އެމްއެމްޕީއާރުސީ
މޫނަކަށް ކަނދުރާއަކަށް ނުބައްލަވާ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބައްލަވާ ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ރައީސް އެހެން ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ތުހުމަތު އޮތް އެތައް ބަޔަކު ކުރިފުޅުމަތީ ބައިތިއްބައިގެން ބޭއްވެވި ހަރުގެ ޖަލްސާއެއްގައެވެ.
ރައީސް އެހެން ވިދާޅުވުމުން މޫނުގެ ކުލަ ބަދަލުނުވާ އެކަކު އެތާ ނެތެވެ. ވާނީ އެހެންތާއެވެ. އަދުރޭއާއި ފަލާހާއި ޝުޖާއަށް ދާންދެން ތިބީ އެ ބޮޑު ހިޔާނާތުގެ ފަތީލެވި ދޮޅިކެނޑިފައެވެ. ޕީއެންސީ މައި ހަރުގޭގައި ހުންނަވާ ރައީސް އެހެން ވިދާޅުވުމުން ޕީއެންސީގެ މޭގަނޑު ގުޑައިގެން ދިޔައެވެ. އެހެން ވާނެތާއެވެ. ޕީއެންސީގެ އިސް ސަފުގައި އެމްއެމްޕީއާރުސީ ހިޔާނާތުން ބައިނޭޅޭ މީހަކު މަދެވެ.
އެމްޕީއާރުސީގެ ބޮޑު ހިޔާނާތް ބަލާ ފިޔަވަޅު އަޅުއްވަން ރައީސް މުއިއްޒު ވިދާޅުވި ފަހުން އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ބޮޑު ހިޔާނާތުގެ ތަހުގީގު ކުރާގޮތެއް އޮތް ހިސާބެއް އެނގޭ އާދަމުގެ ދަރިއަކުނެތެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅޭ ދައުވާތައް ރައީސް ޔާމީނާ ދެކޮޅަށް އުފުލާ ބޮކު ދުވެލީގައި ޝަރީއަތް ހިންގަމުން ދާތީފެނެއެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދައުލަތަށް ގެއްލުނު އެތަން މިލިޔަން ރުފިޔާގެ ތެރެއިން އެންމެ ފައިސާ ފޮއްޗެއްހާ ހިސާބުވެސް އަދި ދައުލަތަށް ލިބުނުކަމަކަށް ނުވެއެވެ. އެހެން އެކަން އޮއްވާ ކުއްލިއަކަށް އިވުނީ އެމްއެމްޕީއާރުސީ ހިޔާނަތާއިގުޅޭ ގޮތުން ކުރީގެ ލީގަލް މިނިސްޓަރ އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިޔަ އަޑެވެ.
މޫނަކަށް ކަނދުރާއަކަށް ނުބައްލަވާ އެމްއެމްޕީއާރުސީ ހިޔާނާތް ބަަލާނެކަމަށް ވިދާޅުވި ރައީސް މުއިއްޒަށް އާޒިމާ ޝަކޫރުގެ ޝަރީއަތް ވެސް ހިންގާލަން ކެރިވަޑައެއް ނުގަތެވެ. އާޒިމާގެ ޝަރީއަތް ހިންގުވާލަން ނުކެރުނު ސަރުކާރަކަށް ރައީސް މުއިއްޒުގެ ވަށައިގެން ތިބި އައުވާނުންގެ ތަހުގީގު ހިންގާ އިންސާފުވެރި ޝަރީއަތެއް ހިންގާކަށް ނުކެރޭނެއެވެ.



