ކަނޑު ދޫކޮށްލި ކަމަށްބުނެ މުއިއްޒު ހެދި ދޮގުވެސް ބޭޒާރުވެއްޖެ

ރައީސް ސޯލިހު ވެރިކަމުގައި ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލިކަމަށް ބުނެ ދެއްކި ވާހަކައަކީ ދޮގެއްކަން މުއިއްޒުގެ ބަންޑާރަ ނައިބު އަހުމަދު އުޝާމު މިހާރު އެވަނީ ކަށަވަރު ކޮށްދީފައެވެ. ކަނޑުން ބައެއް ދޫކޮށްލިކަމަށް ބުނެ އޭރުގެ ސަރުކާރާ ދެކޮޅަށް ދެއްކި ވާހަކައަކީ ކަނޑައެޅިގެން ހެދި ދޮގެއްކަން ސާބިތުވެ ނިމުނީއެވެ.
މުއިއްޒުގެ ބަންޑާރަ ނައިބު ރައްޔިތުން މަޖިލީހުގައި ސާފުބަހުން އެ ވިދާޅުވީ ކަނޑުން ބައެއް ދޫކޮށްލިކަމަށް ބާރުލިބޭ އެއްވެސް ލިޔެކިޔުމެއް ކުރީ ސަރުކާރުން އެއްވެސް ފަރާތަކަށް ދީފައި ނުވާކަމަށެވެ. އުޝާމްގެ ވާހަކައިން ކަށަވަރުވި އަނެއް ކަމަކީ ކަނޑުން ބައެއް ގެއްލުނުކަމަށް ބުނެ އެބައި ހޯދުމަށް އިޓްލޮސްގައި އިސްތިއުނާފް ކުރުމަށް ކުރިހުރިހާ މަސައްކަތެއް ފޭލިވެއްޖެކަމެވެ. އަނެއްކޮޅުން ކަނޑުން ގެއްލުނުބައި ހޯދުމުގެ ނަމުގައި ހަބީރުންގެ ބަޔަކަށް އެތައް މިލިޔަން ޑޮލަރެއް މިސާރުކާރުން ހޭދަކުރި ކުރުމަކީ ގަސްދުގައި މުއިއްޒު ސަރުކާރުން ގައުމަށްވީ ހިޔާނާތަކަށްވެ ނިމުނީއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ވެރިކަމުގެ ދަހިވެތި ކަމުގައި ފެތުރިހުރިހާ ވާހަކައެއް ވެސް ދޮގަށްވެ ނިމުނީއެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ކަނޑުން އަކައިންޗިއެއް ވެސް ދޫކޮށް ނުލާކަމާއި ވިއްކާ ނުލާކަމަށް މުއިއްޒު ސަރުކާރުން އެއްބަސްވެއްޖެއެވެ. ހާސްހާހުން އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ނުތިބޭކަންވެސް މުއިއްޒު ސަރުކާރުން ވަނީ ކަށަވަރުކޮށް ދީފައެވެ. ވެންޓިލޭޓަރުގެ ވައްކަމަކީވެސް ކުރި ކަމެއް ނޫންކަން މުއިއްޒު ސަރުކާރުން މިހާރު އެވަނީ ކަށަވަރު ކޮށްދީފައެވެ.
ވެރިކަމުގެ ދަހިވެތި ކަމުގައި ފެތުރި ދޮގު ވާހަކަތަކުގެ ހަގީގަތް މިހާރު އެވަނީ ބޭޒާރުވެފައެވެ. ފިތުނަޔާއި ނަފްރަތު އުފައްދައިގެން ރައްޔިތުންނަށް އޮޅުވާލައިގެން މުއިއްޒު އިސްވެހުރެ ކުރަން އުޅުނީ ކިއްކަން މިހާރު ރައްޔިތުންނަށް ކިތަންމެ ރަނގަޅަކަށްވެސް ސާފުވާނެއެވެ. ދޮގާއި ހީލަތާއި މަކަރުން ދައުލަތް ލޫޓުވާލަން ބަޔަކު ކުރާނެ އެންމެ މުޑުދާރު ކަންކަން މުއިއްޒު އެހުރީ ކޮށްގެންނެވެ.
ވެރިކަން ހެދިހާ ދޮގުތައް ފަޅާއަރާ މުއިއްޒު އެހުރީ ބޮލާފޮށާ އެޅިފައެވެ. ވެރިކަން ލިބުމަށް ފަހުވެސް މަތި މައްޗަށް ދޮގު ވައުދުވެ ދައުރު ދެބައި ނުވަނީސް ރައްޔިތުންގެ އިތުބާރު މުއިއްޒަށް އެކީ އެކަށްވަނީ ގެއްލިފައެވެ. މުއިއްޒުގެ ވެރިކަމަކީ ދޮގާއި ހީލަތާއި މަކަރުގެ މަތީގައި ދެމިއޮތް އުފެދުމުގައިވެސް ބާތިލު ވެރިކަމެކެވެ.