ބަދަލު ދިނުމުގައި ސައީދުގެ ޖިނާއީ ނިޔަތެއް ނެތް: ދިފާއީ ވަކީލުން

ބަދަލު ދިނުމުގައި ސައީދުގެ ޖިނާއީ ނިޔަތެއް ނެތް: ދިފާއީ ވަކީލުން

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ އަހުމަދު ސައީދުގެ މައްޗަށް ޖަލު ހުކުމް އިއްވާފައިވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާ ސަޢީދު ހަވާލުވުމުގެ ކުރިން ވެފައިވާ އެއްބަސްވުމަކާ ގުޅޭ މައްސަލައެއްގައެވެ. ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް އާއި ދެމެދު ވެފައިވާ އެއްބަސްވުމަކީ ފެނަކައިން އެކަށީގެންވާ އެއްބާރުލުން ނުދިނުމުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުއްޓިފައި އޮތް އެއްބަސްވުމެކެވެ. 

ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާ ސައީދު ހަވާލުވި އިރު އެ މައްސަލައާއި ގުޅިގެން ބައެއް މުއާމަލާތްތައް ހިނގާފައިވެއެވެ. ގޮތެއް ނުނިމި އޮތް އެ މައްސަލައާ މެދު ގޮތެއް ނިންމުމަކީ މެނޭޖިންގ ޑިރެކްޓަރެއްގެ ހައިސިއްޔަތުން ސައީދުގެ މަސްއޫލިއްޔަތެކެވެ. އެހެންކަމުން އެ މައްސަލާގައި ފެނަކައިގެ ގާނޫނީ ވަކީލުންގެ ލަފާ ސައީދު ހޯދިއެވެ. ވަކީލުން ލަފާދީފައިވަނީ، ސެޓްލްމަންޓް އެގްރީމަންޓަކަށް ނުގޮސްފިނަމަ، ބްލޭޒަން ކުންފުނިން ކޯޓަށް މައްސަލަ ހުށަހަޅާ ހާލަތުގައި، ފެނަކައިން އެ ކުންފުންޏަށް ދޭންޖެހޭ އަދަދު އިތުރުވެގެންދާނެ ކަމަށެވެ. ޝަރީއަތުގެ މަޖިލީހުގައި ވެސް ގާނޫނީ ޑިޕާޓްމަންޓްގެ ވެރިޔާއާއި ފެނަކައިގެ ގާނޫނީ ވަކީލު އެގޮތަށް ލަފާދީފައި ވާނޭކަމަށް ބުނެފައިވެއެވެ. 

ގާނޫނީ ލަފާގެ މައްޗަށް ބިނާކޮށް، ކުންފުނިން ނިންމީ ސެޓްލްމަންޓް އެގްރީމަންޓަކަށް ދިއުމަށެވެ. މެނޭޖިންގ ޑިރެކްޓަރ ހައިސިއްޔަތުން ސައީދު ކުރީ އެކަމެވެ. އެމްޑީގެ ހައިސިއްޔަތުން އެކަމުގައި ކުރަންޖެހޭ އެންމެހައި ކަންކަން ސައީދު ވަނީ ފުރިހަމަ ކޮށްފައެވެ. ކަމަކީ އަލަށް ފެނަކައިން ސައީދު ކުރުވި ކަމެއް ނޫނެވެ. ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކުން ވެސް، ކުރިން އަމަލުނުކޮށް ހުންނަ އެއްބަސްވުންތަކުގައި ސެޓްލްމަންޓް އެގްރީމަންޓްތަކަށް ދިޔުމަކީ އާއްމުކަމެކެވެ. 

މައްސަލަ އުފަން ކުރުވި މީހުންގެ މައްޗަށް ޝަރީއަތް ނުހިންގާ މައްސަލަ ހައްލުކުރި މީހާގެ މައްޗަށް ޝަރީއަތް ހިންގާ އަދަބު ދިނުމަކީ އިންސާފު ނޫންކަން ޝަރިޢަތްކުރި ގާޒީގެ ބަހުންވެސް އެނގެއެވެ. އެހެން ނަމަވެސް ކުށް ސާބިތުވުމުން އަދަބު ކަނޑައެޅުމުގައި، ދައުލަތުން ހުށަހަޅާފައިވަނީ 1 އަހަރާއި 7 މަހުގެ އަދަބެއް ކަނޑައެޅުމަށެވެ. އެހެންނަމަވެސް ކޯޓުން ގާޒީ ކަނޑައެޅީ އެއަށްވުރެ މާ ބޮޑު އަދަބެކެވެ. ސައީދުގެ ޖިނާއީ ނިޔަތް ސާބިތުވާ ފަދަ އެއްވެސް ހެއްކެއް ފެންނާށް ނެތް ނަމަވެސް 4 އަހަރުގެ ޖަލުހުކުމެއް އިއްވުމުގައި ގަޒީއަށް އޮތް މަޖުބޫރަކީ ކޮބައިކަމެއް ނޭނގެއެވެ. ކޮންމެ ފަދަ ވިސްނުމަކުން ހިނގާ ދިޔަ ޝަރީއަތެއް ނަމަވެސް ޝަރީއަތުގެ އިންސާފުވެރިކަމާ މެދު އުފެދޭ ސުވާލުތައް ގިނައެވެ.

ހައިކޯޓްގައި އިސްތިއުނާފް ކުރުން ނޫން ގޮތެއް ދެންނެތެވެ. ރައީސް މުއިއްޒުގެ މުށުތެރޭގައި އޮތްކަމަށް ބެލެވޭ ޝަރުއީ ނިޒާމެއްގެ ތެރެއިން އަދުލުވެރި ފައިސަލާއެއް ކުރެވިދާނެކަމަށް ގަބޫލު ނުކުރެވުނަސް އިސްތިއުނާފް ކުރުމަށް ހައިކޯޓް ދޮރުގައި ޓަކިދޭން ޖެހޭނެއެވެ. އިންސާފު ލިބުމާ ނުލިބުން އެއީ އެހެން ކަމެކެވެ.