އިޒްރޭލަށް ހަތިޔާރު! މުއިއްޒު ހުވާ ކުރަން އެމެރިކާ ވަފްދު!؟
އިޒްރޭލަށް ހަތިޔާރު ފޮނުވަމުން މުއިއްޒު ހުވާ ކުރުވަން ވަފްދެއް ފޮނުވުން
އެމެރިކާގެ ރައީސްގެ ޚާއްޞަ ވަފްދަކުން މުއިއްޒު ރައީސްގެ ހުވާފެށޭތީ މީހުން ގަނޑު އެބަ ސުވާލު ކުރެއެވެ. މީގެ ކުރިން ރާއްޖެއާއި މި ސަރަހައްދުގެ ވޮޗަރުކަން އެމެރިކާއިން ކުރަނީ އިންޑިއާ މެދުވެރިކޮށްގެންނެވެ.
ޗައިނާގެ ނުފޫޒު އިންޑިއާ ކަނޑުގައި ގަދަވިޔަ ނުދިނުމަކީ އެމެރިކާ އާއި އިންޑިއާ ވެސް ހޭލާ އޮވެ ބަލަހައްޓާ ކަމެކެވެ. އިންޑިއާ ކަނޑުކަމަށް ވާތީ އެކަން ބެލެހެއްޓުމުގައި އިންޑިއާ އިސްވެ އޮންނަން އެމެރިކާ ރުހޭތީ ރާއްޖެއާއި މި ސަރަހައްދުގެ ގައުމުތަކުގެ ކަންކަމުގައި އިންޑިއާ ކުރިއަށް ނެރެފައި އެމެރިކާ އޮންނަނީ ފަހަތުގައެވެ.
ރައީސް ކަމުގެ ހުވަޔަށް ތައްޔާރުވެފައިވާ އިރު އެ ރަސްމިއްޔާތަށް އިންޑިއާގެ ޝައުގެއް އޮތް ކަމަކަށް ނުފެނެއެވެ. އިންޑިއާއަކީ ހައިބަ ބޮޑު ސަރަހައްދީ އަދި ނިއުކްލިއަރ ބާރެކެވެ. އެހެނެއް ކަމަކު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރަތް މަހަށް ނުބަވާ ވަރަށް އެ ގައުމަށް ކުޑައިމީސް ކޮށްގެންނެވެ. ކީ އެއްޗެހިންނާއި އެޅުވި ތުހުމަތުން ގައުމެއް ނަމަވެސް ހިތުގައި ޖެހޭނެތާއެވެ.
ހުވާ ކުރާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު މޯދީއަށް ދައުވަތު ދިނެވެ. ނަމަވެސް އިންޑިއާއިން ފޮނުވަނީ ގައިހަން ދޮން ބަލާ ބެލުމަށް ޗައިނާ މީހެއް ކަހަލަ އިންޑިއާގެ ޔޫނިއަން މިނިސްޓަރެކެވެ.
މިދުވަސް ވަރަކީ އިޒްރޭލުން ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުކޮށް ޣައްޒާ ސުންނާފަތި ކުރާ ދަނޑިވަޅެވެ. ރާއްޖެ އޮތީ މިކަމާ ފުފިފައެވެ. އެކި އެއްވުން ތަކަށް އެއްވާ ގިނަ ދިވެހިން ހެދުން އަޅައިގެން ވެސް ތިބެނީ ފަލަސްތީނު މީހުން ފަދައިންނެވެ. ރަށް ރަށާއި ކްލަބް ޖަމިއްޔާތަކާއި އޮފީސްތަކާއި އަދިވެސް ޖެހުނު ކޮންމެ މީހަކު ލިބުނު އެއްޗެއް ޖަމާކޮށް މިލިއަނުން ފަލަސްތީނަށް އެހީވަނީއެވެ.
އެމެރިކާއިން އިޒްރޭލަށް ފޮނުވާ މަތިންދާ ބޯޓްތަކާއި ހަނގުރާމަ މަތީ މަނަވަރު ފަހަރާއި ހަތިޔާރުގެ ބޭނުމަކީ ފަލަސްތީނު ސުންނާފަތި ކުރުމެވެ.
އަޅައިގަނެގެން މިއުޅޭ ތަންކޮޅަކީ އިޒްރޭލަށް ހަތިޔާރު ފޮނުވަމުން މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތަށް އެމެރިކާގެ ރައީސް މި ފަހަރު މާގަދަ ވަފްދެއް ފޮނުވާތީއެވެ.
އިންޑިއާ ފަހަތަށް ޖައްސާލާފައި މުއިއްޒު ސަރުކާރާ އެކު އެމެރިކާއިން ކުރިއަށް ދާން ނިންމީ ބާވައެވެ. އެހެން ވެއްޖެއްޔާ މުއިއްޒު ސަރުކާރަށް ދުނިޔެ ލިބުނީއެވެ. ހިޔާލެއް ފިކުރެއް ކުރާނެ ކަމެއް ނެތެވެ.