މުއިއްޒަށް: ފިރުއައުނުގެ ނިމުން އައީވެސް ނިކަމެތީންގެ ރިޒުގުގައި އަތްއެޅި ހިސާބުން
ކަނޑާ މަގުމަތިކޮށްލުމަކީ ވެރިކަމެއްގެ ފަރާތުން ރައްޔިތުންނަށް ދޭނެ އެންމެ ބޮޑު އަނިޔާ
ސަރުކާރު ހިއްސާވާ ކުންފުނިތަކުން 14 ވަރަކަށް ހާސް މީހުން ވަޒީފާއިން ވަކިކުރުމަކީ ބިރުހުރި ކަމެކެވެ. ނުރައްކާތެރި ކަމެކެވެ. ބައިލައްކައަށްވުރެ ގިނަ މީހުނަށް އެކަމުގެ ސީދާ އަސަރު ކުރާނެކަމެކެވެ.
މުއިއްޒުގެ ވެރިކަމުގެ ލާހޫރޭ ސިޔާސަތުގެ ސަބަބުން ގިނަ އަމިއްލަ ވިޔަފާރިތަކާއި އަމިއްލަ ކުންފިތައް އޮތީ ނޭވާ ހޮޅިއަށް އެޅިފައެވެ. އެހެން ކަމުން ވަޒީފާ ގެއްލޭ މީހުންނަށް ދޭނެ ވަޒީފާއެއް އަމިއްލަ ކުންފުނިތަކަކު ނެތެވެ.
ހުރި ވަޒީފާއަށް ބަރޯސާވެގެން މުއައްޒަފުން ނަގާފައިވާ ލޯނުތައް ދެއްކޭނެ ގޮތެއް ވެސް އެމީހުންނަކަށް ނެތެވެ. އަމިއްލަ މަސައްކަތެއް ފަށައިގަނެގެން އާމްދަނީ ހޯދަން ކަމެއް ކުރެވޭނެ މާހައުލެއް ނެތެވެ. ވަޒީފާއިން ވަކިކުރާ މީހުންނާއި އެމީހުންގެ އާއިލާތައް ބަނޑުފުރާނަ މުއްތި ކުރާނެ ގޮތެއް ވެސް ނެތެވެ.
ޑޮލަރުގެ އަގުބޮޑުވެ އިންފްލޭޝަން ބޮޑުވުމުގެ ސަބަބުން ތަކެތީގެ އަގު އިންތިހާއަށް ބޮޑެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކަރަންޓްގެ އަގު އެހާމެ ބޮޑެވެ. ފެނިގެ ހިދުމަތް ލިބޭ ރަށްރަށުގައި ފެން ބިލުވެސް ނުލާހިކު ބޮޑެވެ. އާއްމު ހާލަތު އެހެން އޮއްވާ ކުއްލިޔަކަށް 14 ވަރަކަށް ހާސް މީހުންގެ ވަޒީފާ ގެއްލުމަކީ އެކީ އެކައްޗަކަށް މުޅި ގައުމުގެ ހިނގުން ހުއްޓޭވަރުގެ ކަމެކެވެ.
އަމްދުން ވަޒީފާއިން ވަކިކުރެވޭ ގިނަ މީހުންނަކީ މުސާރައާއި އިނާޔަތުގެ ގޮތުގައި 15 ހާހަށްވުރެ ދަށުން ފައިސާ ލިބޭ ދެރަވަރު މުއައްޒަފުންނެވެ. ލިބޭ މުސާރައާއި އިނާޔަތުން ދެކޮޅު ނުޖެހިގެން އުޅުނު މީހުންނެވެ. އެ މީހުން ކަނޑާ މަގުމަތިކޮށްލުމަކީ ވެރިކަމެއްގެ ފަރާތުން ރައްޔިތުންގެ ބަޔަކަށް ދޭނެ އެންމެ ބޮޑު އަނިޔާއެވެ.
ނަތީޖާއަކަށް ވެގެން ދާނީ ވައްކަމާއި ފޭރުމާއި މަކަރާ ހީލަތުން މުދަލާ ފައިސާ ހޯދުން ކޮންޓްރޯލުން ނެއްޓުމެވެ. ތަޅާފޮޅުމާއި އަނިޔާވެރިކަން އާއްމުވުމެވެ. އަނެއްކޮޅުން އަމަން ބެލެހެއްޓުމަށް ދައުލަތުން ކުރަން ޖެހޭ ހޭދަ އެތައް ގުނައެއް މަތިވެގެން ދާނެއެވެ. ބަލަހައްޓަންޖެހޭ ކުށްވެރިން ގިނަވެގެން ދާނެއެވެ. ހަރަދު ކުޑަކުރުމުގެ ނަމުގައި އަޅާ ފިޔަވަޅުގެ ސަބަބުން ކުރަންޖެހޭ ހޭދަ ބޮޑުވެ ގައުމުގެ ހީރަސް ކެނޑުން ނޫން ކަމެއް ނުވާނެއެވެ.
ހަރަދު ކުޑަކުރަން އެތައް ހާސް ބަޔަކު ވަޒީފާއިން ވަކިކުރުމަކީ ދުންފަތް ހުއްޓުވަން ސިގިރޭޓް އަގު ބޮޑުކުރުން ކަހަލަ ދެއުޅި އެއްނުވާ ކަމަކަށް ނޫނީ ނުވާނެއެވެ. ހަރަދު ކުޑަކުރަން ކުރަން ހުރި ކަންކަން ނުކޮށް ދެރަވަރު އެތައްހާސް ބަޔަކު ވަޒީފާއިން ވަކިކޮށްލުމަކީ މުއިއްޒު ހަދާނެ އެންމެ ބޮޑު ގޯހެވެ. މުއިއްޒު ވެރިކަމުގައި އަދި ބާކީ ދުވަސް ކޮޅެއް އެބަ އޮތެވެ. ފިރުއައުނުގެ ނިމުން އައީވެސް ނިކަމެތީންގެ ރިޒުގުގައި އަތްއެޅި ހިސާބުންނެވެ.


