ސިޔާސަތު ދަމަހައްޓާނެ ކަމަށް ބުނެ ވައުދު ވީއެވެ. އިންޑިއާ ސިފައިންނާ އުތުރު ތިލަފަޅު ބޭހާއި ހެލްކޮޕްޓަރ ވެސް އޯކޭވީއެވެ.
ރާއްޖޭގެ މިނިވަންކަން ގެއްލޭތީ ފަޔަށް ހިނިއަރައިގެން ލީހާ ހަޅޭކަކީ ހަގީގަތެއް ނެތް ސިޔާސީ ވާހަކަތަކެއް ކަމަށްވެ ނިމުނީއެވެ. ރާއްޖޭގައި އިންޑިޔާ ސިފައިން ތިބިއްޔާ ސުލްހަވެރިކަމާއެކު ބާލާ އިންޑިއާ ފަސްޓް ސިޔާސަތު ދަމަހައްޓާނެ ކަމަށް މުއިއްޒު ބުނުމުން ޕީޕީއެމްގެ މޭގަނޑު ކުދިކުދި ވެއްޖެ ކަހަލައެވެ.
ދިވެހި ސަރުކާރުން މިހާރަކު ވެސް އިންޑިއާ މިލިޓަރީ ބޭހެއް ހަދާ ދިވެހި ރާއްޖޭގެ މިނިވަންކަން ވިއްކަލައިގެނެއް ނޫޅެއެވެ. ރާއްޖޭގައި އިންޑިޔާ ސިފައިން ތިބެގެން ނުބޭލިގެނެއް ނޫޅެއެވެ. ދިވެހި ސަރުކާރުން ދަމަހައްޓަމުން އައީ އަވައްޓެރި ގައުމުތަކުގެ ސަލާމަތާ ރައްކަތެރި ކަމުގެ ގޮތުން ބައިނަލްއަގުވާމީ ގާތް އެކުވެރި ގުޅުމެކެވެ. އެއްވެސް އިރަކު ރާއްޖެ އަޅުވެތި ކުރުމަކަށް އިންޑިއާ ނޫޅެއެވެ. އަޅުވެތިވެ ގަތުމަކަށް ރާއްޖެއަކުން ވެސް ނޫޅެއެވެ. ބާއްވަމުން އައީ އެކުވެރި ރަހުމަތްތެރި ވުމާ ރައްކާތެރި ކުރުމުގެ މުގައްދަސް ގުޅުމެކެވެ. މުޅި މަންޒަރު ބަދަލުކޮށް ތަސަައްވަރު ކިލަނބު ކުރީ ބަޔެއްގެ ސިޔާސީ ބޭނުމުގައެވެ.
ޕީޕީއެމްގެ މައުސޫމް ރައްޔިތުން އިންޑިއާ އައުޓުގައި ޖައްސައިގެން އެތައް އެތައް އަނިޔާއަކާއި އުދަގުލެއް ތަހައްމަލު ކުރުވީ ޕީޕީއެމް ލީޑަރޝިޕުންނެވެ. އަދިވެސް މުޅި ޕީޕީއެމް އޮތީ އިންޑިއާ އައުޓް ރޫހުގައެވެ. މިހުރިހާ ދުވަހު ޕީޕީއެމްގެ ބަޔަކު މަގުމައްޗަށް ނެރުވާ ގަނަތެޅުވީ އިންޑިއާ އައުޓޭ ކިޔައިގެންނެވެ.
ކުއްލިއަކަށް ޑރ. މުއިއްޒަށް އިންޑިއާ ފަސްޓް ވެއްޖެއެވެ. ރަނެއް މަލެއް ފަދަ އެކުވެރި އޯގާތެރި ތަނަކަށް އިންޑިއާ ވެއްޖެއެވެ. ރައީސް ޔާމީނު ގެންގުޅުއްވި އިންޑިއާ އައުޓު ޕޮލިސީއަކީ ކަމުނުދާ ޕޮލިސީއަކަށް މުއިއްޒަށް ވެއްޖެއެވެ. އިންޑިއާގެ ރުހުން ހޯދުމަށްޓަކާ މިހާ އަވަހަށް މުއިއްޒު ސްޓޭންޑް ބަދަލުކޮށްލީއެވެ. މުއިއްޒަށް ޕީޕީއެމް މެންބަރުންނާއި ރައީސް ޔާމީނުގެ އިންޑިއާ އައުޓު ޕޮލިސީ ކަމަކު ނުދިޔައެވެ.