މަސް ނިމޭއިރު ދަރަނި ނުދެއްކޭ ހާލަތަކަށް ދާންޖެހިދާނެތޯ: ޝަމްހީދު

މަސް ނިމޭއިރު ދަރަނި ނުދެއްކޭ ހާލަތަކަށް ދާންޖެހިދާނެތޯ: ޝަމްހީދު

ސްކޫކަށް މިމަހު ދެއްކި 525 މިލިޔަން ޑޮލަރ ދެއްކީ އަނބުރާ ދައްކަން ބޭންކް އޮފް އިންޑިއާއިން ހަމަޖައްސައިދިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީންތޯ ރައްޔިތުންގެ މަޖިލީހުގެ މެންބަރ ޑރ. އަހުމަދު ޝަމްހީދު ސުވާލު އުފައްދަވައިފިއެވެ.

ޑރ. ޝަމްހީދު ވިދާޅުވީ "ސަރުކާރުން ސުކޫކް އަނބުރާ ދެއްކުމަށްޓަކައި ބޭނުންކުރީ ރިޒާވް ބޭންކް އޮފް އިންޑިއާއިން ހަމަޖައްސައިދިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ހެއްޔެވެ؟". ޑރ. ޝަމްހީދު ވިދާޅުވާ ގޮތުގައި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއަކީ އިންޑިއާގެ މަރުކަޒީ ބޭންކުން ދީފައިވާ ވަގުތީ އެހީއެކެވެ. ކަރަންސީ ސްވޮޕް ފެސިލިޓީއަކީ ސަރުކާރުގެ ދަރަނިތައް ހަލާސްކުރުމަށް ބޭނުންކުރަންޖެހޭ ފައިސާއެއް ނޫން ކަމަށްވެސް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރ ޑރ. ޝަމްހީދު ވިދާޅުވިއެވެ.

ކަރަންސީ ސްވޮޕް ދެއްކުމުގެ މުއްދަތު އިތުރުކޮށް ދޭން ރާއްޖެއިން އެދިގެން އުޅޭކަމަށް ބުނާ މީޑިއާ ރިޕޯޓަކާ ހަވާލާދެއްވާ އެކްސްގައި ޑރ. ޝަމްހީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، މިފަދަ ފެސިލިޓީއެއް އެގޮތަށް ބޭނުންކުރުމުގެ ގާނޫނީ ބާރެއް އެމް.އެމް.އޭގެ ގަވަރުނަރަށް ލިބިވަޑައިގެންފައެއް ނުވެއެވެ.

އިންޑިއާއިން މި ސްވޮޕްގެ މުއްދަތު އިތުރުކޮށް ނުދީފި ނަމަ، މި މަސް ނިމޭއިރު ރާއްޖެއަށް ދަރަނި ނުދެއްކޭ ހާލަތަކަށް (ޑިފޯލްޓަކަށް) ދާން ޖެހިދާނެތޯ ޝަމްހީދު ސުވާލުކުރައްވައެވެ. ސަރުކާރާއި އެމް.އެމް.އޭ އިން މި މައުލޫމާތުތައް ސިއްރުކުރަނީ ކީއްވެގެންތޯ ޝަމްހީދު އައްސަވައެވެ.

ޝަމްހީދު ވިދާޅުވާ ގޮތުގައި ރިޒާވްގެ ހަގީގީ ހާލަތު ރައްޔިތުންނަށް ސާފުކޮށް ހާމަކޮށްނުދެވެންވީ ކީއްވެގެން ހެއްޔެވެ؟ މިއީ ކުޑަ ކަމެއް ނޫން ކަމަށްވެސް ޝަމްހީދު ވިދާޅުވިއެވެ. ކަމަކީ ކާބޯތަކެއްޗާއި، ބޭހާއި، ތެޔޮ ފަދަ ޒަރޫރީ ތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުންވާ ފައިސާ ދެއްކުމުގެ ގާބިލުކަމާ ގުޅިފައިވާ، ގައުމީ ފެންވަރުގެ ނާޒުކު މައްސަލައެއްކަމަށް ޑރ. ޝަމްހީދު ވިދާޅުވެއެވެ. 

އިންޑިއާގެ ނޫހަކާއި ހަވާލާދެއްވާ ރާއްޖޭގެ ނޫހަކުން ރިޕޯޓްކުރާ ގޮތުގައި ކަރަންސީ ސްވޮޕް ދެއްކުމުގެ މުއްދަތު އިތުރުކޮށް ދޭން ރާއްޖެއިން އެދިގެން އެކަމުގެ މަޝްވަރާތައް މިހާރު ކުރަމުން ދިޔަސް މިފަހަރު ފައިސާދެއްކުމުގެ މުއްދަތު އިތުރު ކޮށްދިނުމުގައި އިންޑިއާއަށް ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ދެ ފަހަރަށް މުއްދަތު އިތުރުކޮށްދީފައިވާ ކަރަންސީ ސްވޮޕްއަކީ ރައީސް މުއިއްޒުގެ ވެރިކަމުގައި 7 އޮކްޓޯބަރު 2024ގައި އެއްބަސްވެ ސޮއިކޮށްގެން ހޯދާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ އެކެވެ.