ހޮވާދިން މީހުން މުއިއްޒު ވައްޓާލަން ފޫގަޅައިފި
ވަހީދު ކަޓުވާލި 6 ދުވަހުގެ ސަބަބުން 5 އަހަރުގެ ދައުރު މިހާރު ބަދަލު ވަނީ ނޮވެމްބަރ 17 ގައި
މީގެ ކުރިންވެސް ސަރުކާރުތައް އައިސް ނިމިދެއެވެ. އަންނަ ކޮންމެ ވެރިކަމަކަށް އަމާޒުކޮށް އަބަދާ އަބަދު ކޮންމެވެސް ހުތުރު އިލްޒާމެއް ހުއްޓާ ނުލާ އަޅުވަން ފެށީމާ އޭގައި ހަގީގަތެއް އޮތަސް ނެތަސް އެކަމެއް ވައިގައިހިފައެވެ. ތާއަބަދު އެއް އަޑެއް އިވެން ފެށީމާ ދޮގު ތެދަށްވެ، ތެދު ދޮގުކަމުގައި ހިތުގެ އަޑިން ގަބޫލު ކުރެވެއެވެ. އެންމެ ފަހުން އެ އަޑުތަކާލާ އޮޅި، އޮންނަ ސަރުކާރު ނިމި އައު ސަރުކާރެއް އައުދެތެވެ.
ރަައީސް މައުމޫނުގެ ދިގު 30 އަހަރަށް ފަހު އައި ރައީސް ނަޝީދުގެ ސަރުކާރު ނިމުނީ ލާދީނީ ޓެގްގައެވެ. އެމްޑީޕީގެ ވެރިކަމެއް އަތުވެއްޖެ ނަމަ ބަންގި ގޮވުން ހުއްޓި އިސްލާމީ މަރުކަޒު ތަޅާލާ އެތަނުގަައި ބުދު ފައްޅިއެއް އަޅާނެ ކަމަށް ކިޔާ އޭގެ ކުރެހުންތައް ވެސް ނެރުނެވެ.
ކޮންމެ އަކަސް 30 އަހަރަށް ފަހު އައި ޑިމޮކްރަސީއާއި މިނިވަންކަމާއި ޚިޔާލު ފާޅުކުރުން ބޮޑުވެގެން ގޮސް ސަރުކާރުގައި ލާދީނީ ލޭބަލް ރަނގަޅަށް ތަތްކޮށްލިއެވެ. އެހެން ނަމަވެސް އެ ސަރުކާރު ފެށި އަހަރަކަށްވުރެ ގިނަ ދުވަސް ވަންދެން ހިމޭންކަން ގައުމުގަައި އޮތެވެ. އޭގެ ފަހުގައި އެދިޔަ ބާރުމިނުގައި މަގުމަތިން ވެރިކަން ވައްޓާލިއެވެ.
ދެން ހަވާލުވި ނައިބު ރައީސް ވެރިކަން ކުރެއްވި 2 އަހަރަކީ ހުން ބުރާންތީގައި ހުރި މީހެއް ފަދައިން ވާނުވާ ސާފު ނުވާ ހިސާބުގައި ޑރ. ވަހީދު ވެރިކަން ކުރެއްވި މުއްދަތެވެ. ބާޣީ ވެރިކަމެއްގެ ގޮތުގައި ނަންވެ ދެންމެ ދެންމެ މަގުމަތިން ވެރިކަން ވެއްޓެނީއޭ ހީވެއެވެ.
ރައްޔިތުން ދުވީ ރައީސް ވަހީދު ފަހައެވެ. ވަހީދު ދުވެވަޑައިގަތީ ރައްޔިތުން އަތުނުޖެހި ދައުރުގެ ބާކީ ހަމަ ކުރުމަށެވެ. ދުވެލި ހުރިވަރު އެނގެނީ ނޮވެމްބަރ 11 ގައި ވެސް ބުރެކި ނުޖެހި ވަހީދު ވެރިކަން ފުރޮޅު ކަހާފައި އިތުރު 6 ދުވަހަށް ދިޔަކަމެވެ. އަދި އަދަށްވެސް އެ 6 ދުވަހަށްވީ ގޮތަށް ޒިންމާވި މީހަކު ނެތެވެ.
ޖުމްހޫރީ ވެރިކަން ރާއްޖޭގައި ފެށުނީ 11 ނޮވެމްބަރ 1968 ގައެވެ. އެކަމަކު ވަހީދު ކަޓުވާލި 6 ދުވަހުގެ ސަބަބުން 5 އަހަރުގެ ދައުރު މިހާރު ބަދަލު ވަނީ ނޮވެމްބަރ 17 ގައެވެ.
ވަހީދަށް ފަހު ވެރިކަން ބަދަލުވީ ވޯޓުލަމުން ލަމުން ގޮސް އެތައް ބުރަކުން ފުލުހުންނާ ސުޕްރީމް ކޯޓު އިންތިޚާބްގެ ތެރެއަށް ވަދެ އައްޓަމަހެއްހެން ތަތްކޮށްގެން ތިބެއެވެ. ރައީސް ޔާމީން މޮޅުވަންދެން ވޯޓުލީ ކޯޓުން ހެދި ގައިޑް ލައިނަކުންނެވެ.
ރައީސް ޔާމީންގެ 5 އަހަރު ނިމުނީ މީހުން ހައްޔަރު ކުރުމާ ކޮރަޕްޝަނާ ވައްކަމުގެ ބޮޑެތި ތުހުމަތުތައް އޮބިނޯވެގެން ގޮސް 2018ގެ އިންތިޚާބު ރައީސް ސޯލިޙް ކާމިޔާބު ކުރައްވައިގެންނެވެ.
ނިމިދިޔަ ރައީސް ސޯލިޙްގެ ވެރިކަން ބަދަލު ކުރަން އެންމެ ހަރުއަޑުން ގޮވީ އިންޑިއާ އައުޓްއެވެ. ދެން ވައްކަމާ ކޮރަޕްޝަނާ ނާގާބިލް މީހުން މަގާމް ތަކަށްލާ ވާހަކައެވެ. އޭގެ އިތުރަށް ހަރާމް ހުކުމެއްގައި ރައީސް ޔާމީން ޖަލުގައި ހުންނެވި ވާހަކަ އެ މަނިކުފާނަށް ތާއީދު ކުރާ އެތައް ހާސް ބަޔަކަށް ބޮޑު ކަމަކަށް ވާވަރު ކޮށްލުވިއެވެ.
ޑރ. މުއިއްޒު ވެރިކަމަށް ހުވާކޮށް މިއުޅެނީ މަހެއް ނުވެއެވެ. ވެރިކަމަށް އައުމަށް ހެދިހާ ދޮގާ މަކަރާ ފަޅާއަރާ ހުވާކުރި އިރުވެސް އޮތީ އަމިއްލައަށް ވައްޓޭ ވަރަށް ފާވެ ފީވެ ޗަސްވެފައެވެ. ކުރިން އިދިކޮޅު ހަރަކާތްތައް ފެށެން އަހަރު ދެއަހަރު ނެގިޔަސް މުއިއްޒު ހޮވުނީއްސުރެ ހޮވާދިން މީހުން މިހާރު އެތިބީ ވައްޓާލަން ފޫގަޅައިގެނެވެ.