އަދުރޭ ހަގީގަތުގައިވެސް ގެއްލުވާލީތަ!

އަދުރޭ ހަގީގަތުގައިވެސް ގެއްލުވާލީތަ!

މަކުނުދޫ ދާއިރާގެ ކުރީގެ އިއްޒަތްތެރި މެންބަރ ރާއީ އެވިދާޅުވަނީ ދޮގެއް ނޫނެވެ. ނޫސްވެރިންނާއި އެނޫން މީހުންވެސް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް އަބްދުއްރަހީމް އަބްދުއްލާ ހޯދަން ނިކުންނަން އެބަ ޖެހެއެވެ. އެހެނީ ރައީސުލްޖުމްހޫރިއްޔާއާއި އުއްތަމަފަނޑިޔާރާއި ރައްޔިތުންގެ މަޖްލިސްގެ ރައީސް އެ ބޭފުޅުންގެ އާރާ ބާރުގައި މިނިވަންކަމާއެކު ތިއްބެވިކަން ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރު ވާންޖެހެއެވެ. އެންމެ ހިނދުކޮޅަކަށްވެސް އެއިން ބޭފުޅަކަށް ވާނުވާ އާއްމުކޮށް ނޭނގޭ ވަރަށް މުޖުތަމައުން އެކަހެރިވެފައި ހުރުމަކީ ބިރުހުރި ކަމެކެވެ. އެއްބާރަކުން އަނެއް ބާރަކަށް ބާރުފޯރުވާ ބާރުތަކުގެ ވެރިން އެކަހެރިކުރުމަކީ ނުރައްކާތެރި ކަމެކެވެ.

ބާރެއްގެ ވެރިއަކު އެކަހެރި ކުރެވިފައިވާ ކަމުގެ ތުހުމަތު ރައްޔިތުންގެ ތެރޭގައި ކުރެވޭފަދަ ހާލަތަކަށް އެއިން އެއްވެސް ވެރިއެއްގެ ކަންކަން ގޮސްފައިވާކަމަށް ގަބޫލުކުރެވޭ ހާލަތެއް އައުމަކީ ސީރިއަސް ކަމެކެވެ. ރައީސުލްޖުމްހޫރިއްޔާ ވިޔަސް، އުއްތަމަފަނޑިޔާރު ވިޔަސް، ރައްޔިތުންގެ މަޖްލިސްގެ ރައީސް ވިޔަސް އެއްވެސް ނުފޫޒަކުން އެކަހެރި ކުރެވިފައި ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. 

ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިންބާރުން އެއް ބާރެވެ. ރައްޔިތުންގެ މަޖިލިސް ވާގިނެތުމަކީ ދައުލަތުގެ ވާގިނެތުމެވެ. ކިތަން ބޮޑު މެޖޯރިޓީއެއް ވެރިކަން ހިންގާފަރާތަށް މަޖިލީހުގައި އޮތަސް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ބާރު ކަނޑުވާލެވިގެން ނުވާނެއެވެ. ރައްޔިތުންގެ މަޖިލިސްގެ ރައީސް މަގާމުގައި ހުންނަމީހެއްގެ ބާރު ކަނޑުވާލުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުމެވެ. 

ގަބޫލުކުރެވޭ ގޮތުގައި އެނގިގެން ނަމަވެސް ނޭނގި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ބާރު ރާއްޖޭގައި މިހާރުވަނީ ކެނޑިފައެވެ. އޮތިއްޔާ އޮތްބާރެއް އޮތީ ރައީސުލްޖުމްހޫރިއްޔާގެ މުށުތެރޭގައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހާރުވެސް ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އަތްދަށުގައި ރަހީނުވެފައިކަމަށް މީހުން އެބަދެކެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްލާގެ މިހާރުގެ ހާލަތާ މެދު އެތައް ބައެއްގެ ކަންބޮޑުވުން މިހާރު އެބައޮތެވެ. އަމިއްލަފުޅު ދަތުރުފުޅެއް ނިންމަވަލައްވާ މާލެ ވަޑައިގެން މަތިންދާ ބޯޓުން ބާލައިގެން ރަންވޭމަތިން ކާރަކަށް ލައިގެން ގެންދިޔަ ބަޔަކު ގެންދިޔަތާކަށް ގެންދިޔަ ފަހުން އަދުރޭގެ ހަބަރެއް ހިލަމެއްނެތެވެ. 

މަޖިލީހުގެ އިއްޒަތްތެރި ރައީސް ހުންނެވީ ތަނެއްގައި ރަހީނު ކޮށްފައިކަމަށް ދެކޭ މީހުން މަދެއްނޫނެވެ. މަޖިލީހުގެ އިއްޒަތްތެރި ރައީސް ހުންނެވީ މަޖުބބޫރީހާލަތެއްގައި ވަރަށް ބޮޑަށް ފިތިފައިކަމަށް ދެކޭ މީހުން މަދެއްނޫނެވެ. މަޖިލީހުގެ ރައީސް އަދުރޭ މިވަގުތު ހުންނެވީ ރަހީނުވެފައި ނުވަތަ މަޖުބޫރީ ހާލަތެއްގައި އެކަހެރިކޮށްފައިކަމަށް ގަބޫލު ކުރެވެނީ ކަންބޮޑުވާ ޒާތުކަންތައްތަކެއް އަދުރޭއާއި ދޭތެރޭ ރައީސް މުއިއްޒުގެ އަމަލުފުޅުތައް ބަހައްޓަވާ ގޮތުންނެވެ. 

ރޯލް މޮޑެލްކަމަށް ވިދާޅުވި އަދުރެއާއި މެދު ކަންތައް ކުރައްވަނީ ރައްޔިތުން ކަންބޮޑުވާ ގޮތްގޮތަށެވެ. ދޮންކަޅުވެސް އަންގަވާ ނުލައްވާ އަދުރޭގެ ދެލޯނޭދިއެދޭ ދަރިކަލުން ކެބިނެޓުން ކުއްލިގޮތަށް ވަކިކުރެއްވީއެވެ. ރާއްޖޭން ބޭރުން މާލެވަޑައިގަތުމާއެކު ރަންވޭމަތިން ކާރަކަށް ލައިގެން އަދުރޭ ގެންދިޔަތާކަށް ގެންދިޔަފަހުން އަދުރޭގެ ހަބަރެއް ހިލަމެއް ނުވެއެވެ.

އެންމެފަހުންވެސް ރާއްޖެން ބޭރުންވަޑައިގެންނެވިތަނާ ހިމާޔަތްދިނުމުގެ ނަމުގައި ރާއްޖޭގެ ނައިބުރައީސަކުވެސް ސަރުކާރުގެ ފަރާތުން ރަންވޭމަތިން ކާރަކަށްލައިގެން ގެންގޮސް ބަންދުކުރީ ޖަލުގައެވެ. އަދުރޭއަށް ވަކި އެހެން ނުހަދާނެކަމަށް ބެލޭނެހެއްޔެވެ. އެހުރިހާ ކަންކަމަށް ބެލުމުން ރައީސް މުއިއްޒާ އަދުރޭގެ ގުޅުން ގޯސްވެފައިވަކަމަށް އަދުރޭ ވިދާޅުވެފައި އޮތްއޮތުމުން އަދުރޭ ހުންނެވީ ރަހީނުވެފައިވާކަމަށް ގަބޫލުކުރެވެއެވެ.